ޒެވިއެން

ކިޔާލާ.ކޮމް

ސްކޫލް ދައުރުގެ އެންމެ ފަހު އަހަރުތަކަކީ ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް ފޮނި ހަނދާންތަކަކުން ފުރިގެންވާ ދުވަސްވަރެކެވެ. ލަޔަކް އަދި އިޔާންގެ ހިތުގައިވެސް ލޯބީގެ ފުރަތަމަ ވިންދު ޖަހަން ފެށީ ގްރޭޑް 10 ގެ އެކުވެރި މާހައުލުގެ ތެރެއިންނެވެ. ފޮތްތަކުގެ ގަނޑުތައް އުކަމުން، އެކަކު އަނެކަކަށް ދެމުންދިޔަ ސިއްރު ބެލުންތަކާއި، ކްލާސް ނިމޭ ވަގުތު ދެކެވުނު ލޯބިވެތި ވާހަކަތައް މަޑުމަޑުން ބަދަލުވެގެން ދިޔައީ ދުވަހަކުވެސް ވަކިނުވާނެ ފަދަ ވަރުގަދަ ގުޅުމަކަށެވެ. އެތައް އަހަރެއްގެ އިތުބާރާއި، ކެތްތެރިކަމާއި، ލޯބީގެ ދިގު އިންތިޒާރަށްފަހު، މިއަދު އެ ދެމީހުންގެ ހަޔާތަށް މިވަނީ ރަން ދޯދިތަކުން އަލިވިލިފައެވެ.
މުޅި ކައިވެނީގެ ހޯލު އޮތީ ހުދު އަދި ފިޔާތޮށި ކުލައިގެ މާތަކުން ޖަރީކޮށް، ފުރިހަމަ ޕަރީއެއްގެ ދުނިޔެއެއް ފަދައިން ޒީނަތްތެރި ކުރެވިފައެވެ. ލަޔަކް އިނީ ރީތި ހުދު ކައިވެނި ހެދުމެއްގައި ނުހަނު ފުރިހަމައަށް ނަލަހެދިގެން، ކައިވެނީގެ ސްޓޭޖް މަތީގައެވެ. އޭނާގެ ކައިރީގައި ފިރިހެންވަންތަ ކަމާއެކު ހިނިތުންވެލައިގެން އިޔާން އިނެވެ. އެހެން ނަމަވެސް، ކެމެރާތަކުގެ އަލިތަކާއި ހަފްލާގެ ހަލަބޮލިކަމުގެ ތެރެއިން، ލަޔަކް އަތުގައި އޮތް ކުޑަ ފަންކާއިން މޫނަށް ވައި އަޅުވަމުން ތުން އަނބުރައިލިއެވެ.
“ޕިސް، ހާދަ ހޫނުވެޔޭ މި މޭކަޕް ގަނޑުން!”
އިޔާން ލަޔަކްގެ މޫނަށް ބަލައިލުމަށްފަހު ލުއި ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “އަދި މިއޮތް ހެޕީ ޑޭގަ ވެސް ބޭބް ވީ ޝަކުވާ ކުރަން ދޯ؟”
އެވަގުތު ލަޔަކްގެ މަންމަ އާސިމާ ހިނިތުންވެލަމުން އެމީހުންގެ ގާތަށް ހުއްޓުނެވެ. “ކިހިނެއްވީ އިޔާން މާވަރަކަށް ތި ހެނީ؟” އާސިމާ އަހައިލިއެވެ.
“މީނަ ޝަކުވާ ކުރާ ވަރުން. މޭކަޕް ކުރީމަ ހޫނުވަނީއޯ،” އިޔާން ހެމުން ހެމުން އާސިމާ ގާތު ބުންޏެވެ.
އާސިމާ ލޯބިން ފުރިގެންވާ ގޮތަކަށް ލަޔަކަށް ބަލައިލަމުން ބުންޏެވެ. “އެހެންވާނީ، އަދިވެސް ހުރިހާ ފިހާރަތަކުން ދަވާދު ހުސްކުރެވޭތޯ ބަލާތި. ބަލަ މަންމަމެން ކުޑައިރު ތިއިން އެކައްޗެއްވެސް ނަހާކާނެ.”
