އިބްރާހީމް ޙަސަން
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ޔަޤީނެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް އެތައް ގެއްލުންތަކެއް ލިބެއެވެ. މި މައްސަލަ ޙައްލު ކުރާނެ ކަމުގެ ހުވަފެން ކޮންމެ ސަރުކާރަކުން ވެސް ދައްކަމުން ގެންދެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ފަށައެވެ. ޚާއްޞަކޮށް ކޮންމެ ސަރުކާރެއްގެ “ޅަފަތުގައި” އެކަމުގެ ކުލަވަރު ދައްކާ އެ ” ޑްރާމާ ” ގެ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނިފައި ވެއެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙް ސަރުކާރުން ވެސް މިކަމަށް މަސައްކަތްތަކެއް ފެއްޓިތައް ފެނިގެން ދިޔައެވެ. ރައީސް ޞާލީހް ސަރުކާރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ފެއްޓެވުމަށް ފަހު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އެމަސައްކަތާ ޙަވާލުވެ ހުންނެވި މިނިސްޓަރ އަމިއްލަފުޅަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޞާލިޙް ގެ ސަރުކާރު ފެއްޓި މަސައްކަތް ވެރިކަން ނިމުނު އިރު އޮތީ ހައްލު ނުވެ “ޗޮކުން” ގޮސްފައެވެ. ދެން ފެށުނީ ” ދިވެހީންގެ ރާއްޖެ ދިވެހިންނަށް” ކަމަށް ވިދާޅުވެ ފެއްޓެވި ރައީސް ޑޮކްޓަރ މުއިއްޒުގެ ސަރުކާރެވެ. ރައީސް ޑޮކްޓަރ މުޢިއްޒު މިނިސްޓްރީ އޮފް ހޯމް އެފައާރޒްގެ ނަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ ނަމަށް ބަދަލު ކުރައްވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ޒިންމާ އެމިނިސްޓްރީއާ ޙަވާލު ކުރައްވާފައި ވެއެވެ. ދިވެހިންނަށް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެއްވުމުގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މައްސަކަތްތަކެއް މިހާރު އެމިނިސްޓްރީން ފައްޓަވައިގެން ކުރިއަށް ގެންދަވާ ކަމުގައި މިޑިއާގައި ފަލަ ސުރުޚީ ތަކުން ޖާގަ ހޯދާފައި ވެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފާ ޑީޕޯޓް ކުރާނެ ކަމަށް މިޑީއަށް އަށް ތިލަ ކޮށްފައި ވެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޙައްލު ކުރުމަށް ޚާއްޞަ ކެމްޕެއިނެއް ފައްޓަވާފައި ވެއެވެ. މިފެށި ހަރަކާތަށް ވާނެ ގޮތެއް ބެލުމަށް ރައްޔިތުން ތިބީ ކެތްމަދު ވެފައެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކަށް ހިޖުރަ ކުރާ އުޞޫލުން ރެފިއުޖީންގެ ގޮތުގައި ރާއްޖެއަށް ހިޖުރަކޮށް ބަނޑަހަ ޖަހައިގެން ތިބޭ ބިދޭސީން ދިވެހި ރާއްޖޭގައި އުޅޭ ކަމަކަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ވީމާ ބިދޭސީން އެތެރެވަނީ ރާއްޖޭގެ އިމެގްރޭޝަންގެ ތެރެއިން ހުއްދަ ލިބިގެން ކަމަށް ޤަބޫލު ކުރަން ޖެހެއެވެ. ވީމާ، ބިދޭސީން ރާއްޖެ އެތެރެ ވަނީ ކޮންމެވެސް ވިސާއެއް ނުވަތަ ކޯޓާއެއްގެ ތެރެއިން ހުއްދަ ލިބިގެންނެވެ. އެތެރެ ވުމަށްފަހު، ދެން އެމީހަކު ކުރާނެ ކަމެއް ދާނެ ތަނަކަށް ދާންވީއެވެ. އުޅޭނެ ގޮތަކަށް އުޅެންވީއެވެ. ބެލޭނެ ނިޒާމެއް ނުވަތަ ބެލެހެއްޓޭނެ ގޮތެއް މިތަރައްޤީ ޒަމާނުގައި ހަމަ ނެތީހެއްޔެވެ. ނުވަތަ ބޭރު މީހުން އެތެރެކޮށްގެން ރާއްޖެ އެތެރެ ކުރުމުގެ ބޮޑު ވިޔަފާރިއެއް ދިވެހިންގެ ބަޔަކު ބައިވެރި ވެގެން ކުރަނީހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ދޮރުއަށިތައް ބަލަހައްޓަވަން ތިއްބަވާ ފަރާތްތަކުން ހިންގަވާ އަމްދަނީ ލިބޭ މަސައްކަތަކަށް ވަނީހެއްޔެވެ.
