ޒީޝް

ކިޔާލާ.ކޮމް

ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރޭގައި، ރޭގަނޑުގެ ހިމޭންކަން ވެރިވެފައިވާ ވަގުތެވެ. އެ ހިމޭންކަން ފޫއަޅުވާލީ އަހަރެންގެ ލޮލުން ފައިބައިގަތް ހޫނު ކަރުނަތިކިތަކެވެ. އަހަރެންގެ މޭޒުމަތީގައި އޮތް ކުޑަ ނޯޓު ކަރުދާސްކޮޅު ފެނުމުން، އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. އެއީ އަހަރެންގެ ފުރާނައަށްވުރެ ލޯބިވާ ދަރިފުޅު، ލިޔެފައިވާ އަސަރުގަދަ ބަސްކޮޅެކެވެ.
އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ!
ދަރިފުޅު ތި ލިޔެފައިވާ ލަފުޒުތައް ކިޔައިލި ވަގުތު މަންމަގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެ ވަގުތު ދަރިފުޅުގެ ކައިރީގައި އަހަންނަށް ހުރެވުނު ނަމައެވެ! އެ ވަގުތު ދަރިފުޅު އަހަރެންގެ އަތުގެ ތެރެއަށް ލައި ބޮނޑިކޮށްލުމަށްފަހު، ނިތްކުރިއަށް ލޯބިން ބޮސްދީ، ދަރިފުޅު ތި ހީކުރާ ހީކުރުމަކީ ކިހާ ބޮޑު ކުށެއްކަން ބުނެދެވުނު ނަމައެވެ.
އެހެންކަމުން މިރޭ، ދަރިފުޅު ކޮންމެ ތަނެއްގައި ވީނަމަވެސް ހިތަށް ގެންނާށެވެ. އަހަރެން މި އިނީ ހަމަ ދަރިފުޅުގެ ގާތުގައި އިށީނދެގެންނެވެ. ދަރިފުޅުގެ އެ ކުޑަކުޑަ އަތުގައި ލޯބިން ހިފަހައްޓައިލައިގެން، ދަރިފުޅު ތި ލިޔުނު ކޮންމެ ސުވާލަކަށާއި ޖުމުލައަކަށް ޖަވާބު ދޭށެވެ.
އަހަރެންގެ ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަރެން ދުވަހަކުވެސް ނުވިދާނެއެވެ.”
ނޫނެކެވެ، އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! އަހަރެންގެ ދުނިޔޭގެ ވިދުމަކީ ހަމަ ތިޔައީއެވެ.
ކޮންމެހެން ކޮންމެވެސް ދުވަހަކުން ވިދާ ތަރިއަކަށް ވާކަށް ދަރިފުޅު އިންތިޒާރެއް ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ދަރިފުޅަކީ މިހާރުވެސް އަހަރެންގެ ދިރިއުޅުމުގެ ވިދާ ބަބުޅާ އެންމެ ރީތި ތަރިއެވެ. އެންމެ އަނދިރި ރޭތަކުގައި ވެސް، ލޮލަށް ފެންނަން ނެތަސް ތަރިތަކުގެ ވުޖޫދު ގެއްލިގެން ނުދެއެވެ. ހަމައެފަދައިން، ދަރިފުޅު ކިތަންމެ ދެރަވެފައި ހުރި ނަމަވެސް، ދަރިފުޅަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ރީތި، ކުޑަކުޑަ ނޫ ތަރިއެވެ.
ދެން އަހަރެންގެ ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަރެންނަކީ ތަރިއެއް ނޫނެވެ.”
ނޫނެކެވެ، އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ ހަމަ ތަރިއެކެވެ. ދަރިފުޅަކީ މަންމަގެ ހަމައެކަނި ތަރިއެވެ. މުޅި ދުނިޔެ އެއްކޮށް އަނދިރިވެގެން ދިޔަޔަސް، މި މަންމަ ހޯދާނީ ހަމައެކަނި ދަރިފުޅުގެ އެ ކުޑަކުޑަ އަލިކަމެވެ.
އަދިވެސް ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކީ އެއްވެސް އެއްޗެއް ނޫނެވެ.”
