ގޭގެ ދޮރު ހުޅުވާލުމާއެކު ޝިނާނާއި އަކްމަލަށް ފެނުނީ ހިތް ހުއްޓޭފަދަ މަންޒަރެކެވެ. ކުރިމަތިން ފެންނަން އޮތީ އަކްމަލްގެ މަންމަ ކާމޭޒު ކައިރިއަށް ވެއްޓިފައި އޮތް މަންޒަރެވެ.
ދެމީހުން އެކުގައި ދުވެފައި ގޮސް އަކްމަލްގެ މަންމަ ނަގައި، ސޯފާގައި ބޭއްވިއެވެ. “ޝިންނު! އެމްބިއުލާންސަށް ގުޅާބަލަ!” ހާސްވެ، ކަންބޮޑުވެފައި ހުރި އަކްމަލް ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.
ޝިނާން އަވަސްއަވަހަށް އެމްބިއުލާންސަށް ގުޅިއެވެ. މާ ގިނައިރުތަކެއް ނުވެ އެމްބިއުލާންސް އައުމުން، އެމަރޖެންސީގައި މަރީނާ ހޮސްޕިޓަލަށް ގެންދެވުނެވެ. ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނީ، މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި، މާ ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުންވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. އަދި މަރީނާގެ ޙާލު ކުޑަކޮށް ރަނގަޅުވުމުން ވޯޑަށް ބަދަލުކުރެވުނެވެ.
އެތަނުން ޝިނާނަށް ފެނުނީ ފެންނާނެ ކަމަށް ހީވެސް ނުކުރާ މޫނެކެވެ. ލުބާއެވެ. ލުބާ އޮތީ އެޑްމިޓް ކޮށްފައެވެ. ޝިނާން، އަކްމަލް ގާތު މި އަންނަނީ ކަމަށް ބުނެފައި، އަވަސް އަވަހަށް ލުބާގެ ގާތަށް ގޮސް ވީގޮތް އެހިއެވެ.
ލުބާގެ ގާތުގައި އުމުރުން 30 ވަރަކަށް އަހަރުގެ އަންހެނަކު އިނެވެ. އެމީހާ ޝިނާން އެހެން ދިމާލަކަށް ގެންގޮސް، ތިއީ ކޮން ކުއްޖެއްތޯ ސުވާލުކުރިއެވެ. ޝިނާން ލަދުގަންނަ ގޮތްވެފައި، އޭނާއަކީ ލުބާގެ ބޮސް ކަމުގައި ބުންޏެވެ.
“ޝިނާން ދޯ؟” އެ އަންހެން މީހާ ހިނިތުންވެލަމުން ބުންޏެވެ. “ލުބާ އަބަދުވެސް ދައްކާ ޝިނާންގެ ވާހަކަ. އަހަރެން މީ ލުބާގެ ދޮންތަ. އަހަރެމެންގެ މައިންބަފައިން ވަނީ ނިޔާވެފައި. އަހަރެން ލުބާ އެންމެ ކުޑައިރުއްސުރެ ވެސް ބެލީ. ލުބާ އުޅެނީ އަހަރެންނާއި އަހަރެންގެ ފިރިމީހާ ގާތު. އޭނާއަކީ ފިޓް ޖެހޭ ކުއްޖެއް. ރޭގަ ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެނެވުނީ. އަބަދުވެސް މިހާރަކަށް އައިސް ކޮންމެވެސް ޝިނާނެއް މާ ކަމުދާ ވާހަކަ ދައްކާ. ވަރަށް އުފާވެއްޖެ ޝިނާނާ ދިމާވުމުން. މައްސަލައެއް ނެތިއްޔާ ނަންބަރު ލިބިދާނެތަ؟”
އެ އަންހެން މީހާގެ ހިތްހެޔޮކަމުން ޝިނާނަށް އެކަމާ އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަދި އޭނާއަށް ނަންބަރު ދިނެވެ. ޝިނާން ދެން ދަނީ ކަމުގައި ބުނެފައި އަވަސްއަވަހަށް އަކްމަލްމެން ގާތަށް ދިޔައެވެ. އަދި ދިމާވި ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް އަކްމަލަށް ކިޔައިދިނެވެ. އެ ދެމީހުން އެ ވާހަކައިގައި ތިއްބައި، މާގިނަ އިރުތަކެއް ނުވެ މަރީނާ ގެއަށް ދޫކޮށްލުމުން، ޝިނާން ވެސް އެނބުރި އޭނާގެ ގެއަށް ދިޔައެވެ.
