ދެމީހުންނަށް ތިބެވުނު ތަންވެސް ނޭނގޭ ކަހަލައެވެ. ގޭގެ ދޮރުގެ ތަޅު އެނބުރުނު އަޑަށް ލުބާއާއި ޝިނާން ސިހިގެން ގޮސް ދެމީހުންނަށް ވެސް ދުރަށް ޖެހިލެވުނެވެ. ދޮރު ހުޅުވާލާފައި ލީނާ އެތެރެއަށް ވަނުމާއެކު ޝިނާން އަވަހަށް ތެދުވިއެވެ.
“ލުބާ! ދެން ދަނީ އިނގޭ، އަދި މާދަން ފުރަންވާއިރަށް ޕެކް ވެސް ކުރަންޖެހޭ،” ޝިނާން އަވަސް އަވަހަށް ބުނެލިއެވެ. އަދި ލީނާގެ ގާތަށް ގޮސް، “ލުބާ ދޮންތައަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ކެއުން ވަރަށް މީރު،” މިހެން ބުނެފައި ޝިނާން އެ ގެއިން ނިކުމެގެން ދިޔައެވެ.
ޝިނާން ދިޔުމުން ލީނާއާއި ލުބާ ދެމީހުން ވެސް ދިޔައީ އެމީހުންގެ ކޮޓަރިއަށެވެ. އެރޭގެ ހަމަހިމޭން ވަގުތުތައް ވޭތުވެގެން ދިޔައީ ލުބާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމާއި އިހުސާސްތަކުގެ ތެރޭގައެވެ.
އަނެއް ދުވަހުގެ ހެނދުނު ލުބާ އޮފީހަށް ވަދެގެން ދިޔައިރު، އެހެން ދުވަސްދުވަހު ފިނިފެންމަލެއްހެން ފޮޅިފައިވާ މޫނެއް މިއަދަކު ނުފެނެއެވެ. އެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމާއި ހިތާމައިގެ އަސަރުތަކެވެ. އެއީ ޝިނާން ފުރާ ދުވަސް ކަމުން، ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުޅި މީހާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ.
ގާތު، “ކޮބާ ބޮސް؟ މީޓިންގއެއް އެބައޮތް ދޯ؟” ލުބާ އަހާލިއެވެ.
“ނޫން، ބޮސް އެބައިން ގްރޫޕުގައި ޖަހާފައި މީޓިންގ ބޭއްވޭކަށް ނެތޯ. ފުރުން އަވަސްވީޔޯ. މިހާރު ފުރާފާނެ،” ކިޔާރާ ބުނެލިއެވެ.
ކިޔާރާގެ އެ ޖުމްލައިން ލުބާއަށް “ނޫން!” އެވެ ބުނެ މޫނުގައި އަތްއަޅާލެވުނެވެ. ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް ޝިނާން މިއަދު ބާއްވަން ބުނި މީޓިންގއިން ބައްދަލުވާނެ ކަމުގެ އުއްމީދާއެކު ލުބާ އޮފީހަށް އައިފަހުން، މި ލިބުނު ޚަބަރުން ލުބާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޝިނާންގެ ސޫރަ ދެކިލުމަށް އެދި އެދި ހުރި ހިތް މުޅިން ކުދިކުދިވެގެން ދިޔަ ކަހަލައެވެ.
އިންތިހާއަށް މާޔޫސްކަންމަތީގައި ގޮސް އޭނާގެ މޭޒު ދޮށުގައި އިށީނދެ މަސައްކަތް ފެށިއެވެ. ނަމަވެސް، މަސައްކަތަށް ސަމާލުކަން ދެވޭނެ އެއްވެސް ގޮތެއް ލުބާއަކަށް ނުފެނުނެވެ. މުޅި ހިޔާލާއި ފިކުރު ވަށައިގެން އެނބުރެމުން ދިޔައީ ހަމައެކަނި ޝިނާންގެ ހަނދާންތަކެވެ.
ޝިނާން ލަންކާއަށް ގޮސް އަވަދިނެތި މަސައްކަތުގައި އުޅެން ޖެހުމުން، އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތި، ކުޑަމިނުން ލުބާއަށް މެސެޖެއްހާ ހިސާބު ވެސް ކޮށްނުލެވުނެވެ. ނަމަވެސް، ލުބާ އަބަދުވެސް ފޯނު އަތަށް ލައިގެން އޮންނަނީ ޝިނާންގެ މެސެޖެއްގެ އިންތިޒާރުގައެވެ. ކޮންމެ ވަގުތަކު ވެސް ފޯނަށް ނޮޓިފިކޭޝަނެއް އަތުވެދާނެ ކަމުގެ އުއްމީދުގައެވެ.
ޝިނާން ލަންކާއަށް ގޮސް އަވަދިނެތި މަސައްކަތުގައި އުޅެން ޖެހުމުން، އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތި، ކުޑަމިނުން ލުބާއަށް މެސެޖެއްހާ ހިސާބު ވެސް ކޮށްނުލެވުނެވެ. ނަމަވެސް، ލުބާ އަބަދުވެސް ފޯނު އަތަށް ލައިގެން އޮންނަނީ ޝިނާންގެ މެސެޖެއްގެ އިންތިޒާރުގައެވެ. ކޮންމެ ވަގުތަކު ވެސް ފޯނަށް ނޮޓިފިކޭޝަނެއް އަތުވެދާނެ ކަމުގެ އުއްމީދުގައެވެ.
މިއަދަކީ ޝިނާނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ލަންކާގައި ދިވެއްސަކު ހިންގާ ކުންފުންޏަކާ ބައްދަލުކުރުމެވެ. ޝިނާން ތައްޔާރުވެލައިގެން އެ ކުންފުންޏަށް ވަދެގެން ދިޔައީ އެ ކުންފުނީގެ ސީ.އީ.އޯ އާ ބައްދަލުކުރުމަށެވެ. މުހިންމު ވިޔަފާރި އެއްބަސްވުމަކަށް ވާސިލުވުމުގެ ބޮޑު އުއްމީދަކާއި އަޒުމެއްގައެވެ.
ސީ.އީ.އޯގެ ކެބިންއިން ޝިނާނަށް ފެނުނީ އާ މޫނެއް ނޫނެވެ. ސީ.އީ.އޯގެ ޕާސަނަލް ސެކްރެޓަރީގެ މަގާމުގައި ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޝިނާން މެލޭޝިޔާގައި ކިޔަވަންހުރި ޔުނިވަރސިޓީގައި ޝިނާނާ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުރި ސުޒާނާ (ސޫޒީ) އެވެ.
އުއްމީދު ވެސް ނުކޮށް ހުއްޓާ މިގޮތަށް ބައްދަލުވުމުން، ދެމީހުންނަށް އެކަކު އަނެކަކަށް ބަލާލުމަށް ފަހު ވަރަށް އުފަލުން ހިނިތުންވެވުނެވެ. މާޒީގެ އެތައް ދުވަހެއްގެ ގާތް އެކުވެރިކަމުގެ ހަނދާންތައް އެންމެ ހިނދުކޮޅެއްގެ ތެރޭގައި ދެމީހުންގެ ސިކުނޑީގައި އާވެގެން ދިޔަ ކަހަލައެވެ.

Leave a Reply