ސިޔާސީ ބޭފުޅުންނަށް ޚާއްޞަ ވުޒާރާއެއް – ” މިނިސްޓްރީ އޮފް ޕޮލިޓިކަލް އެފެއާރޒް”

އިބްރާހީމް ޙަސަން

 

ކޮންމެ ރިޔާސީ އިންތިޚާބެއް ނިމުމާއި އެކު ފެށެނީ ވެރިކަން، ވެރިކަން ހޯދުމަށް މަސައްކަތް ކުރި ފަރާތްތަކަށް ސިޔާސީ މަޤާމްތައް ބެހުމުގެ މަސައްކަތެވެ. މިގޮތުން ކޯލިޝަން ހެދި ޕާޓިތަކާއި މައި ޕާޓީގެ މެމްބަރުންނަށް މަހުން ލަފައިގެން ކެޔޮޅު މަސް ބަހާހެން މަޤާމްތައް ބަހަން ޖެހެއެވެ. ސިޔާސ މަޤާމުތައް އުފެއްދެވުަމީ ޤާނޫނީ ގޮތުން ރައީސުލް ޖުމުހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރެކެވެ. ކޮންމެ ވެރިއަކުވެސް އިންތިޚާބު ގެ ކުރީން ސިޔާސީ މަޤާމް އަދަދު މަދު ކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވެއެވެ. އަދި ލިމިޓް ކުރެއްވުމަކީ ރައީސް ކުރެއްވޭ ވަރުގެ ކަމަކަށް ވެސް ނުވެއެވެ. ތަފާތު ސަބަބުތަކާއި ހުރެއެވެ. އެއީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި  ޕާޓީގެ މެމްބަރުން އެތައް މަސައްކަތެއް ކުރެއެވެ. އަދި ދެން ވެރިކަން ލިބި ދާނެހެން ހީވާ ވަގުތު ކޯލިޝަން ހަދާ ޕާޓީތަކަށްވެސް ސްލޮޓްތައް ދޭން އޮންނަނީ މަޖުބޫރު ވެފައެވެ. މިއީ ވަކި މިއަދުގެ ޙާލަތެއް ނޫނެވެ. އިއްޔެގެ ވެސް ހާލަތެވެ. އަދި މާދާމާ ކަން ވާނެވެސް ގޮތެވެ. އަދި ވަކިމޫސުމެއްގައި އިތުރުވެ އުނިވަމުން ވެސް ދާ ކަމެކެވެ.

ހައްދެއް ނެތި ސިޔާސީ މަޤާމު އިތުރު ވަމުން ދާތީ ކޮންމެ ދިވެހި ރައްޔިތަކުވެސް   ވާހަކަ ދައްކައެވެ. ތަފާތު ޝުއޫރު ތަކެވެ. މިއަދު ވެސް މިނިސްޓްރީ ތަކާއި ކުންފުނިތަކާއި ރަށްރަށުގައި ހުރި ހެލްތު ސެންޓަރތަކުގައި ވެސް ގޮނޑި މޭޒު ނެތް ވަރަށް ސިޔާސީ ބޭފުޅުން ތިއްބެވި ކަމުގެ ވާހަކައެވެ. އެބޭފުޅުން ކުރައްވާނެ މާގިނަ މަސައްކަތްތަކެއް ނެތް ކަމުގެ ވާހަކައެވެ. އެއީ ސިޔާސީ ބޭފުޅުން ކަމަށްވިޔަސް އަދި ސަރުކާރުގެ އެހެން މަޤާމެއްގައި ހުންނަ ބޭފުޅެއް ކަމުގައި ވިޔަސް އޭނާގެ މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށް ވާތީއެވެ. އެއީ އެބޭފުޅުންގެ މުސާރަ އަކީ  ރައްޔިތު މީހާ ކަންމަތީ ފިހާރައިން  ގަންނަ އެންމެ  ފޯއް ކިބައަށް ވެސް ޓެކްސް ދައްކައިގެން ދޭ އެއްޗަކަށް ވާތީއެވެ.

