ފަންވަރު 01

ކިޔާލާ.ކޮމް ( ފަންވަރު)

(ނޯޓް: މިއީ ހިޔާލީ ވާހަކައެކެވެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ނަމަ އެކަމަށް އިންތިހާއަށް މާފަށް އެދެމެވެ.)

މާލޭގެ ހަލަބޮލި އަދި ކާރޫބާރޫ ބޮޑު މާހައުލުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުން ދެއެވެ. ރާއްޖޭގެ ރަށްރަށުގެ ހިތްގައިމު، ރީތި ގޮނޑުދޮށްތަކާއި ސާފު މޫދުތައް ދޫކޮށް ގިނަ ބަޔަކު މި ތޮއްޖެހުން ބޮޑު މާލެއަށް ހިޖުރަކުރަމުން ދަނީ އެމީހުންގެ ދަރިންނަށް ނުވަތަ ޒުވާނުން އަމިއްލައަށް މަތީ ތައުލީމު ހާސިލްކުރުމުގެ މަތިވެރި ނިޔަތުގައެވެ. ދިރިއުޅުމުގެ އެންމެ އުފާވެރި ޒުވާން އުމުރު އެއްކޮށް ހޭދަކޮށްލަން މި ޖެހެނީ މާލޭގެ ހޫނުގަދަ، ކޮންކްރީޓް މާހައުލުގައެވެ.

އަހަރެންވެސް ރަށްފުށުގެ އަމާން، ހިތްފަސޭހަ ދިރިއުޅުން ދޫކޮށް މާލޭގެ މި ހަލަބޮލި ދުނިޔެއަށް ބަދަލުވީ މަތީ ތައުލީމު ހާސިލްކުރުމުގެ ބޭނުމުގައެވެ. ރަށު ސްކޫލުން ކިޔެވޭ އެންމެ މައްޗަށް ކިޔަވައި ނިންމުމަށްފަހު، ގްރޭޑް 11 އަދި 12 (އޭ ލެވެލް) ފުރިހަމަކުރުމުގެ އުއްމީދުގައެވެ. ނަމަވެސް، މާލޭގެ ހަލަބޮލި މަގުތަކާއި ފިތިބާރުވެފައިވާ ދިރިއުޅުން ފެނިފައި އަހަރެންގެ ހިތް ބުނަމުން ދިޔައީ “ތިއީ އަހަންނަށް ނިންމުނު އެންމެ ވިޔާނުދާ އެއް ނިންމުމެވެ.” ރަށުގެ މިނިވަން ވައިރޯޅިތަކާއި ހިތްހަމަޖެހުން މާ ބޮޑަށް ވެސް ހަނދާންވާން ފެށިއެވެ.

އެހެން ނަމަވެސް، ދުވަސްތައް ފާއިތުވެ އޭ ލެވެލްގެ ކިޔެވުން ރަސްމީކޮށް ފެށިއްޖެއެވެ. ހިތާ ދެކޮޅަށް ނަމަވެސް، ކުރިމަގަށްޓަކައި އަހަންނަށް ޖެހުނީ ސްކޫލަށް ދާށެވެ. އިރާދަކުރެއްވިއްޖެއްޔާ، އަހަރެން މާލޭގައި ހުންނަން ލިބުނު ގޭގެ މީހުން އަހަންނަށް ވަރަށް ވެސް ހެވެއެވެ. އެމީހުން އަހަންނާމެދު ބަހައްޓަނީ އަމިއްލަ ދަރިއެއް ފަދަ އޯގާތެރިކަމެކެވެ.

ކޮންމެ ދުވަހަކުވެސް ރަށުގައި ތިބި އަހަރެންގެ އާއިލާއިން އަހަންނަށް ގުޅައެވެ. ސްކޫލަށް ދިޔަތޯއާއި، ހާލު ކިހިނެއްތޯ އަހައި އޮޅުންފިލުވައެވެ. އެކަމާ އަހަރެން އިންތިހާއަށް އުފާވެއެވެ. އަދި ފޯނު ބާއްވަމުން އަބަދުވެސް އަގުހުރި ނަސޭހަތެއް ދެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*