އިޙްސާން
ދިވެހި ރާއްޖޭގައި ވެއްޓިފައިވާ އަޚްލާޤިއްޔަތުގެ ދަންމަރު އަލުން ދިވެހިރާއްޖޭގައި ހުޅުދާން ކުރާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ މިއަދު ފާހަގަ ކުރާ ދިވެހި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެދުނު ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންނަކީ އިސްލާމީ ރިވެތި އަޚްލާގެއްގެ ވެރިބައެއް ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެމަނިކުފާނު ވާހަކަފުޅުގައި ދިވެހިންގެ ގަހަކުން ވެއްޓޭ މޭވާއެއްވެސް ހުއްދަ ނުހޯދާ ނުނެގުމަށް ބޭރުގެ ނިޔަމިން ފަޅުވެރިންނަށް އަންގަނީ ކަމެއް ވީމަ ނޫންތޯ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދިވެސް އެމަނކުފާނުގެ ވާހަކަ ފުޅުގައި ދިވެހި ރާއްޖޭގައި ތަރިކައިގެ ކޮލެޖެއް އުފެދިގެން ދާނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. މިކޮލެޖް ވެގެން ދާނީ އެހެން ކޮލެޖްތަކާ ޚިލާފަށް މެމްބަރ ޝިޕް ކޮލެޖެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެދުނު ބޭއްވުނު ޖަލްސާގައި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފް ފަޟީލަތުއް ޝައިޚް އަލްމަރުހޫމް ޙުސައިން ޞަލާހުއްދީނުގެ ހަނދާނަށް އަރުވާފައި ވެއެވެ. މީގެ އިތުރުން ޝަރަފުވެރި ކަމުގެ އިނާމް 7ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 11ބޭފުޅަކަށް އަރުވާފައި ވެއެވެ.
މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. މިދުވަސް ނިސްބަތް ވެގެންވަނީ ޕޯޗްޤީޒުންގެ އަޅުވެތިކަމުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވި ދުވަހާއެވެ. ޤައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ 1ވަނަ ދުވަސް ކަމަށް ޤާނޫނު އަސާސީގެ 15ވަނަ މާއްދާގައި ވެއެވެ.
މިއަދު ޤައުމީ ދުވަސް ފާހަގަ ކުރާއިރު ޤައުމިއްޔަތާ މެދު ވިސްނާލަން ޖެހެއެވެ. ސިޔާސީ އޮއިވަރުގައި ޖެހި ދިވެހި ޤައުމީ ދިދައަށް ވުރެ އެހެން ކުލަ ކުލައިގެ ދިދަ ވަނީ އިސްވާން ފަށާފައެވެ. ޤައުމަށް ވުރެ ތިމާ ނިސްބަތްވާ ޕާޓީ އާއި ތިމާގެ ސިޔާސީ ފިކުރު އަގު ބޮޑުވެއްޖެއެވެ. ޤައުމުގެ ބަހާތަކަށް ވުރެ ސިޔާސީ ޕާޓީގެ ބަސްމަގަށް އިޙްތިރާމް ކުރެވެން ފަށައިފިއެވެ. ސިޔާސީ އޮއިވަރުގެ ސަބަބުން ތެދާ ދޮގު މިއަދު ރައްޔިތު މީހާއަށް ހޯދަން ވަނީ އުދަގޫ ވެފައެވެ. ސިޔާސީ ކުޅިބައި ރާވާލުމާއި އެކު، ކޮންމެ ވެރިކަމެއްގައި ވެސް ލިބޭ އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވެ ޤައުމު އިންތިހާއަށް ދަރަނި ވެރިވެ އިޤްތިޞާދީ ގޮތުން ނިކަމެތި ކަމެއްގައި ވާކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މިފަދަ ކަންކަމާ ވިސްނާ ދިވެހި ޤައުމުގެ މިސްރާބު ރަގަޅު މަގަށް މިސްރާބު ހިފަން ޖެހޭ ކަމަށް ގިނަ ދިވެހިން ޤަބޫލު ކުރެއެވެ. ވެރިކަމާ ޖާހުގެ ބޭނުމުގައި ޤައުމަށް ނިކަމެތި ކަމެއް އަންނާނެ އެއްވެސް ކަމެއްގައި ހަމަ އެއްވެސް ދިވެއްސަކު ބައިވެރި ނުވުމަކީ މިއަދު އަޒުމު އައު ކުރަން ޖެހެއެވެ.
Leave a Reply