ޝިނާން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަކްމަލް ގާތު ލުބާގެ ދޮންތަ ދެއްކި ވާހަކަތައް ކިޔައިދޭން ފެށިއެވެ. ލުބާގެ ދޮންތަ ބުނި ގަޑިއަށް އެ ރޭ ޝިނާން އެ ގެއަށް ދިޔައެވެ. ޝިނާން ހީކުރި ފަދައިން ލުބާ ހުރީ ޝިނާން ފެނުމާއެކު ހިނިތުންވެ، މޫނުމަތި އަލިވެފައެވެ. ނަމަވެސް، އޮފީހުގައި އުޅޭ ގޮތަކަށް އެ ރޭ ލުބާއެއް ނޫޅެއެވެ. ލުބާގެ ކިބައިން އެ ރޭ ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ލަދުވެތިކަމެކެވެ. ލުބާގެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ނަޒަރު ވަކިކޮށްލަން ޝިނާނަކަށް އެ ރެޔަކު ކުޅަދާނައެއް ނުވިއެވެ.
އަނެއް ދުވަހު އޮފީހަށް ލުބާ ނިކުތެވެ. އެހެން ނަމަވެސް ކުރިއާ ޚިލާފަށް ޝިނާނަކަށް އެއްވެސް އުނދަގުލެއް ނުކުރެއެވެ. ޝިނާނަށް މުޅި މާހައުލުން ވެސް ފެންނަމުން ދިޔައީ ފަޅުކަމެވެ. އެންމެ ފަހުން ކެތްނުވެގެން އަމިއްލައަށް ލުބާއަށް ގޮވާލައި ކައިރިއަށް ގެނެސް ސުވާލުކުރިއެވެ.
“ކޮބާތަ އަނގަގަދަ ލުބާ؟” ޝިނާން މިހެން އެހުމުން ލުބާ ލަދުވެތި ހިނިތުންވުމަކާއެކު ބުނެލިއެވެ. “މިސްވީތަ؟”
ޝިނާން ހީނލާފައި، “ކޮފީ؟” އޭ ބުނުމުން ލުބާ ބޯޖަހައިލިއެވެ. ދެމީހުން އެކުގައި ކޮފީއަކަށް ދިޔައީ “ކެފޭ ޑި މާލެ” އަށެވެ.
ކޮފީ މޭޒުދޮށުގައި ޝިނާން ކޮފީ ތަށްޓަށް ބަލަހައްޓައިގެން އިނުމަށްފަހު، އިސްއުފުލާލައި ލުބާއާ ދިމާއަށް ބަލަން ފެށިއެވެ. ލުބާ ލަދުން އިސްޖަހައިލަމުން، “ޝިނާން ތިހެން ބެލީމަ ލަދުގަނޭ!” އޭ ބުނެލިއެވެ.
ޝިނާން ހީނލާފައި ބުންޏެވެ. “ޝިނާންއޭ؟ ލުބާ ކުރިން ނުލާހިކު ލޯބި ނަންނަމުން ގޮވަމެއްނު!” ޝިނާން މަސައްކަތްކުރީ ލުބާ ލަދުގަންނަވައިލުމަށެވެ.
ނަމަވެސް ލުބާ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރިއެވެ. ލަދުން މޮޔަވާވަރު ވެފައި ހުރި ނަމަވެސް ބަރާބަރަށް ރައްދު ދިނެވެ.
“ޝިނާން ހިތްހަމަނުޖެހެއެއްނު އެކަހަލަ ނަންނަން ކީމަ!” ލުބާ މިހެން ބުނުމުން ޝިނާން ހިނިތުންވެލާފައި ބުންޏެވެ. “އަހަރެން އަލުން އެ ނަންތަކުން ގޮވާށޭ ބުނެފިއްޔާ ގޮވަން ކެރޭނެތަ؟”
ޝިނާން މިހެން ބުނުމާއެކު ލުބާ ޝިނާނާ ދިމާއަށް ބަލައިލަމުން ޖަވާބުގައި ބުންޏެވެ. “ނަންތަކޭ ބުންޏަސް ނޭނގޭނެ، ކިޔާބަ އެ ނަންތައް!”