ނޫނެކެވެ، މަންމަގެ ހުރިހާ ވެސް އެއްޗަކީ ހަމަ ދަރިފުޅެވެ. ދަރިފުޅަކީ ރައްކާތެރިކަމާއި، ލޯތްބާއި، އަޅައިލުން ލިބެންޖެހޭ އަގުހުރި މައުސޫމް ހިތެކެވެ. އަދި މި މަންމައަށް، ދަރިފުޅަކީ ދުވަހަކުވެސް، އަދި ދުވަހަކުވެސް “އެއްވެސް އެއްޗެއް ނޫން” ކަމުގައި ނުވާނެއެވެ.
.ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކީ ގޯސް ކުއްޖެކެވެ.”
ނޫނެކެވެ، މަންމަގެ ދޫންޔާއެވެ. ދަރިފުޅަކީ އެއްގޮތަކަށްވެސް ގޯސް ކުއްޖެއް ނޫނެވެ ދަރިފުޅަކީ އުނގެނެމުން، ހެދިބޮޑުވަމުން، ކުށްތައް ކުރެވެމުން، ކަންކަމާމެދު ފުންކޮށް ވިސްނަމުން، މި ދުނިޔެ ދަސްކުރަން މަސައްކަތްކުރަމުން އަންނަ ކުޑަކުޑަ މަންމިގެ ލޯބި ކުއްޖެކެވެ. ކުށެއް ކުރެވުމަކީ ދަރިފުޅު ގޯސްވާ ސަބަބެއް ނޫނެވެ. އެއީ ދަރިފުޅަކީ އިންސާނެއްކަން އަންގައިދޭ ކަމެކެވެ.
އަދިވެސް ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅިއާދެއެވެ.”
މަންމިގެ ލޯބިވާ ދަރިފުޅާއެވެ… ދިރިއުޅުމަށްޓަކައި އެހާ ބުރަކޮށް މަސައްކަތްކުރަމުންދާ ތި ކުޑަކުޑަ މައުސޫމް ހިތަށް ތިހާ އަނިޔާވެރި ނުވާށެވެ! ދަރިފުޅު އަމިއްލަ ނަފްސު ދެކެ ރުޅިއަންނާކަށް ނުޖެހޭނެއެވެ. އަދި އަމިއްލަ ނަފްސު ދެކެ ރުޅިއަންނަ ކޮންމެ ވަގުތަކު ހަނދާންކުރާށެވެ؛ ދަރިފުޅު ގައިގައި ބައްދައިލުމަށްފަހު، “ދަރިފުޅު ހުރި ގޮތަށް، އެއްވެސް ބަދަލަކާ ނުލައި ދަރިފުޅަކީ ލޯބި ޙައްޤުވާ ކުއްޖެކޭ” ބުނެދޭން ބޭނުންވެގެން އިންތިޒާރުގައި މަންމަ ހުރިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކީ އެއްވެސް މީހެއް ނޫނެވެ.”
ނޫނެކެވެ، މަންމި ލޯބި ދަރިފުޅާއެވެ. ދަރިފުޅަކީ މަންމިގެ ޖާނެވެ.. ރީތި ހިތެއް، ފޮނި ހުވަފެންތަކެއް، ކުދިކުދި ވިސްނުންތަކަކާއި، ބިރުތަކެއް ވެއެވެ. އަދި މި ދުނިޔެއިން ދަރިފުޅަށް ޚާއްޞަވެފައިވާ މަޤާމަކީ އެހެން އެއްވެސް ކުއްޖަކަށް ދުވަހަކުވެސް ފުރިހަމަ ނުކުރެވޭނެ މަޤާމެކެވެ.
ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކީ އެކުވެރި ކުއްޖެއް ނޫނެވެ.”
ބައެއް ފަހަރު ދަރިފުޅު މަޑުމަޑުން ހުރެދާނެއެވެ. ބައެއް ފަހަރު ދަރިފުޅުގެ ހިތުގައި ޖެހިފައި ހުރެދާނެއެވެ. އަދި ބައެއް ފަހަރު އިޙްސާސްތައް ބަޔާންކޮށްދޭން ނޭނގިފައި ހުރެދާނެއެވެ.
ނަމަވެސް، އެކަމަކުން ދަރިފުޅަކީ ލޯބި ނުވެވޭނެ ކުއްޖަކަށް ނުވެއެވެ.