ރާއްޖެއަކީ ވަކިވަކި ރަށްތަކެއް މައްޗަށް އޮތް އެކުލެވިގެން ވާ ޤައުމަކަށް ވާއިރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މާ ބޮޑު އުދަގޫ ތަކެއް ވާނެ ކަމަކަށް ނުދެކެމެވެ. އެރަށެއްގައި ދިރިއުޅޭ ބިދޭސީން ރިކޯޑްސް އެރަށެއްގެ ކައުންސިލުން ބެލެހެއްޓުމާއި އެފަދަ މީހުން އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުމަކީ މިވަގުތަށް އަޅަން ޖެހޭ އެންމެ މުހިއްމު އެއްފިޔަވަޅެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސިން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ނުލިބޭ ގޮތް ހެދުމަކީ މުހިންމު ކަމެކެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލުމަކީ ހަމަ އެކަނި އޮތް ހައްލެއް ނޫނެވެ. ޑީޕޯޓް ކުރުން ނުވަތަ ބިދޭސީން ޤަވާއިދުގެ ތެރެއަށް ގެނެސް ރާއްޖޭ މަސައްކަތުގައި ދެމި ތިބޭވޭނެ ގޮތް ހެދުމަކީ އިޤްތިޞާދީ ގޮތުން އެންމެ ރަގަޅު ކަމެއް ކަމުގައި ދެކެމެވެ. އެއްފަހަރާ ގިނަ ބަޔަކު ޑީޕޯޓް ކޮށް ރާއްޖެއިން ފޮނުވާލުމަކީ މިއަދުގެ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ދަތި ކަމަކަށް ވެދާނެއެވެ. ވީމާ އެކަން ޙައްލު ކުރުމަށްޓަކައި ބިދޭސީންގެ ދަފުތަރު އެކުލަވާލާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފާހަގަކޮށް އެމީހަކު ރާއްޖޭގެ ވީ މުއްދަތަކަށް ޖޫރިމާނާ ފައިސާ ވަގުތުން ނެގުމާއި އެފަދަ މީހުން ރާއްޖެއިން ފުރުމަށް މުއްދަތެއް ދީ އެފަދަ މީހުން (ފައިގައި ޓެގް އަޅުވައިގެން ނަމަވެސް) މޮނިޓަރ ކޮށް ބެލެހެއްޓުމަކީ މިއަދު ކުރަން ވެއްޖެ ކަމެކެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކުން ދިވެހިންނަށް ދިވެހީންގެ ރާއްޖެ ލިބުނީ ކަމަކަށް ނުވާނެއެވެ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރަށް އިހްތިރާމާއި އެކު ދަންނަވަން ޖެހެނީ ވޭތުވެ ދިޔަ ސަރުކާރުތަކުން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުން އުފެދިފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކޮށް އެމީހުންވެސް ޤަވާއިދާ އެއްގޮތަށް އުޅޭ ބަޔަކަށް ހައްދަވާ ދެއްވާށެވެ. މިފަހަރު ތިޔަ ފެއްޓެވި ބިދޭސީންގެ މައްސަލަ ޙައްލު ކުރުން ” ޗޮކުން ” ދިޔަ ނުދެއްވާށެވެ.
ވަރަށް ސަޅި ހަބަރެއް – މިޙާރުވެސް އެ އުޅެނީ ބޯޑަރު ހުޅުވަން