ލުބާގެ އެ ޖަވާބުން މިފަހަރު ލަދުން އިސްޖަހައިލަން ޖެހުނީ ޝިނާނަށެވެ. “ނޫނޭ…” ޝިނާނަށް ލަދުން ބުނެވުނީ އެވަރަށެވެ.
މިފަދަ ފޮނި ވާހަކައިގައި ތިބެ ކޮފީ ނިންމާލުމަށްފަހު، ދެމީހުން ވެސް އެނބުރި އޮފީހަށް ގޮސް މަސައްކަތުގައި މަޝްޣޫލުވެއްޖެއެވެ.
އޮފީސް ނިންމާލުމަށްފަހު ލުބާ ގެއަށް ގޮސް ފެންވަރާލައިގެން އޮށޯވެލި ތަނާހެން ދޮންތަ އައިސް ލުބާގެ ގާތުގައި އިށީނެވެ. އަދި ޝިނާންގެ ވާހަކަ އެއްސެވެ. “ކޮބާތަ ލުބާގެ ޝިނާން؟”
މި ސުވާލުން ލުބާ ލަދުން އިސްޖަހައިލިއެވެ. “މިއަދު އަމިއްލައަށް އަހަންނަށް ގޮވާފަ ކޮފީ ބޯން ދާން ބުނީ. ކޮފީއަށް ގޮސް ވަރަށް ވާހަކަ ދެއްކިން،” ކަންހިނގައި ދިޔަ ގޮތް ވަރަށް ޖޯޝާއެކު ދޮންތައަށް ކިޔައިދިނެވެ.
“އާޗާ! ކާންދޭން ވާނެ!” ދޮންތަ ވަގުތުން ބުނެލިއެވެ.
ދޮންތަ ކޮޓަރިން ދިޔުމުން، ވެފައި ހުރި ވަރުބަލިން ލުބާއަށް ނިދިއްޖެއެވެ. ނިދަން އޮއްވައި ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. “ހޫނ… މި ގަޑީގަ ކާކުތަ؟ ނުވެސް އޮވެވޭނެ ނެޕެއް ނަގާލަން ވެސް!” ލުބާ މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް ބަލައިލުމާއެކު ސިހިގެން ދިޔައެވެ. އެއީ ޝިނާންގެ ކޯލެކެވެ!
ލުބާ އަވަސްއަވަހަށް ހަމަޖެހިލައި، ނިދި އަޑު ދުއްވާލަމުން ފޯނު ނެގިއެވެ/
ޝިނާން ވާހަކަ ދެއްކިއެވެ. “އަނެއްކާ ބިޒީ ގަޑިއެއްތަ؟”
ލުބާ ވަގުތުން، “ބިޒީ ގަޑިއެއް ނޫން، ކީއްވީ؟” އޭ ބުނެލިއެވެ.
“މިރޭ ޑިނަރ އަކަށް ދާންވީނު؟” ޝިނާންގެ އެ ދަޢުވަތު ލުބާ ވަގުތުން ޤަބޫލުކުރިއެވެ.
ފޯނު ބޭއްވުމާއެކު ލޮލުގައި ހުރި ނިދި އެއްކޮށް ފިލައިގެން ގޮސް، ފުންމައިގެން އެނދުން ތެދުވެ ކޮޓަރިން ނިކުތެވެ. އަދި ސިޓިންގރޫމުގައި އިސްތިރި ކުރަން ހުރި ދޮންތަގެ ގައިގައި އުފަލުން ގޮސް ބައްދައިގަތެވެ.
“ހޫނ… ކިރިޔާއެއްނު އަތުގަ އިސްތިރި ނުޖެހުނީ! ކިހިނެއްތަ ވީ؟” އިސްތިރި ކުރަން ހުރި ލީނާ އަހައިލިއެވެ.
“ދޮންތާ! ދެންމެ ޝިންނު ގުޅާފަ ބުނީ މިރޭ ޑިނަރ އަކަށް ދާން. އަޅެ ހިނގާބަލަ ޑްރެސްއެއް ގަންނަން ދާން،” މިހެން ބުނުމާއެކު ލީނާގެ ގާތަށް އައީ ހިންޏެވެ.
