ފޯނަށް ވުރެ ބޮޑު ނުރައްކަލަކަށް ޒަމާނީ ކާރުތައް: ޓޮޔޯޓާ އާއި ހިއުނޑައި ހިމެނޭހެން ޕްރައިވެސީގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ

ކިޔާލާ.ކޮމް

ޒަމާނީ ޓެކްނޮލޮޖީއާ އެކު އުފައްދަމުން އަންނަ ސްމާޓް ކާރުތަކަކީ ސްމާޓްފޯނުތަކަށް ވުރެ ވެސް ބޮޑަށް އަމިއްލަ ޒާތީ މައުލޫމާތު ނުވަތަ ޕްރައިވެސީއަށް ނުރައްކާ އޮތް ވަސީލަތްތަކަކަށް ވެފައިވާ ކަމަށް ފަހުގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ. ސްމާޓް ކާރުތައް މެދުވެރިކޮށް ޑްރައިވަރުންނާއި ދަތުރުވެރިންގެ ޒާތީ ޑޭޓާ އެއްކޮށް، އެހެން ފަރާތްތަކަށް ވިއްކުމުގެ މައްސަލަތަކެއް ދުނިޔޭގެ ބޮޑެތި ކާރު ކުންފުނިތަކުގެ މައްޗަށް މިހާރު ވަނީ ފެންމަތިވާން ފަށައިފައެވެ.

އެމެރިކާގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ޖެނެރަލް މޮޓޯސް (ޖީއެމް) އިން ސްމާޓް ސިސްޓަމްތައް މެދުވެރިކޮށް އެއްކުރި ޔޫޒަރުންގެ ޑޭޓާ ތިންވަނަ ފަރާތްތަކަށް ވިއްކުމުން އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން (އެފްޓީސީ) ވަނީ އެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ. “ޝެވަރލެޓް” އަދި “ކެޑިލެކް” ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ވެރި ޖީއެމް ކުންފުނިން ވަނީ ކެލިފޯނިއާގެ ލައްކައެއްހާ މީހުންގެ ދުއްވުމުގެ އާދަތަކާ ބެހޭ ތަފްސީލީ މައުލޫމާތު ގަވާއިދާ ހިލާފަށް ވިއްކި މައްސަލަ ހައްލުކުރަން 12.75 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފައެވެ.

މި ޑޭޓާގެ ތެރޭގައި ކާރު ދުއްވި ވަގުތުތަކާއި، ދިޔަ ތަންތަނާއި، ދުއްވި ސްޕީޑްގެ އިތުރުން ސޭފްޓީ ރޭޓިން ހިމެނެއެވެ. އެފްޓީސީން މިހާރު ވަނީ ޑްރައިވަރުންނަށް ފަސޭހައިން ޑޭޓާ ހިއްސާކުރުން ހުއްޓުވޭނެ ގޮތަށް ނިޒާމު ބަދަލުކުރަން ޖީއެމް އަށް އަންގައިފައެވެ.

މި މައްސަލަ ހަމައެކަނި އެމެރިކާގެ ކުންފުނިތަކަކަށް އެކަންޏެއް ނޫނެވެ. އޮސްޓްރޭލިއާގެ ކޮންސިއުމަރ ރައިޓްސް އެޑްވޮކޭޝަން ގްރޫޕް “ޗޮއިސް” އިން ހެދި ތަހުގީގަކުން ހާމަވި ގޮތުގައި، ދުނިޔޭގައި އެންމެ މަގުބޫލު ޖަޕާނުގެ “ޓޮޔޯޓާ” އާއި ދެކުނު ކޮރެއާގެ “ހިއުނޑައި” އިން ވެސް ދަނީ ބިރުވެރި މިންވަރަކަށް ޑޭޓާ އެއްކުރަމުންނެވެ. އެގޮތުން ހިއުނޑައި އިން ޔޫޒަރުންގެ އަޑުގެ ސިފަތައް (ވޮއިސްޕްރިންޓް) އެއްކުރާއިރު، ޓޮޔޯޓާ އިން ދުއްވުމާއި ބްރޭކް ހިފުމުގެ ތަފްސީލުތައް އެއްކޮށް ތިންވަނަ ފަރާތްތަކާ ހިއްސާކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާރުގައި ހުންނަ ކެމެރާތަކާއި ސެންސަރުތައް މެދުވެރިކޮށް މީހާގެ ބަރުދަނާއި، މޫނުމަތީގެ އިހުސާސްތަކާއި، އުމުރު އަދި ނަސްލު ވެސް ދެނެގަނެއެވެ. އަދި ފޯނު ކާރާ ގުޅާލުމުން ފޯނުގައި ހުންނަ ޒާތީ މައުލޫމާތުތަކަށް ވެސް ކާރުގެ ސިސްޓަމްތަކަށް ވަދެވެއެވެ.

ސްމާޓްފޯނުތަކާ އަޅާބަލާއިރު ކާރުތަކުން ޑޭޓާ އެއްކުރުން ނުރައްކާވަނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. އެއީ އެއްކުރާ ޑޭޓާގެ ބާވަތް ކާރު ދުއްވާ މީހާއަށް ސާފުކޮށް ނޭނގުމާއި، އެ މައުލޫމާތުގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ބޮޑުވުމުގެ އިތުރުން ޑޭޓާ އެއްކުރުން ހުއްޓުވުމަށް (ޑިސެބަލް ކުރުމަށް) ފަސޭހަ ނުވުމެވެ. “އޯލް އެބައުޓް ކުކީސް” އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޓެސްލާ އަދި ކިއާ ފަދަ ކާރުތަކުގައި ޑޭޓާ އެއްކުރުން ހުއްޓުވައިފިނަމަ، އެކްސިޑެންޓް ރިޕޯޓްކުރުމާއި ސޮފްޓްވެއާ އަޕްޑޭޓްތައް ހުއްޓި، ފަސިންޖަރުންގެ ރައްކާތެރިކަމަށް ބޮޑެތި ބުރޫތަކެއް އަރައެވެ.

ހުޅަނގުގެ ގައުމުތަކުން މިފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، ޓޮޔޯޓާ، ހިއުނޑައި އަދި ކިއާ ފަދަ ބްރޭންޑްތައް އިންތިހާއަށް ގިނައިން ބޭނުންކުރާ އަރަބި ސަރަހައްދުތަކާއި އެހެނިހެން ގައުމުތަކުގައި ވެސް ކާރު ދުއްވާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް މާހިރުން ދެކެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*