ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރެއަކާ ދުވާލު 2000 ޑޮލަރަށް ކޮޓަރި ވިއްކާ ގިނަ ރިސޯޓްތަކެއް ހުރި ޤައުމެއް ނަމަވެސް، ދިވެހި ރައްޔިތުންގެ ޞިއްޙީ ޙާލަތު އަދިވެސް އެދެވޭ ފެންވަރެއްގައި ނެތްކަން ފާހަގަކުރެވެއެވެ.
ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ ޓައިމްލައިންތަކުގައި ފެންނަމުންދަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެހީއަށް އެދި މީހުން ކޮށްފައި ހުންނަ ޕޯސްޓްތަކެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އާސަންދަ އަދި އެންސްޕާ ފަދަ އިންޝުއަރެންސް ސްކީމްތަކުން އެހީތެރިކަން ފޯރުކޮށްދޭ ނަމަވެސް، އަދިވެސް ގިނަ ބަޔަކު ބޭސް ސިޓީއަށް ސަލާމް ޖަހަމުންދާކަން ފާހަގަކުރެވެއެވެ. އިތުރު އެހީއަށް އެދި އާދޭސް ކުރަން ޖެހެއެވެ.
މި ޙާލަތު އިތުރަށް ދަށްވެފައިވަނީ އާސަންދަ އަދި އެންސްޕާގެ އެހީ ހޯދުމަށް ކޮންމެވެސް ސިޔާސީ މީހެއް ނުވަތަ އެވަގުތެއްގައި އޮންނަ ސަރުކާރުގެ ނުފޫޒެއް އޮތް ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހުމުންނެވެ. މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އަވަހަށް އެހީ ލިބުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މިއީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމުގައިވާއިރު، މިފަދަ ގޮތަކަށް ކަންކަން ހިނގަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ދައުލަތުން ދެއްވާ އެހީތެރިކަން އަވަހަށް އަދި ފަސޭހައިން ލިބެންޖެހެއެވެ. ޚާއްޞަކޮށް ޞިއްޙީ ފަރުވާއާ ގުޅުންހުރި އެހީތެރިކަން ލިބުމުގައި ލަސްތަކެއް ދިމާވުމަކީ ބަލިމީހާގެ ޙާލަތު އިތުރަށް ގޯސްވެ، ފަރުވާގެ ޚަރަދު އިތުރުވެގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރަން ޖެހޭ ޙާލަތުގައި ގިނަ ދުވަސްތަކެއްގައި ބަލިމީހާ އަދި އާއިލާ އުޅެން ޖެހުމަކީ އެފަދަ ފަރާތްތަކަށް މާލީ ދަތިތަކާއި އަދި ވެސް އެނޫން ދަތިތައް ކުރިމަތި ކުރުވާނެ ކަމެކެވެ. ވީމާ މިފަދަ ފަރާތްތަކަށް އިތުރު އެހީ ތެރިކަން ދެވޭނެ ނިޒާމެއް ބޭނުންވެއެވެ.
ނިންމާލަމުން ދަންނަވާނީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެކެވެ. ޞިއްޙީ ޚިދުމަތަކީ ދާއިރާގެ މަޖިލީސް މެމްބަރުން ކައިރިއަށް ނުދިޔަ ނަމަވެސް ފަސޭހައިން އަވަހަށް ލިބޭނެ ޚިދުމަތަކަށް ބަދަލް ކުރަން ޖެހެއެވެ. ބޮޑެތި ބަލިތަކަށް އިތުރު އެހީތެރިކަން ބޭނުން ވާނެ ކަން ޔަޤީނެވެ.
Leave a Reply