ޝިނާން 10

ކިޔާލާ.ކޮމް

ހެނދުނު 8:00 ޖެހިއިރު ޝިނާންއާއި އަކްމަލް އަދި މާޔާއާއި ލުބާ ވެސް ތިބީ ލޯންޗަށް އަރައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ ދަތުރަށް ފުރަންވެފައި އޮތް އުފާވެރިކަމާއި ކެތްމަދުވުމެވެ.
ލޯންޗު ނައްޓާލުމާއެކު، އަކްމަލް ސަމާސާ ރާގެއްގައި ބުނެލިއެވެ. “އޭ… އަނެއްކާ މިތަނުން އެކަކު ވެސް ހޮޑުލާތަ؟” އަކްމަލް އެ ދެއްކީ މާޔާއާއި ލުބާގެ ވާހަކައެވެ. އޭނާ ބޭނުންވީ އެ ދެކުދިންނާ ދިމާކޮށްލާށެވެ. އެ ވަގުތު ލުބާއާއި މާޔާ އެއްއަޑަކުން ހީނގެންފައި “ނޫނެކޭ!” ބުނެލިއެވެ. މަޖާ ވާހަކަތަކާއި ހުނުމުގެ ތެރޭގައި ދަތުރު ކުރިއަށްދިޔައީ ވަރަށް އޮމާންކަމާއެކުގައެވެ.
ލޯންޗު ގޮސް ދިއްފުށީ ބަނދަރަށް ވަދެގެން އައި ވަގުތު، ރަށުގެ މަލަމަތި ފެންނަމުންދިޔައީ ވަރަށް ފެހިކޮށެވެ. ރުއްގަސްތަކުގެ ފެހިކަމާއި، ސާފު މޫދުގެ ރީތިކަމުން މުޅި މާހައުލަށް ދިރުން ގެނެސްދެއެވެ. ލޯންޗު ފާލަމާ ގާތްކޮށްލިއިރު، އެރަށުގައި އުޅޭ އަކްމަލްގެ އެކުވެރިއެއް ކަމަށްވާ ނަޞޫޙު ވެސް އެމީހުންގެ އިންތިޒާރުގައި ބަނދަރުމަތީގައި ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމުން، އެކުވެރިންނަށް މަރުޙަބާ ކިޔުމަށް އޭނާ ވެސް ހުރީ ނުހަނު ތައްޔާރަށްކަން ހާމަވެއެވެ.
“ހިނގާ އަވަހަށް ދާން ގެސްޓްހައުސްއަށް. ވަރަށް ރީތި ބީޗް ސައިޑް ގެސްޓްހައުސްއެއް ނަގާފަ އިނާނެ!” ނަޞޫޙު އުފަލާއެކު ބުނެލިއެވެ.
“އަހާ، މިހާރު ނެގީތަ؟ އަހަރެމެން މިތިބީ އަސާ ނަގަން. ނަސޫ ވަރެއް ނުވާނެ!” އަކްމަލް ނަޞޫޙުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“ގެސްޓްހައުސްއަށް ގޮސް އެންމެން އެއްޗެހި ބަހައްޓާފަ ސައިބޯން ދާންވާނީ އަހަރެމެން ގެއަށް އިނގޭ. މަންމަ އެބަހުރި އަކޭމެން އަންނަ ވާހަކަ ބުނީމަ މޭޒު ފުރެންދެން އެއްޗެހި ހަދާފަ!” ނަޞޫޙު ބުންޏެވެ.
“އާނ، ސައި ބޮވިދާނެ ކިތަންމެ ވަރަކަށް ވެސް، ދޯ އަކޭ؟” ޝިނާން ބުނެލިއެވެ.
ގެސްޓްހައުސްއަށް ދިޔަ މަގުމަތީގައި، އަކްމަލް ވަނީ ޝިނާންއާއި ލުބާ އަދި މާޔާ ނަޞޫޙަށް ތަޢާރަފުކޮށްދީފައެވެ. އެންމެންގެ މެދުގައި އޮތް އެކުވެރިކަމާއި ގާތްކަން އެ ކުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އިތުރަށް ބަދަހިވެގެން ދިޔައެވެ.
