ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާ (Nvidia) ގެ ސީއީއޯ ޖެންސެން ހޫއަންގް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އިންސާނިއްޔަތު ނެތިދިއުމަށް މަގުފަހިވެދާނެ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ދޮގުކުރައްވައި، އެފަދަ އިންޒާރުތަކަށް އަނެއްކާވެސް ރައްދު ދެއްވައިފިއެވެ.
ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހޫއަންގް ވިދާޅުވީ، އޭއައިގެ ސަބަބުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔެ ނިމުމަކަށް އައުމުގެ ފުރުސަތަކީ “ޒީރޯ ޕަސެންޓް” ކަމަށެވެ. އަދި މި ޓެކްނޮލޮޖީއާ ގުޅިގެން ފެންމަތިވާ އެންމެހައި ނުރައްކާތަކަކީ ރައްކާތެރިކަމާއެކު މެނޭޖްކުރެވޭނެ އަދި ކޮންޓްރޯލް ކުރެވޭނެ ކަންކަން ކަމުގައި އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. މީގެއިތުރުން، ފާއިތުވި ދުވަސްތަކުގައި ބޭއްވުނު އެކި އިވެންޓްތަކުގައި ވާހަކަދައްކަވަމުން ވެސް އޭނާ ވަނީ އޭއައި ތަރައްގީކުރުން ލަސްކުރުމާ ދެކޮޅަށް ވާހަކަދައްކަވާ، މި ދާއިރާއަށް އަލަށް ހަރުކަށި ގަވާއިދުތަކެއް ލާޒިމުކުރުމާ ދެކޮޅު ހައްދަވާފައެވެ.
ބޮޑުވަމުން އަންނަ ކަންބޮޑުވުންތައް
ހޫއަންގް މިފަދައިން ވިދާޅުވެފައި މިވަނީ، ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރާފައިވާ އޭއައި ސިސްޓަމްތައް އުފެއްދުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ދުނިޔޭގެ ފެންވަރުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މި މަހުގެ ކުރީކޮޅު، އޭއައި ދިރާސާކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކް (Anthropic) އިން ޖެކޮބް ކޫކްސަން އިސްތިއުފާ ދިނުމާ ގުޅިގެން ވެސް މި ބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ. އޭއައި ތަރައްގީކުރާ ބައެއް ދިރާސާވެރިން ސީރިއަސްކޮށް ގަބޫލުކުރާ ގޮތުގައި، މި ޓެކްނޮލޮޖީ ހައްދުފަހަނައަޅައި ދިއުމަކީ އިންސާނުންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެކެވެ.
ތަރައްޤީގެ ސްޕީޑް މަޑުޖައްސާލުމާ ދެކޮޅު
އޭއައިގެ ސަބަބުން ނުރައްކާ ވެދާނެ ކަމަށް ބުނެ، އޭގެ ތަރައްގީގެ ދުވެލި މަޑުޖައްސާލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް، ހޫއަންގް ވަނީ އެ ގޮވާލުންތަކަށް ސާފުކޮށް ދެކޮޅު ހައްދަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ވާދަވެރިންގެ ދުވެއްޔަށް ބެލުމެއް ނެތި، ޓެކްނޮލޮޖީގެ ސިނާއަތް ކުރިއަށް ދާންޖެހޭނީ ހުއްޓުމެއް ނެތި އަވަސް ދުވެއްޔެއްގައެވެ. އަދި އޭއައި ކުރިއެރުވުމަކީ ދުނިޔެއަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށާއި، ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ

Leave a Reply