ޕެންޑަރ: ހިޕް ހޮޕް ލަވަ ކިޔުމުގައި ކުރީ ސަފުގައި ފިޔަޖަހަމުން އަންނަ ތަރިއެއް

ކިޔާލާ.ކޮމް (ޕެންޑާރ)

މިއަދު ރާއްޖޭގެ މިއުޒިކީ ދާއިރާގައި “ޕެންޑާ” އަކީ ދިވެހި މުޖުތަމައަށް އެއްގޮތަކަށްވެސް އާ ނަމެއް ނޫނެވެ. ޚާއްސަކޮށް، ރާއްޖޭގެ މަގުބޫލު މިއުޒިކް ލޭބަލް “ސިމްބޮލިކް ރެކޯޑްސް” ގެ އުފެއްދުންތަކުންނާއި ލަވަތަކުން ގަވާއިދުން ފެންނަމުންދާ ޕެންޑާ ވެފައިވަނީ ދިވެހި ހިޕްހޮޕް ދާއިރާގެ ކުރީ ސަފުގައި ފިޔަޖަހަމުން އަންނަ ހުނަރުން ފުރިގެންވާ ވިދުންގަދަ ތަރިއަކަށެވެ.

މިއުޒިކީ ދުނިޔެއަށް އޭނާ ލޯބިޖެހި، މި ދާއިރާއަށް ވަދެވުނު ގޮތުގެ ވާހަކަ ހިއްސާކުރަމުން، ހިނިތުންވުމަކާއެކު ޕެންޑާ ބުނީ އޭނާ ބޮޑުވަމުން އައީ  ވެސް މިއުޒިކް ކުޅޭ މާހައުލެއްގެ ތެރޭގައި ކަމަށެވެ. އެ ދަތުރުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޕެންޑާގެ ވަރުގަދަ އަޒުމަކަށްވީ ފަސްނުބަލައި މި ދާއިރާއިން ކުރިއަށް ދެވެން އޮތް އެންމެ ދުރަކަށް ދިއުމެވެ. އޭނާ ފާހަގަކުރި ގޮތުގައި، ދިމާވި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ދެގޮތެއްނުވެ އޭނާއާއެކު ސާބިތުކަމާއެކު ތިބި ސަޕޯޓަރުންގެ ފަރާތުން ލިބުނު އިޚްލާޞްތެރި ލޯތްބާއި އެއްބާރުލުމެވެ.

ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ މުހިންމުކަން ހާމަކުރަމުން ޕެންޑާ ބުނީ، “މީހަކު ނާންނާނެ ކުރިއަރުވާކަށެއް، އަމިއްލައަށް ކުރިއަށް ދާންޖެހޭނީ އަމިއްލައަށް މަސައްކަތް ކޮށްގެން،” ކަމަށެވެ.

ޕެންޑާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް ބަލާއިރު، އޭނާ ކިޔާފައިވާ ލޯބީގެ ރީތި ލަވަތައް ވަނީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭގެ ތެރޭގައި “ބާއްވަދޭށޭ”، “ބޭވަފާތެރިޔާ” އަދި “ފޫއްސެއް ނުވޭ” ފަދަ ލަވަތަކަކީ އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބި، ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފާހަގަކޮށްލެވޭ އުފެއްދުންތަކެކެވެ.

މިއުޒިކީ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށާއި އުންމީދީ ފަންނާނުންނަށް މެސެޖެއް ދެމުން ޕެންޑާ ބުނީ، ކޮންމެ ކަމެއްގައިވެސް އަމިއްލައަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ކާމިޔާބީއާ ދިމާއަށް ކުރާ ދަތުރުގައި ގިނަ ފަހަރު ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ފެއިލްވާ ކޮންމެ ފަހަރަކު އެއިން އިބުރަތް ހާސިލުކޮށް، ހިތްވަރާއެކު އަލުން ތެދުވެ ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ޕެންޑާ ވަނީ ނަސޭހަތްތެރިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*