ޝިނާން 08

ކިޔާލާ.ކޮމް ( ވާހަކަ : ޝިނާން )

މިހެން ދެމީހުން ތިއްބައި ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ފިނިރޯޅިތަކާއެކު މުޅި މާހައުލު ފިނިވެގެން ދިޔަ ވަގުތު، “ވަރަށް ބަނޑުހައިވެއްޖެ،” ޝިނާން މިހެން ބުނުމުން ލުބާ ހިނިތުންވެލަމުން ބުންޏެވެ. “ކޯއްޗެއް ހުރީ ގޭގަ؟ ލެޓްސް ކުކް ސަމްތިންގް.” ޝިނާން ވިސްނާލުމަށްފަހު، “ހުންނާނެ ނޫޑްލްސް ވެސް، ޕާސްތާ ވެސް،” އޭ ބުނުމުން، “އޯކޭ، އައި ވިލް މޭކް ޕާސްތާ،” ލުބާ ވަރަށް އުފަލާއެކު ބުނެލިއެވެ.
ޝިނާން ލުބާއަށް ބަދިގެ ދައްކާލިއެވެ. ދެމީހުން އެކުގައި މަޖާ ވާހަކައިގައި ތިބެ ޕާސްތާ ކެއްކިއެވެ. ކައްކައި ނިމިގެން ދެމީހުން ކާން ތިބި އިރުވެސް، ޝިނާނަށް ލުބާގެ މޫނުން ނަޒަރު ހުއްޓައެއްނުލެވުނެވެ. ލުބާގެ ކޮންމެ ހަރަކާތަކާއި، އެ ރީތި ހިނިތުންވުމަށް ޝިނާންގެ ހިތް ދިޔައީ ތައުރީފު ކުރަމުންނެވެ.
އޭރުން އިރު އޮއްސި، އިރު އަރަން ކައިރިވެއްޖެއެވެ. ނަމަވެސް، ރޭގަނޑު ފެށުނީއްސުރެ ވެހެމުން ދިޔަ ވާރެޔަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޭރުން އިވެމުން ދިޔައީ ވާރޭގެ ތިކިތައް ފުރާޅުގައި ޖެހޭ އަޑެވެ.
ކުޑަ ހިމޭންކަމަކަށްފަހު، “ލުބާ، އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން،” ޝިނާން ކުޑަކޮށް ޖެހިލުންވެ ހުރެ އަހާލިއެވެ.
“ޓެލް މީ،” ލުބާ ޕާސްތާ ކޮޅެއް އަނގައަށް ލަމުން، ސުވާލުގެ ނަޒަރަކުން ޝިނާނަށް ބަލައިލަމުން ބުނެލިއެވެ.
ޝިނާން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު، ލުބާގެ ދެލޮލަށް ސީދާ ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. “އައި ލަވް ޔޫ.”
އެ ބަސްތައް އިވުމާއެކު، ލުބާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ވެރިވިއެވެ. ލިބުނު އުފަލުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަދި ޖަޒުބާތުން ފުރިގެންވީ އަޑަކުން، “މީ ޓޫ،” އޭ ބުނެލިއެވެ.
ޝިނާން ލުބާގެ ގައިގައި ލޯބިން ބައްދާލިއެވެ. އެއަށްފަހު، އެންމެ ފުރަތަމަ ލުބާއަށް ޝައުޤުވެރިކަން އުފެދެން ފެށި ގޮތާއި، އެ ހިތުގައި ފޮރުވިފައިވާ ހުރިހާ އިހުސާސެއް އެއްވެސް ފޮރުވުމެއް ނެތި ލުބާގެ ކުރިމަތީގައި ބޭރުކޮށްލިއެވެ.
ދެމީހުން އެހެން ތިއްބައި ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޝިނާންގެ ކޮއްކޮގެ ފިރިމީހާ ރިޝާން ނިކުމެގެން އައެވެ.
“އަހާ، މީ ކޮން ކުއްޖެއް؟” ހައިރާންކަމާއެކު ހިނިތުންވެލަމުން ރިޝާން އަހާލިއެވެ.
