މިއުޒިކީ ދާއިރާގައި ފަނޑުވުމެއްނެތް އަޑު: މަޝްހޫރު ލަވަކިޔުންތެރިޔާ (ސިރާ) އާއެކު ޚާއްޞަ ވަގުތު ކޮޅެއް

ދިވެހި މިއުޒިކީ ދާއިރާގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ސިރާ، ‘ކިޔާލާ.ކޮމް’ (Kiyaalaa.com) އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި އޭނާގެ މިޒާޖާއި، މިއުޒިކީ ދަތުރުގެ ފެށުމާއި، ދެކޭ ހުވަފެންތަކުގެ އިތުރުން ދާއިރާއަށް އަލަށް ނުކުންނަ ޒުވާނުންނަށް މުހިންމު ނަޞޭޙަތްތަކެއް ހިއްސާކޮށްފިއެވެ.

ތިރީގައި މިވަނީ މި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ސުވާލު: ސިރާގެ މިޒާޖު އެންމެ ބޮޑަށް ސިފަކޮށްދެވެނީ ކޮން ލަވައަކުން؟
ސިރާ: އަޅުގަނޑަކީ ވަރަށް ‘އިމޯޝަނަލް’ (ޖަޒުބާތީ) މީހެއް. އަޅުގަނޑުގެ މިޒާޖާއި އެންމެ ބޮޑަށް ގުޅުވައިލެވެނީ އަބްސީގެ “އާދޭ” މި ލަވައާ. މި ލަވައިގެ އަސަރުން އަޅުގަނޑުގެ ހިތުގެ ޝުޢޫރުތައް ވަރަށް ބޮޑަށް ދައްކުވައިދޭ.

ސުވާލު: މިއުޒިކީ ދާއިރާއިން ސިރާ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބާ؟
ސިރާ: އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި،އަޅުގަނޑުގެ ބޭންޑް ‘ދަ ފްލޭމްސް’ (The Flames) ބޭންޑާއެކު ޕާފޯމްކޮށްލަން ފުރުޞަތު ލިބުން. އެއީ ވަރަށް ދެކޭހިތްވާ ދުވަހެއް.

ސުވާލު : “އަހަންނަކީ ހަމަ ގައިމުވެސް ލަވަކިޔުންތެރިއަކަށް ވާން އުފަންވި މީހެއް” ކަމުގެ އިޙްސާސް ސިރާޔަށް އެންމެ ފުރަތަމަ ކުރެވުނީ ކޮން ވަގުތަކު ހެއްޔެވެ؟

ސިރާ: ސިރާ އަކައް އަދިވެސް ގަބޫލެއް ނުކުރެވޭ ސިރާއަކީ އެންމެ ފުރިހަމަ ލަވަކިޔުންތެރިޔާ ކަމަކަށް. އަދިވެސް މިދަނީ ލަވަކިޔުމުގެ ތަފާތު ސްޓައިލްތައް ދަސްކުރަމުން. ނަމަވެސް ކޮވިޑްގެ ދުވަސްވަރު ވަރަށް އާދައިގެ ގޮތަކަށް ރެކޯޑު ކޮށްލުމަށްފަހު، ސައުންޑްކްލައުޑަށް (SoundCloud) އަޕްލޯޑު ކޮށްލިން “ބައްޕަގެ ލޯ” (ޒުލޭޚާގެ ކަވަރ ލަވަ). އެ ލަވަ އަޕްލޯޑް ކުރުމާއެކު، އަޅުގަނޑުގެ އެންމެ ފެވަރިޓް އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޙުސައިން ޢަލީ (ގަޒަލީ) ގުޅާފައި އެ ލަވައަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި. އެކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑު ކޮންފިޑެންސެއް (އިތުބާރެއް) ލިބިގެންދިޔަ.

ސުވާލު: މިހާރު ފެންނަމުންދާ ޒުވާން ލަވަކިޔުންތެރިންނާމެދު ދެކެނީ ކިހިނެއް؟ އެންމެ ފާހަގަކޮށްލެވެނީ ކޮން ފަންނާނުންނެއް؟

ސުވާލު: މިހާރުގެ ޒުވާން ލަވަކިޔުންތެރިންނާ ދޭތެރޭ ދެކެނީ ކިހިނެއް؟

ސިރާ: ވަރަށް ގިނައިން ޒުވާން ލަވަކިޔުންތެރިންނާ ދިމާވޭ. އަދި ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ޕޮޓެންޝަލް ހުރި، ހުނަރުވެރި މޮޅެތި ކުދިން އެބަ ފެނޭ. އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ، މަސައްކަތަށް ފުރިހަމައަށް ކޮމިޓްވެގެން، ސީރިއަސްކޮށް މިކަން ކުރަން ބޭނުންވާ ކުދިން ވަރަށް މަދުކަން.

އެހެން ނަމަވެސް، މި ފަހުން ފާހަގަކޮށްލެވޭ ވަރަށް އުއްމީދީ މަސައްކަތްތަކެއް ވެސް އެބަހުރި. މިސާލަކަށް ސިރާގެ އަލްބަމުން މުޅިން އަލަށް ތައާރަފުވި ބައެއް ކުދިންނަށް ބަލާއިރު، “ރާނީ” އަދި “މިލޯބީގާ” މި ދެ ލަވަ ކިޔާފައިވާ ނަތާ ވަރަށް ފާހަގަކޮށްލެވޭ. ހަމައެއާއެކު، އެ އަލްބަމްގެ ތިންވަނަ ލަވަ ކަމަށްވާ “އިންތިޒާރޭ” ކިޔާފައިވާ ލަމް ގެ އަޑާއި ހުނަރު ވެސް ވަރަށް ހާއްސަ. ދެން މިހާރު ޓިކްޓޮކުން ގިނައިން ފެންނަ، އެކަމަކު ވަރަށް ގާބިލު އަދި ހުނަރުވެރި ކުއްޖެއް ކަމަށްވާ ނަޒީހު ވެސް ފާހަގަކޮށްލަން ޖެހޭ.
ސުވާލު: މިއުޒިކީ ދާއިރާއަށް އަލަށް ނުކުންނަ ޒުވާނުންނަށް ދޭން އޮތީ ކޮން މެސެޖެއް؟
ސިރާ: އަޅުގަނޑުގެ މެސެޖަކީ ވަރަށް ސާދާ މެސެޖެއް؛
“އަމިއްލަވަންތަ (އޮރިޖިނަލް) ފަންނާނަކަށް ވާށެވެ. އެއްވެސް މީހަކު ކޮޕީ ނުކުރާށެވެ. އަބަދުވެސް ތިމާގެ އަމިއްލަ ގޮތުގައި ހުންނާށެވެ.”
މީގެ އިތުރުން، ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ބޮޑާނުވެ، ހިތްތިރިކަން އިސްކުރުމަށާއި، ކާމިޔާބީގެ ސަބަބުން ތިމާގެ އަސްލު މިޒާޖު ބަދަލުވިޔަ ނުދިނުމަށް ޒުވާން މިއުޒިޝަނުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަން.

(މިއީ ‘ކިޔާލާ.ކޮމް’ ގެ ފަރާތުން ޢާއިޝަތު ލުލުއާ ތައްޔާރުކޮށްފައިވާ އިންޓަވިއުއެކެވެ.)

Be the first to comment

Leave a Reply

Your email address will not be published.


*