“އައްދޭ! އަލަމާރީގަ ނެތީތަ ޝިނާނަށް ކަމުދާނެ ހެދުމެއް؟” ލީނާ، ލުބާއާ ދިމާކޮށްލިއެވެ.
“އަޅެ ދޮންތާ… ހަމަ ނިއު ޑްރެސްއެއް ބޭނުމީ، ހިނގާބަ!” ލުބާ ކުސްތަޅައިގަތެވެ.
ލުބާ މިހެން ބުނުމާއެކު ލީނާ ބުންޏެވެ. “ހޫނ، ހިނގާ އަވަހަށް. މިހާރު އެއްޔޮށް ފަހެއް ޖަހަނީ. ބަންގި ގޮވަންވާއިރަށް ފިހާރަތައް ބަންދު ކުރާނެ.” ދެމީހުން އެކުގައި އަވަސް އަވަހަށް ހެދުން ގަތުމަށް ފިހާރަތަކަށް ދާން ނިކުތެވެ.
ހަމަ އެވަގުތު ޝިނާން ވެސް އަކްމަލްއަށް ގުޅައިލިއެވެ. “އޭ އަކޭ! ހިނގާބަލަ ޓީޝާޓެއް ގަންނަން ދާން.”
އަކްމަލް ބުންޏެވެ. “ކަލެޔަށް ޓީޝާޓް ގަންނަން ނޫން ގަޑިއެއް ނޭނގުނުތަ؟ މިހާރު އެއްޔޮށް ފަސް ގަޑި ބައިވަނީއޭ!”
“އޭ ހިނގާބަލަ ސައިކަލުގައެއްނު ދާނީ. ހައެއްގެ ފަހުންނޭ ބަންގި ގޮވަނީ!” ޝިނާން ވަގުތުން ބުނެލިއެވެ.
“އާން ދެން ކަލޭ ވިއްޔާ، މިދަނީ ނިކުމެ!” އަކްމަލް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.
ނަސީބަކުން ވަރަށް ފަސޭހައިން ލުބާއަށް ކަމުދާ ހެދުމެއް ގަނެވުނެވެ. ފިހާރައިން ނިކުމެގެން ލުބާއާއި ލީނާ އެކުގައި ގެއަށް ވަންނަން ދިޔައިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް، ގޭގެ ދޮރާ ހަމައަށް އެޅި ފިޔަވަޅުތައް މަޑުޖައްސާލަން މަޖުބޫރުވީ ގޭތެރެއިން މީހަކު ފޯނުން ވާހަކަދައްކާ އަޑު އިވުމުންނެވެ.
އެއީ ލީނާގެ ފިރިމީހާ ފިރާޝްގެ އަޑުކަން އިނގުމުން، ލީނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މަޑުމަޑުން ލުބާގެ އަތުގައި ކޮއްޓާލުމަށްފަހު އިޝާރާތުން ބުނީ، ފޯނު ބާއްވާ ނިމުމުން ފިރާޝް ސިއްސުވާލުމަށްޓަކައި ކުއްލިއަކަށް ދޮރު ހުޅުވާލުމަށެވެ. އެ ސަމާސާގައި ބައިވެރިވުމުގެ ގޮތުން ދެމީހުން ދޮރުގައި ކަންފަތް ޖަހައިގެން މަޑުކޮށްލިއެވެ.
ނަމަވެސް، ފިރާޝް ފޯނުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި ލީނާއަށާއި ލުބާއަށް އިވެމުން ދިޔައީ ދުވަހަކުވެސް އިވިދާނެ ކަމަށް އުންމީދު ކުރި ވާހަކަތަކެއް ނޫނެވެ.
“ޝަފްނާ، އަޑުއަހާބަލަ… މިރޭ ދާނަމޭ. ލީނާ ބޭރުގަ އުޅޭތީ މިގަޑީގަވެސް މި ވާހަކަ މި ދައްކަނީ. އަހަރެން ލޯބިވަނީ ޝަފް ދެކެއޭ…” ފިރާޝް ފޯނުން ވާހަކަދައްކަމުން ދިޔައީ އޭނާގެ ސިއްރު ލޯބިވެރިޔާއާއެވެ.
