ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކޮށްފި

ފޮޓޯ/ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެމްބަރުގެ މަގާމަށް އެ ކޯޓަށް ދާދި ފަހުން އައްޔަން ކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އެންމެ ފަހުން ހުންނެވި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރުމުން މިދިޔަ މަހު އިސްތިއުފާ ދެއްވާފައިވެއެވެ.

ސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ ހަފުތާގައެވެ. އޭނާ ޖޭއެސްސީ އަށް އައްޔަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މިއަދު ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު އެ ކޯޓަށް އައްޔަން ކުރެއްވީ މާޗް 2018 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށެވެ. އޭނާ ކްރިމިނަލް ކޯޓަށް އައްޔަންކުރީ ޖެނުއަރީ 2018 ގައެވެ.

ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކުން ވެސް ފަނޑިޔާރަކު ޖޭއެސްސީގައި ތަމްސީލުކުރެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*