ޝިނާން ލުބާ ތަޢާރަފު ކޮށްދިނެވެ. “މީ ސްޓާފެއް، އެންޑް ސޫން ވާން އުޅޭ އަނބިމީހާ.”
“އާޗާ!” ޝިނާން އެހެން ބުނުމާއެކު ރިޝާން އުފަލުން ގޮސް ޝިނާންގެ ގައިގައި ބައްދާލިއެވެ.
އަދި ޝިނާން، ލުބާ އެވަގުތު ގެއަށް ގެންނަން ޖެހުނު ސަބަބު ކިޔައިދީ، ރިޝާނަށް ކެއުމަށް ދަޢުވަތު ދިނެވެ. ތިން މީހުން އެކުގައި ކާން އިށީނުމަށްފަހު، ޕާސްތާ ރަހަ ބަލާލުމަށްފަހު ރިޝާން ބުނެލިއެވެ. “ފަހަރި ކައްކާލެއް ހާދަ މީރޭ!”
“ތޭންކް ޔޫ،” ލުބާ ލަދުން ހުރެ މަޑުމަޑުން ބުނެލިއެވެ. މުޅި މާހައުލު އުފާވެރިކަމާއި އެކުވެރިކަމުން ފުރިގެން ދިޔައެވެ.
އަނެއް ދުވަހު ދެމީހުން ކުރެ އެކަކަށް ވެސް އޮފީހަކަށް ނުނިކުމެވުނެވެ. ރޭގަނޑުގެ ހޭލާ އުޅުމަށްފަހު ދެމީހުންނަށް ވެސް ތިބެވުނީ އަރާމުކޮށްލުމުގައެވެ. މެންދުރު ވި އިރު ޝިނާން ލުބާއަށް ގުޅާލިއެވެ.
“ވަޓްސް އަޕް މައި ލަވް؟” ޝިނާން ލޯތްބާއެކު އަހާލިއެވެ.
ލުބާ ފޯނު ކަންފަތުގައި ޖަހާލަމުން، “ޖަސްޓް ވޯކް އަޕް،” އޭ ބުނެލިއެވެ.
“މީ ޓޫ،” ޝިނާން ވެސް ހީނލަމުން ބުންޏެވެ.
ދެމީހުން މިހެން ފޯނުގައި ތިއްބައި، ލީނާ ބޭރުން ހަޅޭއްލަވާ އަޑު އިވުމުން ލުބާ ޝިނާން ގާތު ބުންޏެވެ. “ބޭބް، ވެއިޓް އިނގޭ. ދޮންތަ އިޒް ޝައުޓިންގް. އެބަ އަންނަން ބަލާލާފަ.”
ލުބާ ކޮޓަރިން ނިކުތްއިރު ފިރާޝް ހުރީ ލީނާގެ އަތުގައި ހިފައި އާދޭސް ކުރާށެވެ. އެ މަންޒަރު ފެނުމުން ލުބާގެ ރުޅިގަނޑު ފަޅައިގެން ގޮސް، ފިރާޝްއާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. އަދި ކުރިއަށް އޮތް ފަސް މިނެޓު ތެރޭގައި އެ ގެއިން ނިކުމެގެން ނުގޮސްފި ނަމަ، ޕޮލިހަށް ގުޅައިގެން ވެސް ނެރޭނެ ކަމުގައި ބުނެ އިންޒާރު ދިނެވެ. ލުބާގެ ހަރުކަށި ބަސްތައް އަޑުއިވުމުން، “ދެން ނާންނާނަމޭ،” ބުނެ ފިރާޝް އެ ގެއިން ނިކުމެގެން ދިޔައެވެ.
ލީނާ ރޯތަން ފެނުމުން ލުބާ ވަރަށް ހާސްވެ، ދޮންތަ ހަމައަކަށް އެޅުވުމަށްޓަކައި ކައިރީގައި އިށީނދެ ނަސޭހަތްދީ، ވިސްނައިދޭން މަސައްކަތް ކުރިއެވެ. ލުބާގެ އޯގާތެރި ބަސްތަކުން ލީނާ މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*