ދެމަފރިންގެ ދެމެދުގައި މައްސަލަ އުފެދުމުގެ އެއް ސަބަބަކީ ދެމަފިރިންގެ ދެމެދުގައި ރަގަޅު މުއާސަލާތީ ގުޅުމެއް ނެތެވެ. ތިމާގެ ބައިވެރިޔާ ހިއްސާ ނުކުރެވުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި އޮންނަށްވާ ގުޅުން ކެނޑި ހީނާރު ވަމުން ދެއެވެ. ކޮންމެ ދެމަފިރިއަކުވެސް ކާވެންޏަކާ ހިސާބަށް އަންނަނީ ދެފަރާތުގެ ދެމެދުގައި ވަރަށް ގިނަ ވާހަކަ ތަކެއް ދެކެވި ޚިޔާލު ބަދަލް ކުރެވިގެންނެވެ. ނަމަވެސް ކާވެނި ކުރުމަށް ފަހު ކުރިން އޮތް ގުޅުން ކެނޑި ތިމާގެ ބައިވެރިޔާ އާއި ކަންކަން ހިއްޞާ ކުރުން މަދުވާން ފަށައެވެ. ކަންކަމާ މަޝްވަރާ ކުރެވުން ކުޑަވެގެން ދެއެވެ.
ތިމާގެ ބައިވެރިޔާ ކަންކަން ހިއްޞާ ކުރުން ފަސް ޖެހޭ ސަބަބުތަކުގެ ތެރޭގައި ، ތިމާ ހިއްޞާ ކުރާ ޚިޔާލު ނުވަތަ ބުނާ ބަހެއްގެ ސަބަބުން ތިމާގެ ބައިވެރިޔާ އާއި ދެބަސްވުމެއް އުފެދި ދާނެ ކަމުގެ ބިރު އޮތުން ހިމެނެއެވެ. ތިމާ ދައްކާ ވާހަކައަށް އޭނާ ވަގުތުން ކުރާނީ އިންކާރު ކަމާއި އޭނާ ދެކޮޅު ވެރިވާނެކަން އެގޭނަމަ ކަންކަން ޙިއްޞާ ކުރުން ކުޑަވާނެއެވެ. ވީމާ ފިރި މީހާ ނުވަތަ އަނބި މީހާ އޭނާގެ ބައިވެރިއާއި ވާހަކަ ދެއްކުމަށް އުޒުރު ވެރިވެއެވެ. ނަމަވެސް ތިމާގެ ބައިވެރިޔާ ދައްކާ ވާހަކަ އަޑު އަހާ އޭނާގެ ޚިޔާލަށް ތާއިދު ކުރުމާއި އެކު، ތިމާއަށް ފެންނަގޮތް ބުނެ ދެވޭނަމަ، ދެބަސްވުން ކުޑަ ކުރެވޭނެއެވެ. ދެވަނަ ކަމަކީ ބުނެވޭ ބަހުގެ ސަބަބުން ތިމާ ކުށްވެރި ވެދާނެ ކަމުގެ ބިރު ހީވުމަކީވެސް ދެމަފިރިންގެ ދެމެދުގައި އޮންނަވާ ގުޅުން ކެނޑިގެން ދާނެ ކަމެކެވެ. ވީމާ މިފަދަ ވާހަކައެއް ބުނުމުގެ ކުރިން ކޮންމެ ދެމަފިރިންވެސް ވިސްނާނެއެވެ. މިސާލަކަށް ފިރި މީހާއަށް ދިމާވި ކަމެއް ހައްލު ކުރުމަށްޓަކައި އަނބިމީހާ ހިއްސާ ކުރުމުން އެކަން އެދިމާވީ ފިރިމީހާގެ ސަބަބުން ކަމަށް ބުނެ އެކަމުގައި ފިރިމީހާ ކުށްވެރި ކުރާ ކަމަށް ވާނަމަ އެފަދަ ވާހަކަ ދެއްކުން ފިރިމީހާ ދުރުވާނެއެވެ. އޭގެ ބަދަލުގައި ބައިވެރިޔާ އެކަން ކުރުމަށް އޮތް އެންމެ ރަގަޅު ގޮތުގެ ޚިޔާލު ދެވި ދެފަރާތުގެ ދެމެދު ކުރެވޭ ބަޙުޘްއަކަށް ނުހެދުން މުހިއްމެވެ. ތިންވަނަ ކަމަކަށް ކަންބޮޑު ވުމާއި ހާސްވުމާއި، ކުށްވެރި ކުރާ މާހައުލެއްގައި ބޮޑުވެފައިވާ މީހުން ވެސް ޖަވާޒީ ހަޔާތެއް ފެށުމަށްފަހު ބައިވެރިޔާ އާއި ކަންކަން ހިއްސާ ކުރުމަށް ޖެހިލުން ވެއެވެ. އެއީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަޤީންކަން ގެއްލި ފައި ވާތީއެވެ. ތިމާގެ ހާޔާތުގެ ބައިވެރިޔާއަކީ އެފަދަ މީހެއްނަމަ އަޅާލާ އޯގާތެރިކަން ވަރަށް މުޙިއްމެވެ. ހަތަރުވަނަ ކަމަކީ ނުކުރެވޭނެ ކަންކަމަށް ބައިވެރިޔާ ކިބައިން އުއްމީދު ކުރާ ނަމަ، ދެމެފަރިންގެ ދެމެދުގައި ދެބަސްވުން ދިމާވާނެއެވެ. އެކަމުގެ ސަބަބުން ދެފާރުން ދެމެދުގައި އޮންނަންވާ ގުޅުން ކެނޑިގެން ދެއެވެ. ތިމާ އަޑު އަހަން އުދަގޫ ވިޔަސް ބައިވެރިޔާ ދައްކާ ވާހަކަ އަޑު އަހަށެވެ. އެއީ ތިމާގެ ނަޒަރުން މާ މުހިއްމު ވާހަކައަކަށް ނުވިޔަސް، ބައިވެރިޔާ އެވާހަކަ ދައްކަނީ އޭނާއަށް ވަރަށް މުހިއްމު ވާހަކައެއް ކަމަށް ވާތީއެވެ.
ރަގަޅު އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ ،ދެމަފިރިންވެސް އެކަކު އަނެކަކަށް އިހްތިރާމު ކޮށް އެކެއްގެ ވާހަކަ އަޑު އަހާ ނަމަ ދެފަރާތުގެ ދެމެދުގައި ޖެހޭ މައްސަލަތައް ކުޑަ ވާނެއެވެ.
Leave a Reply