ދަރިފުޅަކީ އަދިވެސް މަންމަގެ ހަމަ އެ ލޯބިވާ، ފޮނި ކުޑަކުޑަ ދަރިފުޅެވެ.
ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގެ އަޑެއް ނާހަމެވެ.”
ބައެއް ފަހަރު ދަރިފުޅު އަޑުނޭހި ނަމަވެސް، މި މަންމަ އަބަދުވެސް ދަރިފުޅާ ވާހަކަދައްކާނީ އޯގާތެރި ކަމާއި އެކުގައެވެ. އަޑުއިއްވަން ޖެހިއްޖެނަމަ، އެއް ވާހަކައެއް އަލުން އަދި އަލުން ވެސް މަންމަ ބުނެދޭނަމެވެ:
ދަރިފުޅު ދެކެ އެންމެން ލޯބިވެއެވެ. ދަރިފުޅަކީ ވަރަށް މުހިންމު ކުއްޖެކެވެ. ދަރިފުޅު ހުރި ގޮތް ހަމަ ފުރިހަމައެވެ.
އަދި ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކަށް ލޯތްބެއް ޙައްޤެއް ނޫނެވެ.”
މި ޖުމުލައިން އަހަރެންގެ ހިތް އެންމެ ބޮޑަށް ކުދިކުދި ކޮށްލައިފިއެވެ.
އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ލޯތްބަކީ ހޯދަން މަސައްކަތްކޮށްގެން ހާސިލުކުރަން ޖެހޭ އެއްޗެއް ނޫނެވެ.
ލޯބި ޙައްޤުވުމަށްޓަކައި ދަރިފުޅަކީ އައިބެއް ނެތް ފުރިހަމަ ކުއްޖަކަށް ވާކަށް ނުޖެހެއެވެ. ދަރިފުޅަކީ އެންމެ މޮޅު ކުއްޖާއަށް، އެންމެ މަޑުމައިތިރި ކުއްޖާއަށް، ނުވަތަ އެންމެ އުފާވެރި ކުއްޖާއަށް ވާކަށްވެސް ނުޖެހެއެވެ.
ދަރިފުޅަށް ލޯބި ޙައްޤުވަނީ ހަމައެކަނި ދަރިފުޅަކީ ދަރިފުޅަށް ވީތީއެވެ.
އަދި އެންމެ ފަހުން، ދަރިފުޅު ލިޔެފައި އޮތެވެ:
“އަހަންނަކީ އެއްވެސް ބޭނުމެއް ނެތް މީހެކެވެ.”
ނޫނެކެވެ، މަންމަގެ ދަރިފުޅާއެވެ.
ދަރިފުޅަކީ އެއްވެސް ބޭނުމެއް ނެތް ކުއްޖެއް ނޫނެވެ.
ދަރިފުޅަކީ ދިރިހުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑު މައުސޫމް ފުރާނައެކެވެ.
އަދި މި މަންމަ އެދެނީ ދަރިފުޅު ކަމެއް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ:
ދުރުމިނަކުން ލޯތްބެއް ފޮހެލައެއް ނުލެވޭނެއެވެ.
ދަރިފުޅުގެ ކައިރީގައި މަންމައަށް ޖިސްމާނީ ގޮތުން ހުރެވެން ނެތް ނަމަވެސް، މަންމަގެ ލޯތްބެއް ފަނޑުވެގެން ނުދެއެވެ. ދަރިފުޅު ގައިގައި ބައްދައިނުލެވޭ ދުވަސްތަކާއި، ދަރިފުޅުގެ ކަރުނަތައް ފޮހެނުދެވޭ ދުވަސްތަކާއި، އަދި އެނދު ކައިރީގައި އިނދެނުލެވޭ ރޭތައް އަތުވެދާނެއެވެ.
“ހިތްވަރު އެލުވާނުލާށެވެ، މަންމަގެ ލޯބިވާ ދަރިފުޅާއެވެ.”
“ހިތާމައިގެ ވަގުތުގައި އަމިއްލަ ނަފްސަށް އިއްވާ ރަޙުމެއްނެތް ވާހަކަތައް ގަބޫލުނުކުރާށެވެ.”
