ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކުގައި ދިރިއުޅެނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، ތަރައްޤީ އާބާދީ އެއްފަސްކުރުމަކީ މިއަދު ރާއްޖޭގެ ތަރައްޤީއަށް އޮތް އެންމެ ފަހި ގޮތް ކަމުގައި ބެލެވެއެވެ.
މިދުވަސް ވަރަކީ ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް އިސްލާހް ތަކެއް ގެނައުމަށް މަސައްކަތް ކުރަމުން ދާ ދުވަސްވަރެކެވެ. މިގޮތުން ގެންނަން ޖެހޭނެ އެންމެ ރަގަޅު ބަދަލްއަކީ ރަށެއްގައި ދިރިއުޅޭ މީހުންގެ އަދަދު އެކަށީގެންވާ އަދަދަކަށް ވުރެ މަދުވެއްޖެނަމަ، (މިސާލަކަށް 200މީހުންނަށް ވުރެ) އެ ރަށަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާ އެރަށެއްގެ ރައްޔިތުން ބިންބޮޑު ދިރިއުޅުން ފަސޭހަ އެކަށީގެންވާ އާބާދީއެއް އޮތްތަނަކަށް ބަދަލު ކުރުމެވެ. އެފަދަ އޭރިއާ ތަކުން ހިލޭ ބޯހިޔަވަހިކަމާއި ޚިދުމަތް ދިނުމެވެ. މިގޮތުން މާލެ އޭރިއާ ރަސްމާލެ ނުވަތަ ދިރިއުޅެން ފަސޭހަ އަތޮޅުތެރެއިން ތަރައްޤީ ކުރާ ރަށަކަށް ބަދަލް ކުރުމަކީ މިއަދު ދަތި ޙާލުގައި ތިބި ރައްޔިތުންނަށް ހިނިތުންވުން ގެނުވާނެ ކަމެކެވެ. ކުރިމަގަށް ހެޔޮ ބަދަލްތަކެއް ގެނުވާނެ ކަމެކެވެ. ކުރީގެ ސަރުކާރުން ކުޑަ ރަށެއް ބޮޑުރަށެއް ބެލުމެއް ނެތި 200މީހުން ވެސް ދިރި އުޅެމުން ނުގެންދާ ރަށްރަށުގައި ކުރި ޚަރަދު ތަކުގެ ސަބަބުން ރައްޔިތު މީހާއަށް ލިބުނު ފަސޭހައެއް ނެތެވެ. މިއަހަރުވެސް މާލެ ސަރަހައްދުގެ ސްކޫލުތަކަށް އެތައް ކުދިންނެއް އަތޮޅު ތެރެއިން ބަދަލް ވެފައި ވެއެވެ. މިއީ ކޮންމެ ކުއްޖަކީ އާއިލާ އެއް ކަމަށްވާތީ އަތޮޅު ތެރެ ރަށްރަށް މިއަދު މިސްރާބު ޖަހާފައި ވަނީ ފަޅު ވުމަށެވެ. މިކަން އެންމެ ފަހުން ބޭއްވި ބޯހިމެނުމުގެ ހިސާބުތަކުން ސާފުކޮށް ފެންނަން އެބައޮތެވެ. އަދި މީސްކޮޅު މަދު ރަށްރަށުގައި ކައުންސިލްތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ދައުލަތަށް ވަރަށް ބޮޑު މާލީ ތަކުލީފެއް ކުރިމަތިވާ ކަމެކެވެ. ހަމަ އެއާއި އެކު މީސްކޮޅު މަދު ރަށްރަށުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ލިބެންޖެހޭ ފުރިހަމަ ތަޢުލީމީ ފުރުޞަތުތައް ގެއްލިގެންދެއެވެ. ސަބަބަކީ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން ރަގަޅު މުދައްރިސުންނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ދަތިވާތީއެވެ. ދަރިވަރުން ތަރުބިއްޔަތަށް ބޭނުންވާ ޔުނީފޯމް ހަރަކާތްތައް ފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވެއެވެ. ހަމައެހެންމެ، ޞިއްޙީ ރަނގަޅު ޚިދުމަތް ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް ރަށެއްގައި އުޅޭ މީހުންގެ އަދަދު މަދުވުމެވެ.
އާބާދީ އެއްފަސްކުރުމުގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ރަށްރަށުގައި ހުންނަ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވުމެވެ. މިއަދު ޞިއްޚީ މަރުކަޒު އަޅަން ނުވަތަ ސްކޫލެއް އަޅަން ރުއްގަސްތައް ކަނޑާ ހަދަމުން ދެއެވެ. 200 އެތައް ރުކެއް ކަނޑާފައި އެތައް މިލިއަނެއް ރުފިޔާ ޚަރަދު ކޮށްގެ އަޅާ ޞިއްޚީ މަރުކަޒުން ރަގަޅު ޞިއްޚީ ޚިދުމަތެއް ނުލިބި އަންނަން ޖެހެނީ މާލެއަށެވެ. ވީމާ އެ ރަށްރަށުގެ މީހުން ބިންބޮޑެތި އާބާދީ ސަރަޙައްދުތަކަށް ހިޖުރަކުރުމުގެ ފުރުޞަތު ދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން ސަރުކާރުގެ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީން އާބަން އޭރިއާ ތަކެއް ކަނޑައަޅުއްވާ ، 500މީހުން އާބާދީގައި ރަޖިސްޓްރީގައި ނެތް ނުވަތަ ދިރިނޫޅޭ ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔަވަހި ކަން އެސަރަހައްދު ތަކުން ދިނުމަކީ ދެމެހެއްޓެނެވި ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުން އުޖާލާ ވުމަށް އޮތް ފަހި ފުރުޞަތެކެވެ. އެއީ އެއްގޮކަށްވެސް ދިވެހި ރާއްޖޭގެ ޖަޒީރާ ދިވެހި ރާއްޖެގެ ގޮތް ނެތިކޮށްލުމެއް ވެސް ނޫނެވެ.
Leave a Reply