ކެފޭތަކުގައި ދިރިއުޅެމުން ދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ތޮއްޖެހިފައިވާ ހާލަތްތަކުގައި ދިރިއުޅެމުންދާ ތަންތަން ދެނެގަތުމަށާއި އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި އެކޮމޮޑޭޝަން ތަންތަން ދެނެގަތުމަށް ކުރަމުންދާ އޮޕަރޭޝަންގެ ދަށުން ހަތަރު ބިދޭސީ އެކޮމޮޑޭޝަން ބްލޮކް ހޯމަ ދުވަހު އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
އިންސްޕެކްޓް ކުރި ހަތަރު ތަނުގެ ތެރޭގައި ހިމެނެނީ ދެ ގެއަކާއި ދެ ކެފޭ ކަމަށް ފުލުހުން ބުންޏެވެ.
އެ އިންސްޕެކްޝަންތަކުން އެ ގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު ވަނީ ފެނިފަ އެވެ.
ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކްތައް އިންސްޕެކްޓް ކުރުމުގެ މި ހާއްސަ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ދަށުން މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނެފައި ވަނީ އެފަދަ ނުރައްކާތެރި ތަންތަން ކުއްޔަށް ދީފައިވާ މީހުންނާ މެދުގައި ވެސް ފިޔަވަޅު އަޅާނެ އެވެ.
Leave a Reply