އިބްރާހީމް ޙަސަން
ތަންކޮޅެއް ކުރީގެ ދުވަސްތަކުގައި ހުކުރު ދުވަހުގެ އިމާމު މީހާ އިއްވާ ޚުތުބާ އިވޭ އެއް ބަސްކޮޅަކީ މިޒަމާނުގައި މިގެންގުޅޭ މެޝިންތައް ވެސް އަބަދު އެއްގޮތަށް ހިންގާނަމަ އެހިންގުން ބަދަލް ކޮށްލަން ޖެހޭ ވާހަކައެވެ. އަބަދު އެއްގޮތަށް ހިންގާނަމަ، ބައެއް ސޯބުތައް ރުންކުރުވެ ހަލާކުވެފައި ވާތީ އެސޯބުތައް ބަދަލްކޮށްލާ ތެޔޮ ޖަހާ ހިންގުން އާކޮށްލަން ޖެހޭ ވާހަކައެވެ. މިއީ ދިވެހިންނަށް އެދުވަސް ވަރު ތަކުރާރުކޮށް އިއްވާފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.
ޕާޓީ ނިޒާމަށް ވެރިކަމެއް ހިންގާ ޤައުމެއްގައި އިދިކޮޅު ޕާޓީ އަކީ ވެސް މުހިއްމު ބައެކެވެ. އެއީ އެވަގުތު އޮންނަ ސަރުކާރުން ބޭނުން ހާ ޗައްކަރެއް ކުޅުމުގެ ފުރުޞަތު ނުދިނުމާއި އެކު އެވަގުތު އޮންނަ ސަރުކާރު ގެންގުޅޭ ސިޔާސަތުގެ ސަބަބުން ލިބޭނެ ގެއްލުން ރައްޔިތުންގެ ސަމާލުކަން ގެނައުމެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި އިދިކޮޅު ނުވަތަ ވާދަ ވެރި ޕާޓީ އެއްގެ ގޮތުގައި އޮތް އެމްޑީޕީއަށް އެވަރުގެ އުރަތްޕެއް ނެތެވެ. މިއަދު އެމްޑީޕީގެ އިސްސަފުން ފެންނަ ތިބި މީހުންނަކީ ރައްޔިތުން މާބޮޑު ތާއީދެއް ނެތް ބަޔަކެވެ. ޕާޓީ ތެރެއިން ފެންނަނީ އެހެން ޕާޓީ ތަކުން އައިސް ތިބި މީހުންނެވެ. އެމީހުންނާ މެދު ޚުދު އަސްލު އެމްޑީޕީ މެމްބަރުން ވެސް ބަލާނީ ކަތި ނަޒަރަކުންނެވެ.
އެމްޑީޕީގެ ހަޔާތަށް އައި އެންމެ ކަޅު ދުވަސްތަކަކަށް ވެފައި ވާނީ ރައީސް ޞާލިޙްގެ ރިޔާސީ ދައުރެވެ. ރައީސް ޞާލިހް ދައުރުގައި އެމްޑީޕީ ފުނޑި ހިންގާލުމަށް އައި މީހުންނަށް އެމްޑީޕީ ނުހިންގި ވަނީ ފޫ ވެއްޓިފައެވެ. އަދި އޮޑީގައި ތިބި ބަޔަކު ވަނީ ފޫ ވެއްޓުނު ތަނުން ނުކުމެ އޮޑި އޮޔާ ލާފައެވެ. ޕާޓީ ބޮޑު ތަނުން ބަލިވެ އެޑްމިޓް ކޮށްފައެވެ. މިއަދު އެމްޑީޕީގެ ފެންނަނީ ފެއިލް ވެފައިވާ ކައްޕިއަކާ އެކު ޝައްކުގެ މަތީގައި ތިބި ހައެއްކަ ފަޅުވެރި ކުދިންކޮޅެކެވެ. ވެރި ކަމުގެ ދަހިވެތި ކަމުގައި ނިދި މަދުވެފައިވާ، ސިޔާސީ އިސްރަށް ވެހިން ކޮޅެކެވެ. އެއީ އެމްޑީޕީގެ ފިކުރުގައި ކުރިއަށް ދެވޭނެ ބައެއް ނޫން ކަމަށް އެމްޑީޕީގެ އޭގެ ޒާތުގައި ޤަބޫލު ކުރާނެއެވެ. އެމީހުން ތިބެގެން އަސްލު އެމްޑީޕީ ގައި ވަނީ ހިރަފުސް އަރާ ވަރަށް ބޮޑަށް ނުތާހިރު ވެފައެވެ.
އާދެ ! ރާއްޖޭގައި ސިޔާސީ މަޝްރަޙްގައި އެންމެ ނުފޫޒުގަދަ އަދި ރާއްޖޭގެ ގިނަ ބަޔަކު ބައިވެރިވާ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިއަދު މިވަނީ ރުންކުރުވެ ބާވެފައިވާ ސޯބްތައް ބަދަލްކޮށް ބައެއް ސޯބުތަކަށް ތެޔޮ ޖަހާ ހިންގުން ހަލުއި ކުރަން ޖެހިފައެވެ. މިއަދު އެމްޑީޕީ މިވަނީ ހިންގުންތެރި ޒުވާން ސިޔާސީ ފަރާތްތަކަށް ފުރުޞަތު ދޭން ޖެހިފައި ވެއެވެ. ނަމަވެސް ވެރި ކަމަކީ ވެރިކަމެވެ. ބާރަކީ ބާރެވެ. ތިމާއަށް ލިބިފައިވާ ވެރިކަން ނުވަތަ ތިމާ ލިބިދާނެ ކަމަށް އިންތިޒާރު ކުރާ ވެރިކަން އެހެން ބަޔަކަށް ދޫކޮށްލަން ކެރޭނީ މަދު މީހަކަށެވެ. ނަމަވެސް މިއަދު ދިވެހިން މިދަނީ ޕާޓީން ބުޅަލެއް ދެއްކި ނަމަވެސް ވެރިކަމަށް ގެނައުމުގެ ޘަޤާފަތާ ދުރުވަމުންނެވެ. ވީމާ އެމްޑީޕީ އޯވަރ ހޯލް ނުކޮށް އަތޮޅުތެރެއަށް ކިތަންމެ ގިނަ ދަތުރު ތަކެއް ކުރި ނަމަވެސް ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އޯވަރ ހޯލް ނުކޮށް ކުރިއަށް ދާނަމަ ދުވަސް ކޮޅަކުން އިވޭނީ އިންޖީނު ހުއްޓި ބާދަގަނޑަށް އެމްޑީޕީ ވިއްކާލާ އަޑެވެ. ޑީ އާރުޕީ އަށް ވެސް ޖެހުނީ މިދަތުރެވެ. އެންމެ ފަހުން ޑީއާރުޕީ ނީލަމުގައި ވެސް ގަންނާނެ މީހަކު ނުވެގެން އުޅެން ޖެހުނެވެ.
Leave a Reply