ގެއަށް ވަދެގެން ދިޔައިރު، ސިޓިންގރޫމުގައި ޝިނާންގެ މަންމަ މޫމިނާއާއި، ކޮއްކޮ ރިޒްނާގެ އިތުރުން ރިޒްނާގެ ފިރިމީހާ ރިޝާން ވާހަކައިގައި ތިއްބެވެ. ޝިނާން ގޭތެރެއަށް ވަނުމާއެކު، މޫމިނާ އޭނާއަށް ގޮވާލަމުން ބުންޏެވެ. “ދަރިފުޅާ އާދެބަލަ! މަންމަ މިހިރީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފަ. މިހާރު ދަރިފުޅުގެ ބައްޕައެއް ވެސް ދުނިޔެއަކު ނެތް. ދަރިފުޅު ތިހުންނަނީ އަދިވެސް މީހަކާ ނީނދެ. މާދަމާ ވެސް މަންމަ ލޯ މަރާލަން ޖެހިދާނެ. މަންމަ ބޭނުންވަނީ މަންމަ ދުނިޔޭގައި ހުއްޓާ ދަރިފުޅު ވެސް ކޮއްކޮހެން ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން.”
މަންމަގެ ވާހަކަ އަޑުއަހާފައި ޝިނާން ހިނިތުންވެލަމުން، އެކަމަކު ކުޑަކޮށް ލަދުގަންނަ ގޮތްވެފައި ބުންޏެވެ. “މަންމާ… ތީ ކޮން ކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟ އަދި ނެތެއްނު މީހަކާ ނީނދެވިފައެއް. ހުރިހާ ކަމެއް ވެސް ވާނީ އެކަމަކަށް ކަނޑައެޅިފައިވާ ވަގުތު ޖެހުނީމައެއްނު.”
“ހޫމް، ތި ވަގުތެއް ނުޖެހޭނެ ދުވަހަކުވެސް! މިހާރު އެއްޗެއް ކައިފިންތަ؟” މޫމިނާ، ޝިނާންގެ ގާތަށް ޖެހިލަމުން އަހައިލިއެވެ.
“އާނ މަންމާ، މިއައީ އަކޭ އާއެކު ކައިގެން. ދެންމެ އޭނަ މަންމަ ހޭނެތިފައި އޮތީމަ ހޮސްޕިޓަލަށް ވެސް ގެންދިޔައިން. އެހެންވެ ލަސްވީ،” ޝިނާން ކަންހިނގައިދިޔަ ގޮތް މަންމައަށް ކިޔައިދިނެވެ.
“އެހެންތަ؟ އަހަރެން ވެސް މަރީނާގެ ގާތަށް ނުދާތާ ވަރަށް ދުވަސް ވެއްޖެ،” މޫމިނާ ކަންބޮޑުވުމާއެކު ބުންޏެވެ.
“އާނ، މަންމަގެ ބެސްޓް ފްރެންޑް ދޯ!” ޝިނާން ހީލާފައި، މަޖާވެރި ގޮތަކަށް ބުންޏެވެ.
އެއަށްފަހު، ކޮޓަރިއަށް ވަދެ ފެންވަރާލައިގެން އެނދުގައި އޮށޯވެލިއެވެ. އެކަނިވެރިކަމާއެކު ހަމަހިމޭންވި ވަގުތު، އަނެއްކާވެސް ލުބާގެ ހިޔާލުތައް ޝިނާންގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. މިހެން އޮއްވައި ނުދަންނަ ނަންބަރަކުން ޝިނާންގެ ފޯނަށް ކޯލެއް އައެވެ. ފޯނު ނަގައި ޝިނާން “ހަލޯ” އޭ ބުނެލުމުން ވާހަކަ ދެއްކީ އަންހެނެކެވެ.
