ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވިޔަފާރި ސިޔާސަތުތަކާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާތަކުން ކުރިމަތިކުރި ވަރުގަދަ ޕްރެޝަރުތަކާ ގުޅިގެން، ވޯލްޑް ކަޕްގެ ވިޔަފާރީގެ ހައްގުތައް ވިއްކުމާ ގުޅޭ ހުށަހެޅުން އަލުން ރިވިއުކުރުމަށް ފީފާއިން އެއްބަސްވެއްޖެއެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ ވޯލްޑް ކަޕާއި އެއާ ގުޅުންހުރި ބޮޑެތި މުބާރާތްތަކުގެ ވިޔަފާރީގެ ހައްގުތަކުގެ 20 އިންސައްތަ ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށް “ފީފާ ފޯވާޑް އެންޓަޕްރައިސް” ގެ ނަމުގައި އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ. މި ހުށަހެޅުމާއެކު ދުނިޔޭގެ ފުޓްބޯޅައިގެ ތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، ޔުއެފާ، އޭއެފްސީ އަދި ކޮންކަކާފް ފަދަ ބޮޑެތި ކޮންޓިނެންޓަލް ފެޑެރޭޝަންތަކުން ވަނީ ފީފާގެ އިދާރީ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ޑިމާންޑްކޮށްފައެވެ. އަދި އިންފަންޓީނޯއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރުވެސް ބައެއް ފަރާތްތަކުން ދިނެވެ.
މިދިޔަ ހަފްތާގައި ފީފާގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުލާ ވަނީ، ގާނޫނީ ކޮމިޓީގެ ބައްދަލުވުމެއްގައި މި ވިޔަފާރީގެ މުއާމަލާތާ ގުޅޭ މުހިންމު އަދި އަސާސީ ސުވާލުތަކަށް ޖަވާބުނުދީ ފީފާއިން ދުރުހެލިވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ފީފާއިން ރޮއިޓާސްއަށް ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ގަވަރނަންސް ގަވާއިދުތަކާ އެއްގޮތަށް ދާއިމީ ކޮމިޓީތަކުން ލަފާދޭކަން ކަށަވަރުކުރާ ކަމަށެވެ. އަދި ކުރިން އަނބުރާ ގެންދިޔަ އެ ވިޔަފާރި ހުށަހެޅުމުގެ ރިވިއުއެއް، 37 މެންބަރުންގެ މައްޗަށް އެކުލެވޭ ފީފާ ކައުންސިލްގެ މޭޒުމައްޗަށް އަލުން ހުށަހަޅާނެ ކަމަށްވެސް ފީފާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އިންފަންޓީނޯގެ ސިޔާސަތުތަކާ މެދު ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ނުރުހުން އިތުރުވަމުންދާއިރު، ބައެއް ފެޑެރޭޝަންތަކުން ވަނީ އޭނާ ދެން އަންނަ ދައުރަކަށް އިންތިޚާބު ކުރުމަށް ދިން ތާއީދު އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި ގްރީކް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަކިސް ގަގަސިސް އާއި ޖަރުމަނު ޓީމުގެ ކުރީގެ މެނޭޖަރު އޮލިވަރ ބިއެރްހޯފް ފަދަ ބޭފުޅުން ވަނީ ފީފާގެ ލީޑަޝިޕް ބަދަލުކުރުމަށް ގޮވާލާ ޔުއެފާގެ އަޑުތަކާ ގުޅިވަޑައިގެންފައެވެ.
ޔޫރަޕުން ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ “ބަޣާވާތެއް” ކުރިމަތިކުރި ނަމަވެސް، މަސްދަރުތަކުން ރޮއިޓާސްއަށް ހާމަކުރި ގޮތުގައި، ދުނިޔޭގެ އެހެން ބައްރުތަކުން އަދިވެސް އިންފަންޓީނޯއަށް ފުޅާ ދާއިރާއެއްގައި ތާއީދު އެބައޮތެވެ. އެހެންކަމުން، 18 މާޗް 2027 ގައި މޮރޮކޯގެ ރަބަޓްގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އޭނާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވުން ހުއްޓުވުމުގެ ބަދަލުގައި، އޭނާގެ ބާރުތައް މަޑުމަޑުން ކުޑަކުރުމަށް އިދިކޮޅު ފަރާތްތަކުން މިސްރާބު ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Leave a Reply