ކުރިން ދެންނެވި ކަންކަން ހައްލު ކުރުމައްޓަކައި މިނިސްޓްރީ އޮފް ޕޮލިޓިކަލް އެފެއަރޒްގެ ނަމުގައި ހަމަ އެކަނި ސިޔާސީ ބޭފުޅުންނަށް ޚާއްޞަ މިނިސްޓްރީއެއް އުފެއް ދެވުމަކީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަޙް ހުރި ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.  އެމިނިސްޓްރީގައި އިދާރީ މަސައްކަތްވެސް ކުރައްވައް ތިއްބަވާނީ  އަދި އެނޫން މަސައްކަތަށް ވެސް ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ. އެބޭފުޅުން ކުރައްވަން ޖެހޭނެ މަސައްކަތަކީ ސަރުކާރު ޕްރޮމޯޓް ކުރެއްވުމެވެ. މިގޮތުން ޓީވީ ޕްރޮގްރާމް ތަކަށް އެރުމާއި ހޮޅުއަށި ތަކާއި ފިނި މައިޒާން ތަކުގައި ސަރުކާރު މޮޅުކޮށް ” ބައިސާ” ކެނޑުމެވެ.  މިގޮތަށް މިމިނިސްޓްރީގެ މައިގަޑު މަސައްކަތް ކަނޑައެޅުމުން އެބޭފުޅުންގެ މުސާރައަކީ ދައުލަތުން ދޭ އެއްޗަކަށް ވެގެން ނުވާނެއެވެ.  އެބޭފުޅުންގެ މުސާރަ ދޭން ވާނީ އެވަގުތެއްގައި އޮންނަ ސަރުކާރު ހިންގާ ޕާޓީ އަކުންނެވެ. ނުވަތަ ކޯލިޝަން ޕާޓީ ތަކުންނެވެ.  އެހެން ހެދުމުން ސިޔާސީ ބޭފުޅުން ކިތަންމެ ގިނަ ނަމަވެސް ދައުލަތުގެ ބަޖެޓަށް ވާނެ ބުރައެއް އޮންނާނެ ކަމަކަށް ނުދެކެމެވެ. އަދި މިމިނިސްޓްރީއަށް 1000ން 2000 ސިޔާސީ ބޭފުޅުން އައްޔަނު ކުރެއްވި ދާނެއެވެ. އަދި އެއީ ކޮންމެހެން މިނިސްޓްރީގައި މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅުންނެއް ނޫނެވެ. އެމުއައްޒަފަކު އެވަގުތެއްގައި ހުންނަވާ ކޮންމެ ތަނަކީވެސް މިނިސްޓްރީ ކަމަށް ބެލި ދާނެއެވެ.  މިގޮތަށް ހެދިއްޖެނަމަ، ސަރުކާރު ހިންގުމަށް އުފައްދަވާ މިނިސްޓްރީ ތަކާއި ވުޒާރާތަކުގައި ކަމެއް ނެތި މިހާރު ތިއްބަވާ ސިޔާސީ ބޭފުޅުން މަދުވެގެން ދާނެއެވެ. އަދި ޕާޓީގެ ބައެއް ކުދިންނަށް ސިޔާސީ މަޤާމެއް ނުލިބިގެން “ބޮޑާ ހާކާ” ކުދިންނެއް ނުތިބޭނެއެވެ. ވީމާ  ރައީސުލްޖުހޫރިއްޔާއަށް ވެސް ސަރުކާރު ހިންގުމަށް ފަސޭހަ ވެގެން ދާނެއެވެ.

މިއީ ޤާނޫނު އަސާސީއަށް އިސްލާހް ތަކެއް ގެނައުމުގެ ވާހަކަ ދެކެވޭ  ދުވަސްވަރެއް ކަމަށް ވެފައި، ޚަރަދު ބޮޑުވެ ދިވެހިންގެ ދިރިއުޅުން ތިރިއަށް ސޮއްސާލުމުގެ އިޝާރާތެއް ލިބި ޚަރަދު ކުޑަ ކުރަން މަސައްކަތް ތަކެއް ކުރެވޭ ދަނޑިވަޅެއް ކަމަށް ވާތީ  ނަފްސަށް ފިނިކޮށްލާ  ވައިޖައްސާލުމުގެ ތެރެއިން  ކުރެވުނު ޚިޔާލެއް ކަމަށްވާތީ   ދަންނަވާލިއެވެ. މިކަން މިއަދުގެ ސަރުކާރަށް ކުރަން ނުކެރުނަސް ދެން އަންނަ ސަރުކާރަކުން ނަމަވެސް މިނިސްޓްރީ އޮފް ޕޮލިޓިކަލް އެފެއާރޒް” އުފެއްދުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުގައި އަދި ޕާޓީގެ ކުދިންގެ ޙައްޤުގައި ކުރައްވަން ޖެހޭނެ ކަމެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*