ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތް: މަގޫދޫ ވީ.ޓީ ބަލިކޮށް ވެލިދޫ އެސް.ސީ ފައިނަލަށް ދަތުރުކޮށްފި

ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ މުބާރާތް” ގައި 27 އޭޕްރީލް 2026 ގައިކުޅެވުނު ފޯރިގަދަ މެޗަށްފަހު، މަގޫދޫ ވީ.ޓީ ބަލިކޮށް ވެލިދޫ އެސް.ސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

27 އޭޕްރީލް 2026 ވަނަ ދުވަހުގެ ރޭ ކުޅެވުނު މި މެޗު ވެލިދޫ އެސް.ސީ އިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓު ވެލިދޫ އެސް.ސީ އިން ކާމިޔާބު ކުރީ 25-17 އިންނެވެ. މެޗުގެ ދެވަނަ ސެޓަށް ދެ ޓީމުން ނިކުތީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައެވެ.

މި ސެޓުގައި ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި އަދި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ވެލިދޫ އެސް.ސީ އިން ސެޓްގެ ލީޑް ނަގާފައި ވަނިކޮށް މަގޫދޫ ވީ.ޓީ އިން ފަހަތުން އަރައި މި ސެޓު 26-24 އިން ކާމިޔާބުކޮށް، މެޗުގެ ފޯރި އިތުރަށް ގަދަކުރިއެވެ.

ނަމަވެސް، ޖެހިގެން އައި ދެ ސެޓުގައި ވެލިދޫ އެސް.ސީ އިން ވަނީ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކޮށް، މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން ތިންވަނަ ސެޓު 25-8 އިން ވެލިދޫ އެސް.ސީ ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 25-14 އިންނެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފޮއްދޫ އެސް.ސީ އަދި ވެލިދޫ އެސް.ސީ އެވެ.

ވެލިދޫ އެސް.ސީ އަކީ މި މުބާރާތުގައި އެއްވެސް ބައެއްގެ އަތުން ބަލިނުވެ ފައިނަލް އަށް ދަތުރު ކުރި ޓީމެއެއެވެ . ފޮއްދޫ އެސް.ސީ އަކީ ކުޅެވުނު  މެޗް ތަކަށް ބަލާލާ އިރު  1 މެޗް އިން ބަލިވެ  ދެން ހުރި މެޗް ތަކުން މޮޅުވެގެން ފައިނަލަށް ގޮސްފައިވާ ޓީމެއެވެ.

ފައިނަލް މެޗް  ކުޅެން ހަމަ ޖެހިފައިވަނީ  މި މަހު 29 ވަނަ ދުވަހުގައެވެ .

Be the first to comment

Leave a Reply

Your email address will not be published.


*