އެހެނަސް އެއީ ނުދަންނަ މީހެއް ނޫނެވެ. އެ އަޑު އިވުމާއެކު ލީނާއަށް ކުރެވެމުން ދިޔައީ މުޅި ދުނިޔެ އެނބުރިގަނެ، ދިރިއުޅުން އެކީ އެކަށް ނިމުމަކަށް އައި ފަދަ
ސެކެވެ. ދެފައިން ވާގިދޫވެ، ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. ސަބަބަކީ ޝަފްނާއަކީ ޚުދު ލީނާގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައި، ފިރާޝަކީ އޭނާ ފުރާނައަށްވުރެ ބޮޑަށް އިތުބާރުކުރި ލޯބިވާ ފިރިމީހާ ކަމުގައި ވާތީއެވެ.
ލީނާގެ އަތުގައި އޮތް ކޮތަޅު އަތުން ދޫވެ ބިންމައްޗަށް ވެއްޓުނު އަޑަށް، އެތެރޭގައި ހުރި ފިރާޝް ކުއްލިއަކަށް ފޯނު ކަނޑައިލިއެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ރޮވިފައި ހުރި ލީނާއާއި، ރުޅިއާއި ހިތާމައިން ފުރިގެންވީ ނަޒަރަކުން ބަލަހައްޓައިގެން ހުރި ލުބާ ފެނުމުން ފިރާޝްގެ މޫނުމަތީގެ ކުލަވަރު އެއްކޮށް އޮއްސިގެން ދިޔައެވެ.
“ލީ… ލީނާ؟” ފިރާޝްގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. އޭނާއަށް އެ ދެއްކުނު ވާހަކަތައް އަޑުއިވުނުކަން ވަގުތުން ވިސްނުނެވެ.
“ކީއްވެ ފިރާޝް؟ އަހަރެން ކޮން ކުށެއް ކޮށްގެން؟” ލީނާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއްވެސް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ލުބާ ވަގުތުން ދޮންތަގެ ގައިގައި ބައްދާލަމުން ފިރާޝްއާ ދިމާއަށް ބަލައިލިއެވެ.
“ލަދެއްވެސް ނުގަނޭތަ؟ ދޮންތަ ދިން ލޯތްބާއި އިތުބާރުގެ ބަދަލުގަ ދިން އެތިފަހަރު ދޯ ތީ؟” ލުބާގެ އަޑުގައިވީ ނުރުހުމާއި ނަފްރަތެވެ.
އެ ވަގުތަކީ ޝިނާންއާއެކު ޑިނަރއަށް ދާން އޮތް އުފާވެރި ވަގުތު ކަމުގައި ވިޔަސް، ދޮންތަގެ ހިތްހަމަޖެހުމާއި ރައްކާތެރިކަން ލުބާއަށް މާ މުހިންމުވިއެވެ. ގޭތެރޭގެ އުފާވެރި މާހައުލު އެކީގައި ބަދަލުވެ، މުޅި މާހައުލަށް ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ. ލީނާ ގޮވައިގެން ކޮޓަރިއަށް ވަދެ، ދޮންތައަށް ހިތްވަރު ދިނުމުގައި ލުބާ އަވަދިނެތި އުޅެން ފެށިއެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް، ޝިނާން ގުޅަން ފެށިއެވެ. ލުބާ ފޯނު ނަގައި، ކަންތައް ވީގޮތް ކުރު ގޮތަކަށް ޝިނާނަށް ކިޔައިދިނެވެ. ޝިނާން ވަގުތުން ދެރަވެ، ލުބާއަށް ހިތްވަރުދީ، މި ވަގުތު ދޮންތަގެ ގާތުގައި ހުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ބުންޏެވެ. އަދި އޭނާގެ ފަރާތުން ކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދޭން ތައްޔާރަށް ހުރިކަމުގެ ޔަގީންކަން ވެސް ދިނެވެ. ޝިނާންގެ އެ ވިސްނުންތެރި އަދި އަޅާލާ މިޒާޖުގެ ސަބަބުން، ހިތާމައިގެ ތެރޭގައި ވެސް ލުބާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ ތަސައްލީއެއް ލިބިގެން ދިޔައެވެ.

Leave a Reply