ގެސްޓްހައުސްއަށް އެއްޗެހިތައް ލުމަށްފަހު، އެންމެން ނަޞޫޙުމެންގެއަށް ގޮސް ސައިބޮއިގެން ރަށުތެރެ ބަލާލަން ނިކުންނަން ނަޞޫޙު ޚިޔާލު ދިނެވެ.
“މޫދަށް އެރެނީ ކޮންއިރަކު؟” މާޔާ ބޭނުންވީ ފުރަތަމަ ވެސް މޫދަށް އެރޭށެވެ.
“ހޫމް… މަގޭ މޫދު ރާނީ!” އަކްމަލް ހެވިފައި ބުނެލިއެވެ.
“ހިނގާ މެންދުރަށް ކެއުމެއް ހަދައިގެން ދަތުރު ދާން،” ޝިނާން ބުނެލިއެވެ.
“އޯކޭ، އެހެންވީމާ ހިނގާ އެއްޗެހި ގަންނަން ދާން. މިގޭގަ ކައްކައިގެން ދާނީ. ގެސްޓްހައުސްއަށް ގޮސް ޗޭންޖް ކޮށްލައިގެން ދެވޭނެ ނޫން؟” ނަޞޫޙު އެއްބަސްވަމުން ބުންޏެވެ.
މެންދުރަށް ކައްކައި ނިންމައިގެން، އެންމެން ދިޔައީ އަތިރިމައްޗަށެވެ. ހިތްގައިމު ދޮންވެލި ގޮނޑުދޮށުގައި އިށީނދެލައިގެން ތިބެ، އެންމެން އެކުގައި މީރު ކެއުމެއް ކާލިއެވެ.
ކައި ނިމުމުން ޝިނާން ބުނެލިއެވެ. “ކައިގެން އިރުކޮޅަކުން ދޯ އެރޭނީ؟” އެންމެން ވެސް އެ ވާހަކައަށް ތާއީދުކޮށް، މޫދަށް އެރެން ތައްޔާރުވަމުން އަރާމުކޮށްލަން މަޑުކޮށްލިއެވެ
“ކޮބާ… ހައުސް ލައިފް ބްރޯ؟ ވަރަށް ދުވަސް ކޮށްލާފަ ދޯ މިއާދެވުނީ،” އަކްމަލް ވާހަކަ ދެއްކީ ނަޞޫޙާއެވެ.
“ދެން… އެކަހަލަ ގޮތެއް،” ނަޞޫޙު މާޔޫސްވެފައި ހުރި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ހާދަ ފާޑަކަށް؟ ކޮބާ ރިޔާ؟” އަކްމަލް ކުއްލިއަކަށް ނަޞޫޙުގެ ލޯބިވެރިޔާ ރިޔާ މަތިން ހަނދާންވެގެން އަހާލިއެވެ.
އެއާއެކު ނަޞޫޙުގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. “އޭނަ އެހެން މީހަކާ އިނދެގެން ގޮސްފި. ނޭނގެ… ކުއްލިއަކަށް ބުނީ ބްރޭކްއަޕް ވާން. ވަރަށް އާދޭސް ވެސް ކުރިން، އެކަމަކު އަޅައެއް ނުލި. ނުބުނޭ ރީޒަންއެއް ވެސް. ދެން ބްރޭކްއަޕް ވިތާ އެއް މަސް ފަހުން އިވުނީ މެރީ ކުރި ވާހަކަ،” ނަޞޫޙު ފުން ހިތާމައަކާއެކު މާޔޫސްވެފައި ކިޔައިދިނެވެ.
“އޯހް… ސޮރީ މޭން! ހާސްނުވޭ، ފަހުން ރަނގަޅު ވާނެ،” އަކްމަލް އޭނާގެ އެކުވެރިޔާއަށް ހިތްވަރު ދެމުން ބުނެލިއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*