ޝިނާން 07

ކިޔާލާ.ކޮމް

މީޓިން ނިންމާލުމަށް ފަހު ސީ.އީ.އޯ ގެ ކެބިން އިން ޝިނާން އާއި ސޫޒީ އެކުގައި ނުކުތެވެ. ސޫޒީ އިސްވެ ވާހަކަ ދެއްކިއެވެ.
“ހިނގާ މިރޭ ޑިނަރ އަކަށް ދާން. ލޯންގް ޓައިމް ނޯ ސީ ދޯ؟” ސޫޒީ ބުންޏެވެ.
ޝިނާން އެއްވެސް ޖެހިލުމެއް ނެތި، އުފަލާއެކު އެކަން ޤަބޫލުކުރިއެވެ. ދެމީހުން އެރޭގެ ކެއުމަށް ލަންކާގެ މަޝްހޫރު ރެސްޓޯރެންޓަކަށް ދިޔައެވެ. އަދި ދިރިއުޅުމާ ބެހޭގޮތުން އެތައް ވާހަކައެއް ދެއްކިއެވެ.
“ކިހިނެއް ލައިފް؟” ކާން ތިބެފައި ސޫޒީ އަހާލިއެވެ.
ޝިނާން އަލިފުން ޔާއަށް އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި ލުބާގެ ވާހަކަ ވެސް ސޫޒީއާ ހިއްސާ ކުރިއެވެ. ސޫޒީ ވެސް ބުނި ގޮތުގައި އޭނާ ވެސް އުޅެނީ މިހާރު މީހަކާ ރައްޓެހިވެގެންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ލަންކާގައި ހުރި ދުވަސްވަރު ސޫޒީ އާއި ޝިނާންގެ ގުޅުން އިހުނަށްވުރެ ބަދަހިވަމުން ދިޔައެވެ. ލުބާ، ޝިނާން އަށް ގުޅި ނަމަވެސް، ބިޒީ ކަމުގައި ބުނެ މާ ގިނަ އިރު ނުވަނީސް ޝިނާން ފޯނު ބާއްވައެވެ.
މިހެން ދުވަސްތައް ދަމުން ގޮސް، ޝިނާން ކުރަން ދިޔަ މަސައްކަތްތައް ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައެވެ. ރާއްޖެ އައުމަށް ފަހު، ޝިނާންގެ އުޅުން އަނެއްކާވެސް ކުރީ އެކޭ އެއްގޮތަށް ބަދަލުވިއެވެ. އޮފީހުގައި ލުބާ ގޮވައިގެން އުޅުމާއި، ބޭރުގެ އެކި ތަންތަނުން ބައްދަލުކުރުމުގެ އާދަ އަލުން ފެށުނެވެ.
އެއް ރެއަކު ވަރަށް ދަންވި އިރު ވެސް ޝިނާން އާއި ލުބާ ތިބީ މާލޭގެ ރާޅުގަނޑު ސަރަޙައްދުގައި ވާހަކަ ދައްކާށެވެ. މިހެން ތިއްބައި ކުއްލިއަކަށް އުޑުމަތި ބަނަކޮށް، ބޯ ވިލާގަނޑެއް ކުރިމަތިލިއެވެ. ކުއްލިއަކަށް ވެހެން ފެށި ބޯ ވާރޭއިން ސަލާމަތްވުމަށް ދެމީހުން ދުވެފައި ގޮސް ހިޔާކޮށްފައިވާ ތަންކޮޅަކަށް ވަނެވެ. އޭރު ތޮއްޖެހިފައިވާ އެ ބޮޑު މާލޭގެ މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. އަބަދު ދުއްވާ އެއްޗެހިން ފުރިފައިވާ މަގުތައް ވަނީ މުޅިން ފަޅުވެފައެވެ. އޭރު ގަޑިން މެންދަމު 2:30 ވެއްޖެއެވެ.
ވާރޭ އިތުރަށް ބޯކުރަމުން ދިޔައީ ކުރިއަށް އޮތް ފަސް ގަޑިއިރު ވެސް ނުހުއްޓާނެ ފަދަ ގޮތަކަށެވެ.
“މިހާރު ވެސް މުޅިން ތެމިއްޖެ. ހިނގާ ދާން، މިތާ ކައިރީގަ އަހަރެންގެ ގެ ހުންނާނީ،” ޝިނާން ބުނެލިއެވެ.
ފިނިވެ، ހީކަރުވައިގެންފައި ހުރި ލުބާ، އިތުރު ވިސްނުމަކާ ނުލައި އެ ވަގުތު އެއްބަސްވެ ބޯ ޖަހާލިއެވެ. އަދި ދެމީހުން އެކުގައި ވާރޭގެ ތެރެއިން ޝިނާންގެ ގެއާ ދިމާއަށް ހިނގައިގަތެވެ.
ގެއަށް ގޮސް ޝިނާން، ލުބާއަށް ލާނެ އެއްޗެއް ދިނެވެ. އަދި އޭނާ ވެސް އެއްޗެހި ބަދަލުކޮށްލުމަށް ފަހު، ދެމީހުން ސިޓިންގރޫމުގައި ތިއްބެވެ.
އެ ވަގުތު ލުބާގެ ލޮލުގައި އަޅައިގަތީ ޝިނާންގެ ސިޓިންގރޫމުގައި ބަހައްޓާފައި ހުރި ގިޓާރެވެ.
“ޝިންނު، ގިޓާރ ވެސް ކުޅެންތަ؟ ލަވައެއް ކިޔައިދީބަލަ،” ލުބާ އެދުނެވެ.
“އޯ ނޯ… އެކަމަކު ގޭމީހުން ހޭލަފާނެ ދޯ،” ލުބާ ހިނިތުންވެލާފައި ބުންޏެވެ.
“އޯކޭ ވާނެ. ނުހޭލާނެ. މިއޮތް ބޯކޮށް ވާރޭ ވެހޭއިރު، އަނެއްކާ ބޭރުގެ އަޑުތައް ރޫމްތަކަކަށް ވަރަކަށް ނީވޭނެ،” ޝިނާން ބުންޏެވެ.
“ކޮންބައެއް ގޭގަ އުޅެނީ؟” ލުބާ އަހާލިއެވެ.
“ގޭގަ އުޅެނީ މިހާރު މަންމަ އެންޑް ކޮއްކޮ، އެންޑް ހަރ ހަސްބެންޑް، އެންޑް މީ،” ޝިނާން ބުންޏެވެ.
މިހެން ބުނަމުން، ޝިނާން ގިޓާ ނަގައިގެން އައިސް ލުބާއަށް ލަވައެއް ކިޔައިދޭން ފެށިއެވެ. މަޑުމައިތިރި ރީތި ރާގަކަށް ޝިނާން ގިޓާގެ ނަރުތަކުގައި އިނގިލިތައް ހިންގާލުމާއެކު، ބޭރުން ވެހެމުންދިޔަ ވާރޭގެ އަޑާއި އެ މިޔުޒިކުގެ އަޑު އެކުވެގެން މުޅި މާހައުލަށް ހިތްގައިމު އަރާމުކަމެއް ގެނެސްދިނެވެ. ލުބާ އިނީ ޝިނާންގެ ހުނަރުވެރިކަމަށް ގެއްލި، ހައިރާންވެފައި ބަލާށެވެ.

Be the first to comment

Leave a Reply

Your email address will not be published.


*