“ހޫން، މަންމަމެންގެ އޯލްޑް ފެޝަން ލައިފްގެ ވާހަކަ ފެށީ!” ހިނިގަނޑެއް ޖަހައިލަމުން ލަޔަކް ބުނެލިއެވެ. އާސިމާ ވެސް ހެމުން ހެމުން އެތަނުން ދިޔައީ އެ ދެކުދިންގެ ލޯބިވެތި ގުޅުމަށް ހެޔޮ ދުޢާ ކުރަމުންނެވެ.
ކައިވެނީގެ ހަފްލާ ނިމި، ދެމަފިރިން ފުރައިގެން ދިޔައީ ހަޔާތުގެ އެންމެ ފޮނި ދުވަސްތައް ހޭދަކުރުމަށް ހަނީމޫނަށެވެ. ހިތްގައިމު ގޮނޑުދޮށެއްގައި އަތުގުޅައިލައިގެން ހިނގައިލަން ތިބި ވަގުތު، އިޔާން ލަޔަކްގެ ގައިގައި ބައްދައިލަމުން އަހައިލިއެވެ.
“ކޮންއިރަކުން ބޭބީއެއް ހޯދާނީ؟”
ލަޔަކް ލޯއަޅައިލަމުން ބުންޏެވެ. “ހަމަ މިހާރު ބޭނުމީ؟ އަދި އަހާފީނު ކޮންއިރަކުހޭ! ޑޭޓް ކުރަން ފެށިއިރު ހީވަނީ އެއިރު ބޭބީއެއް ހޯދަން އުޅޭހެން.”
“ހަހަ… ބޭބް ބުނާ އެއްޗެއް ބަލައިލީއޭ! ހަމަ ކުރިންވެސް ޕްލޭން ކުރި ނަންތައް ކިޔާނީ،” އިޔާން ހިނިތުންވެލިއެވެ.
“އާނ…ހަމަ ޒެވިއެން ކިޔާނީ! އަވަހަށް އަހަރެމެންގެ ކިޔުޓް ޒެވީ ގެންނަން ހިނގާބަލަ،” ލަޔަކް އުފަލުން ފުރިގެންވީ އަޑަކުން ބުނެލިއެވެ.
ދެމީހުން އެކުގައި ހަނީމޫނުގައި ވަރަށް އުފާވެރި، ލޯބި ވަގުތުތަކެއް ހޭދަކުރުމަށްފަހު، އެނބުރި ރާއްޖެ އައީ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފޮނި އުންމީދުތަކާ އެކުގައެވެ.
ރާއްޖެ އައުމަށްފަހު، ލަޔަކް އަދި އިޔާން ދެމީހުން ވެސް އާ ދިރިއުޅުމެއް ފެށުމަށްޓަކައި ވަޒީފާއަށް ނުކުތެވެ. އުފާވެރިކަމާއި ލޯބީގައި ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް ތިން މަސް ފުރުނުތަނާހެން، އެއްދުވަހަކު އޮފީހުގައި އިންދާ ލަޔަކްގެ ބޮލަށް އެނބުރުން އަރައި، މޭނުބައިކޮށް ހޮޑުލަވާ ގޮތް ވާން ފެށިއެވެ.
އޮފީހުގައި މަސައްކަތްކުރާ ޒީނާއަށް މި މަންޒަރު ފެނުމުން ކަންބޮޑުވެފައި އަހައިލިއެވެ. “ކިހިނެއްވީ؟ އަނެއްކާ ޕްރެގްވީތަ؟”
“ނޭނގެ،” ލަޔަކް ލަދުރަކި ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއާއެކު ލަޔަކްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހިތުގައި އުއްމީދުގެ އައު ދޯއްޖެއް ފިޔަޖަހައިލި ކަހަލައެވެ.
“އަވަހަށް ކިޓެއް ގަނެގެން ޓެސްޓުކުރަން އުޅޭ!” ޒީނާ ވަރަށް އުފަލުން ހުރެ ހިޔާލު ދިނެވެ.
