ޔާނާ 1

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ރަށްތަކަކީ އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ އަސްލު ނަންތަކެއް ނޫނެވެ.

އުޑުމަތި ސާފު، ހިތްގައިމު ދުވަހެކެވެ. ގަސްގަހާގެހީގެ ތެރެއިން އިވެމުންދަނީ ކާޅާއި ކޮވެލީގެ ގޮވުންތަކުގެ އަޑެވެ. އަރައިގެން އައި އިރުގެ ރަން ދޯދިތަކުން މުޅި ޖައްވު ވަނީ އުޖާލާވެފައެވެ. ރަށުގެ ބަނދަރުމަތީގައި ހުރި ބޮޑު ގަސްބުރެއްގެ މަތީގައި ޔާނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ބަނދަރުން މަހަށް ފުރަން ތައްޔާރުވަމުންދާ ދޯނިފަހަރާއި، މަސްވެރިންގެ ހަރަކާތްތަކަކީ ޔާނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިއްބައިދޭ މަންޒަރުތަކެކެވެ.

ނަމަވެސް، އެ ހިތްގައިމު މަންޒަރުތަކުގެ ފަހަތުގައި ވަނީ ފޮރުވިފައިވާ ބޮޑު ހިތާމައެކެވެ. ކުޑަކުޑަ ކަމަކުން ވެސް އިންސާނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެކަން ޔާނާއަށް މިއަދު ވަނީ ވިސްނިފައެވެ. އޭނާގެ އާއިލާގެ ބޯދާ ވިސްނުމާއި، ގަދީމީ އާދަކާދައިގެ ސަބަބުން އޭނާގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ވަނީ ކަޅު ސާލެއް އޮޅާލެވިފައެވެ.

ޔާނާގެ އާއިލާއަކީ ރަށުގެ ނިސްބަތުން ގަދަރުވެރި، އެހެނަސް ބޯދާ ވިސްނުން ގެންގުޅޭ ބައެކެވެ. އާއިލާގެ ނަމާއި އަބުރު ހިފެހެއްޓުމަށްޓަކައި، ޔާނާގެ އެއްވެސް ރުހުމެއް ނެތި އޭނާގެ ކައިވެނީގެ ކަންތައް ވަނީ ނިންމާފައެވެ. އެއީ އާއިލާގެ ގާތް ރަހުމަތްތެރިއެއްގެ ދަރިއަކާއެވެ. ޔާނާގެ ހިތުގައި އެހެން މީހަކަށްޓަކައި ވިންދު ޖަހަމުން ދިޔަ ނަމަވެސް، މައިންބަފައިންގެ ކުރިމަތީގައި އިސްއުފުލާލައި ބަހެއް ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ.

ޚިޔާލުތަކުގެ ކަނޑެއްގައި ފަތަމުން ދިޔަ ޔާނާއަށް، އޭނާގެ ފަހަތުން މީހަކު އައިސް މަޑުކޮށްލި ކަމެއްވެސް ނޭނގުނެވެ.

“ޔާނާ…” ބަރު އަޑަކުން މީހަކު ގޮވާލިއެވެ.

ސިހިފައި ފަސްއެނބުރި ބަލާލިއިރު، އެއީ އޭނާގެ ބައްޕަ އެވެ. ބައްޕަގެ މޫނުމަތިން ފެންނަން ހުރީ ހަރުކަށި ގޮތެކެވެ. އެ މޫނުމަތިން ލޯތްބަށްވުރެ ބޮޑަށް ފެންނަނީ އަމުރުވެރިކަމެވެ.

“ދަރިފުޅު މިތަނުގައި ކީއްކުރަނީ؟ މިރެއަކީ ކައިވެނީގެ ރަން ކިޔާ ރޭ. ތައްޔާރުވާން ގެއަށް ދާން އުޅޭ،” ބައްޕަގެ ޖުމްލަތައް ޔާނާގެ ކަންފަތުގައި ޖެހުނީ ކުއްލި ސިހުމެކެވެ .

ޔާނާގެ ހިތް ރޮމުން ދިޔައެވެ. އޭނާގެ އުންމީދުތަކުގެ ހުޅުކޮޅު މަޑުމަޑުން ނިވެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ. ހިތާ ދެކޮޅަށް ނަމަވެސް، އާއިލާގެ މަޖުބޫރުކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ކުޑަކުޑަ ނިންމުމަކުން އޭނާގެ މުޅި ދިރިއުޅުމުގެ އުފާވެރިކަން ބަދަލުވެ، ނިވެމުންދާ ހުޅުކޮޅަކަށް އޭނާގެ ހަޔާތް ވެގެން ދިޔައީއެވެ. އެއްވެސް އިޚުތިޔާރެއް ނެތި، ބަރު ފިޔަވަޅުތަކަކާއެކު އޭނާ ހިނގައިގަތީ ގެއާ ދިމާއަށެވެ. ހިތުގައި އުފެދިފައިވާ އުދާސްތައް ބޭރުކޮށްލާނެ ފުރުސަތެއް ނެތި، މަޖުބޫރު ކައިވެނީގެ އަނދިރި ހިޔަނި އޭނާގެ މުޅި ހަޔާތަށް ފެތުރިގެން ދިޔައެވެ

Be the first to comment

Leave a Reply

Your email address will not be published.


*