ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް” ގައި މިރޭ ކުޅެވުނު ފޯރިގަދަ މެޗު ހޮޅުދޫ ވީ.ޓީ އިން ކާމިޔާބުކޮށްފިއެވެ.
މިރޭ ކުޅެވުނު މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ ހޮޅުދޫ ވީ.ޓީ އާއި ފޮއްދޫ އެސް.ސީ އެވެ. މި މެޗު ހޮޅުދޫ ވީ.ޓީ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ފޮއްދޫ އެސް.ސީ ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ސެޓު ފެށިގެން ދިޔައިރު ފޮއްދޫ އެސް.ސީ އިން ވަނީ ޕޮއިންޓުގެ ގޮތުން ކުރިހޯދާފައެވެ. ނަމަވެސް، ހޮޅުދޫ ވީ.ޓީ އިން އެޓީމުގެ ކުޅުން ވަރުގަދަކޮށް، ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-21 ހޮޅުދޫ ވީ.ޓީ އެވެ
ދެވަނަ ސެޓަށް ދެ ޓީމުން ނުކުތީ ވަރަށް ބޮޑު ވާދަވެރިކަމަކާ އެކުގައެވެ. އެހެންނަމަވެސް، ހޮޅުދޫ ވީ.ޓީ އިން ވަނީ ބޮޑު ތަފާތެއް ދައްކައި، 12 ޕޮއިންޓުގެ ފަރަގަކާއެކު 25-13 އިން މި ސެޓު ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓަށް ފޮއްދޫ އެސް.ސީ އިން ނުކުތީ ވަރުގަދަ އަޒުމަކާއި ހިތްވަރާއެކުގައެވެ. މުޅި ސެޓުގައި އެޓީމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ހޮޅުދޫ ވީ.ޓީ އިން ވަނީ 3 ޕޮއިންޓުގެ ފަރަގަކާއެކު 25-22 އިން މި ސެޓުވެސް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ “މޭން އޮފް ދަ މެޗް” ގެ މަގާމަށް ހޮވިފައިވަނީ ހޮޅުދޫ ވީ.ޓީ އަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަޙްސަން އެވެ.

Leave a Reply