“ދަރިފުޅަކީ ނުހަނު ރީތި ކުއްޖެކެވެ.”
“ދަރިފުޅަކީ ނުހަނު އަގުހުރި ކުއްޖެކެވެ.”
“ދަރިފުޅަކީ އިންތިހާއަށް ލޯބި ލިބިގެންވާ ކުއްޖެކެވެ.”
އަދި ކޮންމެވެސް އެއް ދުވަހަކުން، ދަރިފުޅު ގައިގައި ބައްދައިލެވޭ ވަގުތު، މަންމަ ދިގު ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެއެވެ.
ހަމައެކަނި ދަރިފުޅު ގަޔާ ކައިރިކޮށްލައި، ނިތްކުރިއަށް ބޮސްދީފައި ސިއްރުސިއްރުން ބުނެލާނީ މިހެންނެވެ:
“ދެކިބަލާށެވެ، ދަރިފުޅާއެވެ! މަންމަ ދަރިފުޅު ދެކެ ވާ ލޯތްބަކަށް ދުވަހަކުވެސް ބަދަލެއް ނާދެއެވެ. އެންމެ ސިކުންތަކަށް ވެސް އެ ލޯބި ހުއްޓައެއް ނުލައެވެ.”
އެހެންކަމުން އެ ދުވަސް އަންނަންދެން، މި މަންމަގެ ބަސްތަކުން ކުޑަކުޑަ މިންވަރެއް ނަމަވެސް ދަރިފުޅުގެ ހިތުގައި ރައްކާކޮށްފައި ބަހައްޓާށެވެ.
“އަހަންނަކީ އެއްވެސް އެއްޗެއް ނޫނޭ” ހިތަށްއަރާ ކޮންމެ ވަގުތަކު ހަނދާންކުރާށެވެ:”އަހަންނަކީ ކޮންމެވެސް މީހެއްގެ މުޅި ދުނިޔެއެވެ.”
“އަހަންނަކީ ތަރިއެއް ނޫނޭ” ހިތަށްއަރާ ކޮންމެ ވަގުތަކު ހަނދާންކުރާށެވެ:”އަހަންނަކީ މަންމަގެ ވިދާ ތަރިއެވެ.”
“އަހަރެން ދެކެ އެކަކުވެސް ލޯތްބެއް ނުވެޔޭ” ހިތަށްއަރާ ކޮންމެ ވަގުތަކު ހަނދާންކުރާށެވެ:”މަންމަގެ ލޯބި އަބަދުވެސް ދަރިފުޅާއި އެކު ވެއެވެ.”
އަދި މުޅި ދުނިޔެ ބުރަވެ، ކެތްނުކުރެވޭ ހިސާބަށް ދާ ކޮންމެ ވަގުތަކު، ލޯ މަރައިލުމަށްފަހު ދަރިފުޅުގެ އެ ކުޑަކުޑަ އަތުގައި މަންމަ ހިފަހައްޓައިގެން ހުރިކަން އިޙްސާސްކޮށްލާށެވެ.
ކަންބޮޑުނުވާށެވެ، ލޯބިވާ ދަރިފުޅާއެވެ. މި މަންމަ ދަރިފުޅުގެ ގާތަށް ދާނަމެވެ. އަދި އެ ދުވަސް އަންނަންދެން، މަންމައަށްޓަކައި އަބަދުވެސް ވިދާލަ ވިދާލާ ހުންނާށެވެ.
ދަރިފުޅަކީ މަންމަގެ ހިތުގެ ފުންމިނުން ލޯބިވާ ކުއްޖެކެވެ. މަންމްގެ ކުޑަކުޑަ ތަރިއެވެ. މަންމަގެ ދިރިއުޅުމުގެ އަލިކަމެވެ. އަދި މަންމަގެ ހިތުގެ އެންމެ އަގުބޮޑު އެއް ބައެވެ.
މަންމިގެ ދޫންޔާއެވެ ކޮންމެވެސް ދުވަހަކުން ދަރިފުޅު ގާތައް ދާނަމެވެ . މަންމައަށް އިންތިޒާރު ކުރާށެވެ. އިންތިޒާރުގެ ނިމުން ފޮނިވާނެ އެވެ.

Be the first to comment

Leave a Reply

Your email address will not be published.


*