ދިވެހިރާއްޖޭގެ މިއުޒިކީ ދާއިރާގައި ފަހަކަށް އައިސް އުއްމީދީ ގިނަ ޒުވާން ފަންނާނުންތަކެއް ދަނީ ފިޔަޖަހަމުންނެވެ. އެގޮތުން، މި ދާއިރާއަށް އަލަށް ތަޢާރަފުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އެއް ފަންނާނަކީ “ކޮކިޓޯ” އެވެ. ކޮކިޓޯސްގެ މިއުޒިކީ ދަތުރާއި އޭނާގެ އުއްމީދުތަކާ ގުޅޭގޮތުން “ކިޔާލާ” އަށް ވަނީ ޚާއްޞަ އިންޓަވިއުއެއް ދީފައެވެ.
ލަވަކިޔުމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނު ގޮތާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެމުން ކޮކިޓޯ ބުނީ، މިއުޒިކަކީ އަބަދުވެސް އޭނާގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮންނަ ދާއިރާއެއް ކަމަށެވެ. އަދި ޅަފަތުގެ ދުވަސްވަރުން ފެށިގެން ވެސް އޭނާއަކީ އަބަދުވެސް ލަވަކިޔައި އުޅުނު ކުއްޖެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ކުރިމަގުގައި މި ދާއިރާއިން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބައިތޯ އެހުމުން ކޮކިޓޯ ބުނީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފެންވަރުގައި ނަންވިދާލާ، އަދި އާންމުންގެ މެދުގައި އެންމެ މަޤްބޫލު އެއް ފަންނާނަށް ވުން ކަމަށެވެ.
ދިވެހި ލަވަކިޔުންތެރިންގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ތިން ފަންނާނުންގެ ނަން ހާމަކުރަމުން ކޮކިޓޯސް ބުނީ، އެއީ ޝަލަބީ އިބްރާހީމް، ހިޝާން (އާއްކޮ) އަދި ޔައިޝް (ޔައިޓޯ) ކަމަށެވެ. މީގެއިތުރުން، ޑުއެޓް ލަވައެއް ކިޔުމުގެ ފުރުޞަތު ލިބިއްޖެނަމަ ޚިޔާރުކުރާނީ ކޮން ފަންނާނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ، ރާއްޖެއިން އެންމެ ބޭނުންވަނީ ޝަލަބީއާއެކު ލަވައެއް ކިޔަން ކަމަށެވެ. ނަމަވެސް، މުޅި ދުނިޔެއަށް ބަލާއިރު އޭނާ އެންމެ ބޮޑަށް ޑުއެޓް ހަދަން ބޭނުންވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްއާ އެކުގައެވެ.
މިއުޒިކީ ދާއިރާއަށް އަލަށް ނުކުންނަ ޒުވާން ފަންނާނުންނަށް މެސެޖެއް ދެމުން ކޮކިޓޯސް ބުނީ، މި އިންޑަސްޓްރީގައި ކުރިއަށްދާއިރު ވަރަށް ގިނަ ފާޑުކިޔުންތަކާ (“ކްރިޓިސިޒަމް” އާ) ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން، އެ ފާޑުކިޔުންތަކާއެކު ވެސް ފަސްނުޖެހި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި (ސެލްފް ކޮންފިޑެންސް) އެކު ތިމާގެ އަމިއްލަ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

Leave a Reply