ޓްރިޕޮލީ: ސީދާ ނަރުދަމާއިން ކަމަށް ވިޔަސް، ގޭގެ ޓޭންކުން ނުވަތަ ފިހާރައިން ގަންނަ ފެންފުޅިން ވިޔަސް، ލީބިޔާގެ ރައްޔިތުންނާ ހަމައަށް ފެން ފޯރަނީ އެކި މަގުތަކުންނެވެ. ނަމަވެސް އެ ގައުމުގެ ބޯފެނުގެ ފެންވަރާ ގުޅޭގޮތުން ދާދިފަހުން ހެދި ގައުމީ ސާވޭއަކުން ވަނީ ފެނުގެ ރައްކާތެރިކަމާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދާފައެވެ.
ލީބިޔާގައި 2024-2025 ވަނަ އަހަރު ކުރިއަށް ގެންދިޔަ މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސާރވޭގެ ނަތީޖާއިން ދައްކާ ގޮތުގައި، ސާވޭގައި ބައިވެރިކުރި ގޭބިސީތަކުގެ %46.4 ގެ ބޯފެނުގައި ‘އެސްޗެރިޗިއާ ކޮލައި’ (އީ-ކޮލައި) ބެކްޓީރިއާ ހުއްޓެވެ. މިއީ ބޮޑު ނިސްބަތެއް ނަމަވެސް، މި ހުރިހާ ހާލަތްތަކަކީ ތަޣައްޔަރުވުމުގެ ވަކިވަކި މިނިވަން މަސްދަރުތައް ކަމެއް އަދި ފެނަށް މި ބެކްޓީރިއާ ވަދެފައިވަނީ ކޮން ހިސާބަކުން ކަމެއް މި ދިރާސާއަކުން ސާފެއް ނުވެއެވެ. އެހެންކަމުން މިއީ ފެން މޮނިޓަރ ކުރުމަށް މުހިންމު ޑޭޓާއެއް ނަމަވެސް، އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި މައިގަނޑު ސުވާލަކީ މި ތަޣައްޔަރުވުން އަންނަނީ ފެނުގެ އަސްލު މަސްދަރުންތޯ ނުވަތަ ގޭގެ ޓޭންކުތަކާއި ހޮޅިލައިންތަކުންތޯ ބެލުމެވެ.
ސަރަހައްދީ ފަރަގުތައް ބޮޑުވުން
ސާވޭގެ ނަތީޖާތަކުން ފެންނަ ގޮތުގައި ރަށްފުށުގެ ސަރަހައްދުތަކުގެ %53.5 ގައި މި ބެކްޓީރިއާ ހުރިއިރު، ސިޓީތަކުގައި މި އަދަދު އުޅެނީ %45.6 ގައެވެ. އަދި ސަރަހައްދީ ގޮތުން ބަލާއިރު ބޮޑެތި ފަރަގުތަކެއް ފާހަގަކުރެވެއެވެ. އެގޮތުން ސިރްޓޭގައި ތަޣައްޔަރުވުމުގެ ނިސްބަތް %91.9 އަށް އަރާފައިވާއިރު، ޖުފްރާގައި %85.1 އަދި އަލްމަރްޖްގައި %72.4 އަށް އަރައެވެ. ނަމަވެސް ބެންގާޒީގައި މި ނިސްބަތް އުޅެނީ %11.9 ގައެވެ. މި ބޮޑު ތަފާތަކީ އެކި ސަރަހައްދުތަކުގެ ފެނުގެ ނިޒާމުތަކުގެ ހާލަތާ ގުޅޭގޮތުން ސުވާލު އުފެދޭ ކަމެކެވެ.
މިކަމާ ގުޅިގެން ތިމާވެށީގެ މާހިރު ޔާސްމީން އަލް އަހުމަރު އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ސާމްޕަލް ނަގާފައިވާ ގޮތް ވަކިން ބަލަންޖެހޭ ކަމަށެވެ. އެގޮތުން އެއް ވަޅެއް ބޭނުންކުރާ 100 މީހެއްގެ ފެނުން ބެކްޓީރިއާ ފެނުމަކީ 100 ވަކި މަސްދަރު ތަޣައްޔަރުވުން ނޫން ކަމަށާއި، އެއީ ގިނަ ބަޔަކު ބޭނުންކުރާ އެންމެ މަސްދަރެއްގެ މައްސަލައަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން %46.4 އަކީ މީހުންނަށް މިކަމުގެ އަސަރުކޮށްފައިވާ މިންވަރު ދައްކުވައިދޭ ނަންބަރެއް ނަމަވެސް، އެއީ ތަޣައްޔަރުވާ މަސްދަރުތަކުގެ އަދަދެއް ނޫނެވެ.
ވަޅުން ފެށިގެން އިސްކުރާ ހަމައަށް
ފެން ތަޣައްޔަރުވުމަކީ ހަމައެކަނި ފެން ނަގާ މަސްދަރާ ގުޅިފައިވާ ކަމެއް ނޫނެވެ. ފެން އުފައްދާ ނުވަތަ ނަގާ ތަނުގައި ރަނގަޅު ފެންވަރެއްގައި ހުރި ނަމަވެސް، ޑިސްޓްރިބިއުޝަން ނެޓްވޯކްތަކާއި، ގޭގޭގެ ފެން ރައްކާކުރާ ޓޭންކުތަކުގެ ސަބަބުން ނުވަތަ އެ ތަކެތި ރަނގަޅަށް ސާފުނުކުރުމުގެ ސަބަބުން ފެން ތަޣައްޔަރުވެދާނެއެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ފެން ތަޣައްޔަރުވާ ސަބަބު ދެނެގަތުމަށްޓަކައި މަސްދަރުން ފެށިގެން ގޭގެ އިސްކުރާ ހަމައަށް މުޅި ނިޒާމު ޓެސްޓްކުރަން ޖެހެއެވެ. ބިމުގެ އަޑީގެ ފެން ތިލަ ސަރަހައްދުތަކުގައި، ނަރުދަމާ ހޮޅިތައް ފަޅައިގެން ދިއުމާއި، ކުނި ރަނގަޅަށް ނައްތާނުލެވުމުގެ ސަބަބުން ވަޅުފެނަށް ނަޖިހުގެ އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ހަމައެކަނި ފެނުގައި ބެކްޓީރިއާ ހުރުމަކީ، އިތުރު ތަހުލީލުތަކަކާ ނުލައި ފެން ތަޣައްޔަރުވީ ސީދާ ނަރުދަމާގެ ސަބަބުން ކަމަށް ނިންމޭނެ ހެއްކެއް ނޫން ކަމަށްވެސް މާހިރުން ފާހަގަކުރައްވައެވެ.
Leave a Reply