ސެޓްލައިޓް ސްކޫލުން ޘާނަވީ އިމްތިހާނުގައި ބައިވެރިވި ހަތް ދަރިވަރުންގެ ތެރެއިން 3ދަރިވަރުން ފަސްމާއްދާއިން ފާސް ވުމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ މަރުހަބާ ކިޔައިފިއެވެ. އެކަމަނާ އެދަރިވަރުންނަށް މަރުޙަބާ ކިޔާފައި ވަނީ، ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސެޓްލައިޓް ސްކޫލަކީ ކިޔަވާ ކުދިން މަދު ރަށްރަށުގައި މައިބަފައިން ކައިރި ތިބެގެން ކިޔެވުމުގެ މަގު ފަހި ކުރުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ޞާލީހް ސަރުކާރުން ފެއްޓެވި މަޝްރޫޢުއްކަން އެކަމަނާ ފާހަގަ ކުރައްވާފައި ވެއެވެ. ޑރ އައިޝަތު އަލީ ކުރެއްވި ޕޯސްޓް ނިންމަވާލައްވާފައި ވަނީ ދަރިވަރުންނަށް އިތުރު ކުރިއެރުން އެދި ވަޑައިގެންނެވެ.
އަތޮޅު ތެރޭގައި ބައެއް ރަށުގެ ސްކޫލްގެ އާބާދީގައި ގާތްގަޑަކަށް 40 ދަރިވަރުން ހަމަ ނުވާ ރަށްރަށުގައި ވެސް މިހާރުވެސް ދެބުރި ޢިމާރާތް އަޅާ ގާތްގަޑަކަށް 15ޓީޗަރުން ކިޔަވައި ދޭން ސްކޫލްތައް ހުރި ކަމަށް ފާހަގަ ކުރެވެއެވެ. ސްކޫލް އާބާދީ މަދުވުމަކީ ދަރިވަރުންނަށް ބޭނުންވާ އިތުރު ހަރަކާތްތަކާއި އެހެނިހެން ތަޢުލީމީ ޙަރަކާތްތައް ހިންގުމަށް އޮތް ހުރަހެއް ކަމުގައި ތައުލީމީ މާހިރުން ދެކެއެވެ. އަދި 20-30 ކުދީން ހިމެނޭ ސްކޫލް ހިންގުމަކީ ކިޔަވާ ކުދިންގެ އަދަދަށް ބަލާއިރު ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަމަށްވެސް ފާހަގަ ކުރެވެއެވެ. ވީމާ، ތަރައްޤީއާއި އާބާދީ އެއްފަސް ކުރުމަކީ ރާއްޖެއަށް އޮތް އެންމެ ރަގަޅު ގޮތެވެ.
Leave a Reply