އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ރޭ ވިދާޅުވީ އިންޑިއާގެ ކުރިއެރުމާއި ތަރައްގީ އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގާތް ގުޅުމުން ވަކިނުކުރެވޭނެ ކަމަށާއި އެ ގުޅުންތައް ދެމެހެއްޓުމުގައި ރާއްޖެއަށް އިސްކަން ދޭ ކަމަށެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ ބައްދަލުވުންތަކަށް ފަހު ޖައިޝަންކަރު ވިދާޅުވީ، މި ދަތުރަކީ ދެ ގައުމު ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކުގެ ނަތީޖާ ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކުގެ މަގުޗާޓެއް ކަނޑައެޅުމަށް ބޭނުންތެރި ދަތުރަކަށް ވެގެންދާނެ ކަމަށެވެ.
ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް ދެކެނީ ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދަތުރެއްގައި ވެސް ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ ގިނަ މަޝްރޫއުތަކެއް ވެސް ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. އޭގެ ތެރޭގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުތަކުގައި ހިންގަމުން އަންނަ ބައެއް މަޝްރޫއުތައް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އާ ދެ އެއްބަސްވުމެއްގައި ރޭ ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އިންޑިއާގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމާ ގުޅޭ ގޮތުން ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫ އެވެ. ދެވަނަ އެއްބަސްވުމަކީ މޯލްޑިވްސް ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސްއާ ދެމެދު ސިވިލް ސަރވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމެވެ.
Leave a Reply