ޝިނާން 05

ކިޔާލާ.ކޮމް

އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެވެ. ފިރާޝް އެ ގެއިން ނިކުމެގެން ދިޔަކަން ލީނާ އަދި ލުބާއަށް އެނގުނެވެ. އެމީހުން ދިރިއުޅެމުން ދިޔައީ ލީނާ އަދި ލުބާގެ މައިންބަފައިންގެ ގޭގައެވެ. ދިއުމުގެ ކުރިން، ކޯޓަށް ވަރީގެ ފޯމު ލާނެ ކަމަށް ލީނާ ވަނީ ފިރާޝް ގާތުގައި ބުނެ އަންގާފައެވެ.
ފިރާޝް ދިއުމުން، ހިތާމަތަކުގެ ތެރޭގައި އިން ލީނާ ހަމައަކަށް އެޅުވޭތޯ ލުބާ ވަރަށް މަސައްކަތް ކުރިއެވެ. ނަސީބަކުން ލީނާއަކީ އަބަދުވެސް ހިތްވަރުގަދަ އަންހެނެކެވެ. މާ ގިނައިރެއް ނުވެ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، ހަމައަކަށް އެޅިއްޖެއެވެ. އަދި އޭނާގެ ސަބަބުން ކޮއްކޮ ލުބާ ހާސްވެ ފިކުރުބޮޑުވާނެކަން އެނގޭތީ، ހިތްވަރު ނެރެފައި ޝިނާންގެ ވާހަކަ ފެށިއެވެ.
“ލުބާ… ޝިނާންއާ އެއްކޮށް ރޭގަ ޑިނަރއަށް ދާން އުޅެފަ ކެންސަލްވީ ދޯ؟ ހިނގާ މިއަދު މެންދުރު ކާން ޝިނާން މިގެއަށް ގެންނަން! އޮފީހަށް ސަލާމް ބުނީ ކީއްވެތަ؟” ލީނާ ހިތްހަމަޖެހޭ ގޮތް ދައްކަމުން އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
ލުބާ ކުޑަކޮށް ހީނލަމުން ބުންޏެވެ. “ދޮންތާ، ތަންކޮޅެއް ލަހުން ވާހަކަ ދައްކަބަލަ! ޝިންނު ބުނީ މިއަދު އޮފީހަށް ނަޔަސް އޯކޭއޭ. މި ގުޅަނީ ޝިންނުއަށް މެންދުރު ކާން އަންނާށޭ ބުނަން. އެކަމަކު ކޯއްޗެއް ކައްކާނީ؟”
“ދޮންތަގެ ސްޕެޝަލް ފްރައިޑް ރައިސް ކައްކަމާ ދޯ؟” ލީނާ ޚިޔާލެއް ދިނެވެ.
“އާނ! އެވަރެއް ނޯންނާނެ،” ލުބާ އެއްބަސްވަމުން ފޯނު ނަގައި ޝިނާންއަށް ގުޅިއެވެ. އަދި މެންދުރުގެ ކެއުމަށް އެގެއަށް އައުމަށް ދަޢުވަތު ދިނެވެ.
ލުބާގެ ދަޢުވަތު ލިބުމާއެކު، ޝިނާން އެއްވެސް ޖެހިލުމެއް ނެތި ވަގުތުން ބުންޏެވެ. “ޔަޤީނުންވެސް ދާނަން!”
ޝިނާން އަންނާނެކަން އެނގުމުން، ލުބާއާއި ލީނާ ގޭތެރޭގެ ހިތްދަތި މާހައުލުން ބޭރުވެ، ބަދިގެއަށް ވަދެ މެންދުރުގެ ކެއުން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ފަށައިގަތެވެ.
ގަޑިއަށް ކައްކައި . ނިންމާލުމަށްފަހު، ޝިނާން އައުމުގެ ކުރިން ލުބާ ދިޔައީ ފެންވަރާ ތާޒާވެލާށެވެ. ލީނާވެސް އަވަހަށް ފެންވަރާލައިގެން ނިކުމެ، ކާ މޭޒުމައްޗަށް ތަކެތި އަރުވައި ކާން ހަދައި ނިންމާލި ވަގުތަކީ ގޭގެ ބެލް ޖަހައިލި ވަގުތެވެ.
