“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް”: މަގޫދޫ ވީ.ޓީ ފުރަތަމަ މެޗުން މޮޅުވެއްޖެ

ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް” ގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުން މަނަދޫ އެސް.ސީގެ މައްޗަށް ކުރިހޯދައި މަގޫދޫ ވީ.ޓީ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މަގޫދޫ ވީ.ޓީ މި މެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-21 އިން ކާމިޔާބުކޮށް މަނަދޫ އެސް.ސީ އިން ވަނީ އުންމީދީ ފެށުމެއް ހޯދާފައެވެ. ނަމަވެސް، ދެވަނަ ސެޓަށް ދެ ޓީމު ނުކުތްއިރު މަގޫދޫ ވީ.ޓީ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި ސެޓުގައި މަނަދޫ އެސް.ސީ އިން މަގޫދޫ ކޯޓަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް، 25-16 އިން މި ސެޓު ކާމިޔާބުކުރީ މަގޫދޫ ވީ.ޓީ އެވެ.

މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުގައިވެސް ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެކެވެ. ތިންވަނަ ސެޓު މަގޫދޫ ވީ.ޓީ އިން ގެންދިޔައީ 25-16 އިންނެވެ. މެޗުގެ ފަހު ސެޓުގައި މަގޫދޫ ޓީމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 13 ޕޮއިންޓުގެ ބޮޑު ތަފާތަކާއެކު، 25-12 އިން ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މަގޫދޫ ވީ.ޓީ އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ “މޭން އޮފް ދަ މެޗް” އަކަށް ހޮވިފައިވަނީ މަގޫދޫ ވީ.ޓީގެ ޖާރޒީ ނަމްބަރު 18، ހުސެން ހަމީދެވެ. އޭނާ ވަނީ މުޅި މެޗުގައިވެސް އެޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައެވެ.

މި މުބާރާތުގައި މަގޫދޫ ވީ.ޓީ ދެން ބައްދަލުކުރަން ޖެހޭނީ މާޅެންދޫ ވީ.ޓީ އާއެވެ .

Be the first to comment

Leave a Reply

Your email address will not be published.


*