“މީ ލުބާގެ ދޮންތަ. ޝިނާން ބިޒީ ގަޑިއެއްތަ މީ؟”
ޝިނާން ޖަވާބުގައި ބިޒީ ނޫން ކަމަށް ބުންޏެވެ.
“މިހާރު ލުބާ ހޮސްޕިޓަލުން ދޫކޮށްލައިފި. މާދަމާއަކީ އޭނާގެ އުފަންދުވަސް. މިރޭ މި އުޅެނީ އޭނާއަށް ސަޕްރައިޒް ޕާޓީއެއް ބާއްވަން. އަޅެ ޝިނާނަށް އާދެވިދާނެތަ؟ އޭނަ އެންމެ އުފާވާނީ އޭރުން،” ދޮންތަ އެދުނެވެ.
ޝިނާން ކުޑަކޮށް ވިސްނާލުމަށްފަހު، އެޑްރެސް ފޮނުވުމަށް އެދި، ދާނެ ކަމުގައި ބުންޏެވެ. އެކޮޅުން ފޯނު ބޭއްވުމާއެކު، ޝިނާން ވަގުތުން އަކްމަލަށް ގުޅައި ބޭރަށް ނިކުމެވިދާނެތޯ އެހިއެވެ. މަންމަ ހަމައަކަށް އެޅިފައި ވުމުން، އަކްމަލް “އާނ، އޯކޭ” އޭ ބުނެފައި ޝިނާންގެ ގޭދޮށަށް އައެވެ.
“ހިނގާބަލަ!” ޝިނާން ނިކުތް ގޮތަށް އަކްމަލްގެ ސައިކަލު ފަހަތަށް އަރަމުން ބުންޏެވެ.
“އަޖައިބެއް! ދާންވީ ތަނެއް އެނގުނީމަތާ ދެވޭނީ،” އަކްމަލް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“ގިފްޓް އެއްޗެހި ވިއްކާ ތަނަކަށް،” ޝިނާން މިހެން ބުނުމުން އަކްމަލް ހިނިއައިސްފައި ބުންޏެވެ. “އާޗާ! ކާކަށް ގިފްޓް ގަންނަން؟ ސައިދޭން ޖެހޭނެ ތި ދާ ތަނަކަށް ގޮސްފައި އައިސް!”
“އާނ، ހިނގާބަލަ ފުރަތަމަ ވާހަކަ ގިނަ ނުކޮށް. ސައި ދީފާނަމޭ،” ޝިނާން މިހެން ބުނުމުން އަކްމަލް ސައިކަލު ދުއްވާލިއެވެ.
އެ ދެމީހުން އެ ބުނާ ފިހާރައަކަށް ގޮސް، ގަންނަން ބޭނުންވި އެއްޗެއް ގަނެގެން ހަވީރު ސަޔަށް ކެފޭއަކަށް ވަނެވެ.
“ހޫނ، ދެން ކިޔާބަލަ!” ކެތްތެރިކަމެއް ނެތި އަކްމަލް ބުނެލިއެވެ.
ޝިނާން ފުން ނޭވާއެއް ދޫކޮށްލަމުން، ލުބާގެ ދޮންތަ ގުޅި ވާހަކައާއި، މިރޭ އޮތް ސަޕްރައިޒް އުފަންދުވަހުގެ ޕާޓީގެ ވާހަކަ އަކްމަލަށް ކިޔައިދިނެވެ. އަދި އޭނާގެ ހިތުގައި ލުބާއާމެދު އުފެދެމުން އަންނަ ޚާއްޞަ އިޙްސާސްތައް ފުރަތަމަ ފަހަރަށް އެކުވެރިޔާއާ ހިއްސާކުރިއެވެ. އަކްމަލް އުފަލުން ފޮޅިފައި ޝިނާނަށް ހިތްވަރުދީ، މިރޭގެ ޕާޓީއަކީ އެ ގުޅުމުގެ އާ ފެށުމަކަށް ވާނެކަމަށް ބުންޏެވެ. އެ ހިތްހަމަޖެހުމާއެކު، ޝިނާންގެ ހިތް އަވަސްވެފައިވަނީ އެރޭ ލުބާއާ ބައްދަލުވާނެ ވަގުތަކަށެވެ.

Leave a Reply