ޝެއިޚް އަކްރަމާ ސަބްރީ: އިސްރާއީލުން ޔަހޫދީ ބަންދު ދުވަސްތަކުގެ ބޭނުން ހިފައި އަލްއަޤްޞާ މިސްކިތަށް ހަމަލާތައް އަމާޒުކުރަނީ

އަލް ަޒީރާ

އިސްރާއީލުގެ ހިސާރުވެރި ސިފައިން ޔަހޫދީންގެ ބަންދު ދުވަސްތަކުގެ ފައިދާ ނަގައިގެން، މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ މާތްވެގެންވާ އަލްއަޤްޞާ މިސްކިތަށް ހަމަލާދީ، އެ މިސްކިތުގެ ހުރުމަތް ކަނޑަމުންދާ ކަމަށް އަލްއަޤްޞާ މިސްކިތުގެ ދަރުސްވެރިޔާ ޝެއިޚް އަކްރަމާ ސަބްރީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ ނެޓަށް ދެއްވި އިންޓަވިއުއެއްގައި ޝެއިޚް އަކްރަމާ ވަނީ ސިޔާސީ އަދި ދީނީ އެކި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޤުދުސްގެ ހާލަތު ގޯސްކޮށް، އަލްއަޤްޞާ މިސްކިތް ހިސާރުކުރުމަށް ޔަހޫދީ ބަންދު ދުވަސްތައް ބޭނުން ނުކުރުމަށް އިންޒާރު ދެއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު މަހަކީ ޔަހޫދީންގެ އެކި ބަންދު ދުވަސްތައް އަންނަ މަހަކަށް ވާތީ، ޔަހޫދީ ސިފައިންނާއި ހައްދުފަހަނައަޅާފައިވާ ވަޒަންވެރިންގެ ފިޔަވަޅުތަކުގެ ސަބަބުން މި ސަރަހައްދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

ޝެއިޚް އަކްރަމާ ސިފަކުރެއްވި ގޮތުގައި އިސްރާއީލުގެ ފިޔަވަޅުތަކުގެ ސަބަބުން މުޅި ޤުދުސް ސިޓީ މިހާރު ވަނީ “ބޮޑު ޖަލަކަށް” ބަދަލުވެފައެވެ. އަދި މިހާރު ވެރިކަމުގައި އޮތް ކަނާތުފިޔައިގެ ހަރުކަށި ސަރުކާރަކީ ތާރީޚުގައި ވެސް ފެނުނު އެންމެ ނުބައި އިސްތިއުމާރީ އެއް ސަރުކާރު ކަމަށާއި، މިސްކިތްތަކުގެ ދަރުސްވެރިންނާއި އިލްމުވެރިންގެ ޒިންމާއަކީ ބިންމަތީގައި ހިނގާ މި ހަގީގަތްތައް ހެކިތަކާއެކު ދުނިޔެއަށް ހާމަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނުތަނަވަސްކަމާ ދިމާކޮށް، ހުކުރު ދުވަހު ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ހުރިހާ ބެޓޭލިއަންތަކެއް ބައިވެރިކޮށްގެން އިސްރާއީލް ސިފައިން ވަނީ ކުއްލި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނި ގޮތުގައި މިއީ އިބްރާހީމީ އާ އަހަރާ ގުޅިގެން ފެށުނު ޔަހޫދީ ބަންދު ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން “ސަޕްރައިޒް މަންޒަރުތަކާ” ކުރިމަތިލާން ހިންގި ތަމްރީނުތަކެކެވެ.

ފަލަސްތީނުގެ މަސްދަރުތަކުން އިންޒާރު ދޭ ގޮތުގައި، އިސްރާއީލުން ގެންގުޅޭ މި ސިޔާސަތުތަކަކީ ހަމައެކަނި ބަންދު ދުވަސްތަކަކަށް އަމާޒުކޮށްފައިވާ ކަންކަމެއް ނޫނެވެ. މިއީ އަލްއަޤްޞާ މިސްކިތް ވަށާލައި، ފަލަސްތީނު މީހުން އެ ސަރަހައްދުން ބޭރުކޮށް، ޤުދުސް ޔަހޫދީ ތަނަކަށް ބަދަލުކޮށް ބިންމަތީގައި ދާއިމީ ހަގީގަތްތަކެއް ގާއިމުކުރުމަށް ރާވައިގެން ހިންގާ ޖަރީމާއެކެވެ.

މިގޮތުން، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު އިތާމަރު ބެން ގްވީރު ވަނީ އެތައް ފަހަރަކު ވަޒަންވެރިން ގޮވައިގެން އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑާލާފައެވެ. އަދި ނެސެޓް މެމްބަރު ސިމްޗާ ރޮޓްމަން ވަނީ، ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ ކޯޓުން ހޯދަމުންދާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސިޓީއެއް ފޮނުވައި، މިސްކިތް ތެރޭގައި ޔަހޫދީންގެ ދީނީ އާދަކާދަތައް ފާޅުގައި ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް އެދިފައެވެ.

އަހަރު ފެށުނު ފަހުން ޤުދުސްގެ 800 އަށް ވުރެ ގިނަ ރައްޔިތުން އަލްއަޤްޞާއަށް ވަނުން މަނާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ޒުވާނެއް ކަމަށްވާ ޔޫސުފް އަލްރަޝްޤު ވަނީ މިސްކިތަށް ވަނުން 6 މަހަށް މަނާކުރުމުގެ އިތުރުން، ސިލްވާންގައި ހުރި އޭނާގެ އާއިލީ ގެ ވެސް ތަޅާލާފައެވެ. އަލްރަޝްޤު ބުނި ގޮތުގައި މިއީ ފަލަސްތީނު މީހުން އަމިއްލަ ވަޒަނުން ބޭރުކުރުމަށް ހިންގާ ނުބައި ޖަރީމާއެކެވެ.

އެކަޑަމިކް ރިސާޗަރު ސާހިރު ޣަޒާވީ ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުން މަގުތައް ބަންދުކޮށް، ގިނަ އަދަދެއްގެ ޗެކްޕޮއިންޓްތައް ހަދައި، ފަލަސްތީނު ރައްޔިތުންނަށް އުނދަގޫ ކުރަމުންދަނީ ޔަހޫދީ ވަޒަންވެރިންނަށް ފަސޭހަކޮށްދިނުމަށެވެ. މިކަމުގެ ސަބަބުން އަލްއަޤްޞާ މިސްކިތް އޭގެ އަސްލު ފަލަސްތީނީ މާހައުލުން އެކަހެރިކޮށް، އެ ސިޓީގެ އިޤްތިޞާދާއި ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*