ދިވެހިރާއްޖެއިން މިވަޤުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގައި ޗައިނާގެ އެހީތެރިކަން ދެއްވާނެކަމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފިރު ވަން ލިޒިން މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރުވަނީ މިއަދުގެ ވަޤުތެއްގައި ރައިސް ޑރ. މުޙައްމަދު މުއިއްޒުއާ ރައިސްއޮފިހުގައި ބައްދަލު ކުރައްވާފައެވެ. ރައީސް އޮފިހުން މިކަމާގުޅިގެން ބުނެފައިވަނީ މި ބައްދަލުވުމުގައި ޗައިނާގެ ސަފިރުވަނީ ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން އޮޅުންފިލުވާފައިވާކަމަށާއި، އެކަންކަން ފަހިކޮށްދިނުމަށް ޗައިނާއިން ދެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމަށް ސަފީރުވިދާޅުވިކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީޖިންޕިން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ޚާއްޞަ ގާތްކަމާގުޅޭގޮތުން ސަފީރު ވާހަކަފުޅު ދައްކަވާފައިވާކަމަށްވެސް ރައީސް އޮފީހުންބުނެއެވެ.
އަދި މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށްކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވިފައިވާ ކަންކަމާއި އަދި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުން އަވަސްކުރުމަށް ކުރެވެންހުރި ކަނަކަމާއިގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުންބުނެއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެޤައުމު ގުޅިގެންކުރެވެންހުރި ކަންކަމާއިގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާކަމަށް ރައީސް އޮފީހުންބުނެއެވެ.
މިވަޤުތަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމުގައި ޗައިނާގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤިންކަން ދެއްވާފައިމިވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއިގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.
Leave a Reply