ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް” ގެ ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ވެލިދޫ ސްޕޯޓްސް ކްލަބާއި ފޮއްދޫ ސްޕޯޓްސް ކްލަބެވެ. “ހިނގާބަލަ ބަލާލަން” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު މާދަމާ އޮންނާނެއެވެ.
މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ވެލިދޫ އެސް.ސީ ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިދިޔަ ދެ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ވެލިދޫ އެސް.ސީއަށް މިއީ ވަރަށް މުހިއްމު އަހަރެކެވެ. އެއީ މިއަހަރުގެ ތަށި ކާމިޔާބުކޮށްފިނަމަ، މުބާރާތުގެ ތަށި އެޓީމަށް މިލްކުވާނެތީއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލްގައިވެސް ވެލިދޫގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި އަދި މޮޅު ކުޅުމެކެވެ.
އަނެއްކޮޅުން ފައިނަލުން ޖާގަ ހޯދި ފޮއްދޫ އެސް.ސީއަކީ ވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ މެޗަކުން ބަލިވެ، ދެން ހުރި ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފޮއްދޫ ޓީމުގެ ފަރާތުންވެސް މި މުބާރާތުގައި ތަފާތު ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މާދަމާ އޮންނަ ފައިނަލް މެޗަށް ދެ ޓީމުންވެސް މިހާރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ހުނަރުތަކެއް ފެނިގެން ގޮސްފައިވާއިރު، މާދަމާގެ މެޗަކީ ފޯރިގަދަ އަދި ވާދަވެރި މެޗަކަށް ވާނެ ކަމަށް ބެލެވެއެވެ. ވެލިދޫގެ ރައްޔިތުންނާއި ވޮލީއަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ތިބީ މި ފޯރިގަދަ ކުރިމަތިލުމަށް އިންތިޒާރުކޮށްގެންނެވެ

Leave a Reply