ލަޔަކް ވަގުތުން އޮފީހުން ނުކުމެގެން ގެއަށް ދިޔައީ ޕްރެގްނަންސީ ޓެސްޓް ކިޓެއް ވެސް ގަނެގެންނެވެ. ގެއަށް ގޮސް ޓެސްޓު ހެދިއިރު، އޭނާ ހީކުރި ގޮތަށް ހަމަ ރަނގަޅަށް ވެސް އިނީ ބަލިވެއެވެ. އުފަލުން ގޮސް ލަޔަކްގެ ލޮލުން ކަރުނަ ފޭދުނެވެ. ދެން އޭނާ ކެތްމަދުވެފައި އިންތިޒާރުކުރަމުން ދިޔައީ އިޔާން އޮފީހުން އަންނާނެ އިރަކަށެވެ.
އިރުއޮއްސި ހަވީރުވިތަނާ އިޔާން ގެއަށް އައިސް ވަދެ، ލޯތްބާއެކު ލަޔަކްގެ ގައިގައި ބައްދާލަމުން “ހާއި މައި ވައިފް!” އޭ ބުނެލިއެވެ.އެހިދު ލަޔަކް ވެސް ވަރަށް ލޯބިން ހެލޯ ބައްޕީ އޭ ބުނެލި އެވެ.
އިޔާން ހައިރާންވެފައި، ދެލޯ ބޮޑުކޮށްލަމުން “ބައްޕީއޭ؟ ވަޓް! ރިއަލީ؟” އޭ ބުނީ އުފަލުން ފޮޅެމުންނެވެ.
ލަޔަކް ފުރަގަހަށް ފޮރުވައިގެން ހުރި އަތުން، ދެ ރޮނގު އެޅިފައިވާ ޓެސްޓް ކިޓު ދައްކައިލުމާއެކު، އިޔާން އުފަލުން ގޮސް ކޮޓަރިތެރޭގައި ފުންމަން ފެށިއެވެ.
ލަޔަކް ވަރަށް ބާރަށް، ހިނިގަނޑަކާއެކު “އަވަރ ޒެވީ އިޒް އޮން ދަ ވޭ!” އޭ ބުނެލިއެވެ.
އިޔާން ހެމުން ހެމުން “އަދި ނޭނގެއެއްނު ފިރިހެން ކުއްޖެއް ކަމެއްވެސް،” އޭ ބުނެލުމުން، ލަޔަކް ޔަގީންކަމާއެކު ރައްދުގައި ބުންޏެވެ. “ނޫނެކޭ! އެއީ ހަމަ ސީދާ ފިރިހެން ކުއްޖެއް… އަހަރެމެންގެ ކުޑަކުޑަ ޒެވިއެން!”
ހޮސްޕިޓަލުގެ ކޮޓަރީގެ ތެރެއަށް ވެރިވެފައިވަނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ފޮނި އިހުސާސެކެވެ. އިޔާންގެ މޫނުމަތިން ފެންނަމުންދިޔަ އިންތިހާ ދަރަޖައިގެ އުފާވެރިކަމުން މުޅި މާހައުލު އުޖާލާކޮށްލިއެވެ. ލަޔަކްގެ މޫނުމަތިންވެސް ފެންނަނީ ފުރިހަމަ އުފާވެރިކަމެވެ. އެ ދެމަފިރިން ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުން އެމީހުންގެ ކުޑަކުޑަ ތުއްތު ދަރިފުޅަށް ބަލަހައްޓައިގެން ތިއްބެވެ.
އިޔާންގެ މަންމަ އާސިމާއަށް އެ ތުއްތު ދަރިފުޅު ފެނުމުން އުފަލުން ގޮސް ދެލޯ ތެމުނެވެ.
އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އިޔާންގެ ބައްޕަ ޙަސަން، ލަޔަކްގެ މަންމަ މަރިޔަމް، އަދި ލަޔަކްގެ ބޭބެ އަދުހަމް އާއި އިޔާންގެ ގާތް އެކުވެރިޔާ ރިޝްވާން ވެސް ތުއްތު ޒެވިއެން ދެކިލުމަށްޓަކައި ހޮސްޕިޓަލަށް އައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އައު މެހެމާނަށް މަރުޙަބާ ކިޔުމުގެ ފޮނި އުފަލާއި ހިނިތުންވުމެވެ. ޒެވިއެންގެ ލޯބިލޯބި ސޫރަ ފެނި، މުޅި އާއިލާގެ ހިތްތަކަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*