ލީނާ ގޮސް ދޮރު ހުޅުވާލިއިރު، ބޭރުގައި ހިނިތުންވެލައިގެން ޝިނާން ހުއްޓެވެ.
“އަހާ، ޝިނާން! އާދޭ އާދޭ އެތެރެއަށް،” ލީނާ ހިތްހެޔޮކަމާއެކު މަރުޙަބާ ކިޔެވެ. “ލުބާ ވެއްޖެ ފެންވަރަން ވަދެ، މިހާރު ނިކުންނާނެ.”
ލީނާ ވަރަށް ގާތްކޮށް ހިތްހެޔޮކަމާއެކު ޝިނާނާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް، ލީނާގެ އެ އޯގާތެރި މެހެމާންދާރީގެ ސަބަބުން ޝިނާން އިނީ ކުޑަކޮށް ލަދުގަންނަ ގޮތްވެ، ބަސްމަދުވެފައެވެ.
މިހެން ތިއްބައި ލުބާ ފެންވަރައިގެން ނިކުތެވެ. ޝިނާންއަށް ސީދާ ލުބާގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. އެ މޫނުން ޝިނާންއަށް ފެންނަމުން ދިޔައީ ތަފާތު ރީތި ކަމެކެވެ. ހީވަނީ ސާދަ ފަނަރައިގެ ހަނދެއް ހެންނެވެ. ލުބާ އައިސް އިށީންއިރު ވެސް ޝިނާން ހުރީ ހުއްޓުން އަރައިފައެވެ. ލީނާ ލުބާއަށް އިޝާރާތުން އެ މަންޒަރު ދައްކައިލަމުން ޝިނާންގެ ކޮނޑުގައި ޖަހައިލިއެވެ.
“ޝިނާން، ކީއްވެފަ ތީނީ؟” ލީނާ އެހިއެވެ.
ޝިނާންއަށް ހޭވެރިކަން ވީ ދެނެވެ. އޭނާ ލަދުން ހަލާކުވާވަރު ވިއެވެ. އަދި އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
“އަދި ނުބުނެވޭ ދޯ! އެބަޖެހޭ ލަންކާއަށް ޖައްސާލަން، ބިޒްނަސް ކަމަކު،” ޝިނާން ބުނެލިއެވެ.
ޝިނާން ބުނި ޖުމުލައިން ލުބާގެ ހިތް ނުތަނަވަސް ކުރުވިއެވެ. “ކޮންއިރަކު ފުރަނީ؟” ލުބާ މަޑުމަޑުން އަހައިލިއެވެ.
“މާދަމާ އިރުއޮއްސޭއިރު. ހެނދުނު ދާނަން އޮފީހަށް، އެންމެންނާ އެކު މީޓިންގެއް އޮންނާނެ،” ޝިނާން ބުންޏެވެ. ހަގީގަތުގައި ޝިނާން ވެސް ދަނީކީ ދާން ހިތަކުން ނޫނެވެ.
އެންމެން ކައި ނިމުމުން، ލީނާ ރައްޓެއްސެއްގެ ގާތަށް ބޭރަށް ދިޔައެވެ. ގޭގެ ސޯފާގައި ތިބެ ޝިނާންއާއި ލުބާ ވާހަކަ ދައްކަން ފެށިއެވެ.
“މިއަދު ހާދަ ލޯތްބޭ،” ޝިނާން މިހެން ބުނުމުން ލުބާ ލަދުގަންނަ ގޮތަކަށް، “މިއަދު އެކަނި ދޯ؟” އޭ އަހައިލިއެވެ.
“ނޫނޭ، އަބަދުވެސް!” ޝިނާން ޖަވާބު ދިނެވެ.
ލުބާ ލަދުން އިސްޖަހައިލަމުން “ޝިންނު ވަރަށް ހޭންޑްސަމް،” އޭ ބުނެލިއެވެ.
ދެމީހުން އެކަކު އަނެކަކަށް ތައުރީފުކޮށް، ހުޝާމަދު ކުރުމުގައި ތިއްބައި، ޝިނާންއަށް ބޭއިޚްތިޔާރުގައި ލުބާގެ އަތުގައި ހިފައިލެވުނެވެ. އަދި ލުބާއަށް ވެސް ޝިނާންއާ އިތުރަށް ގާތްވެވުނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*