ޔާނާ 2

ކިޔާލަމާ - ވާހަކަ ޔާނާ

ޔާނާގެ ހިތް ރޮމުން ދިޔައެވެ. އޭނާގެ އުންމީދުތަކުގެ ހުޅުކޮޅު މަޑުމަޑުން ނިވެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ. ހިތާ ދެކޮޅަށް ނަމަވެސް، އާއިލާގެ މަޖުބޫރުކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ކުޑަކުޑަ ނިންމުމަކުން އޭނާގެ މުޅި ދިރިއުޅުމުގެ އުފާވެރިކަން ބަދަލުވެ، ނިވެމުންދާ ހުޅުކޮޅަކަށް އޭނާގެ ހަޔާތް ވެގެން ދިޔައީއެވެ. އެއްވެސް އިޚުތިޔާރެއް ނެތި، ބަރު ފިޔަވަޅުތަކަކާއެކު އޭނާ ހިނގައިގަތީ ގެއާ ދިމާއަށެވެ.

އޭނާގެ ހިތުގައި އުފެދިފައިވާ އުދާސްތައް ބޭރުކޮށްލާނެ ފުރުސަތެއް ނެތި، މަޖުބޫރު ކައިވެނީގެ އަނދިރި ހިޔަނި އޭނާގެ މުޅި ހަޔާތަށް ފެތުރިގެން ދިޔައެވެ. ޔާނާ އަށް ޓަކާ އެއްވެސް ކަހަލައިގެ އޯގާތެރި ކަމެެއް އެ ގޭތެރެއަކުން ފެންނާކަށް ނެތެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމާއި ނުގަބޫލުކަމެވެ.

“ޔާނާ .. ޒައިން ގެޔަށް އައިސް އެބަ ހުރި!” ބައްޕަގެ ހަރުކަށި ކަމާއި އަމުރުވެރި ބަސް ތަކުން ޔާނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ އޭނާ އަޑުއަހަން ބޭނުންވި ބަސްތަކެއް ނޫނެވެ. ނަމަވެސް ބައްޕަގެ އެ އަމުރުވެރި ބަސްތަކުގެ ކުރިމަތީގައި އޭނާ އަށް ޖެހުނީ ކިޔަމަން ވާށެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުން، މަޑު ފިޔަވަޅެއްގައި ހިނގާލާފައި އޭނާއަށް ދާން ޖެހުނީ ގެއާ ދިމާ އަށެވެ. އޭރު ޔާނާގެ ދެ ލޮލަށް ކަރުނަ ތައް ޖަމާވަމުން ދިޔައެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ރިހުން ދިޔައީ އިތުރުވަމުންނެވެ.

ގެއަށް ވަދެވުމާއެކު، ސިޓިންގ ރޫމުގައި އިން މަންމަ ފެނުމުން ޔާނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ދުވެފައި ގޮސް މަންމަގެ ގައިގައި ބައްދާލެވުނެވެ. އެއީ އޭނާގެ ހިތުގެ ވޭންތައް ބޭރުކޮށްލަން ލިބުނު ހަމައެކަނި ވަގުތުކޮޅު ކަމުގައި ވިއެވެ. “މަންމާ.. އަހަރެން ސަލާމަތްކޮށްދީ! އަހަރެން މި ކައިވެނި ކުރާކަށް ބޭނުމެއް ނޫން،” ރޮމުން ގިސްލަމުން ޔާނާ އާދޭސް ކުރަން ފެށުނެވެ. ނަމަވެސް އެ އަޑު އަހާނެ ކަންފަތެއް، އެ ހިތާމައިގައި ބައިވެރިވާނެ ހިތެއް އެތަނަކު ނެތެވެ. މަންމަގެ ހިމޭންކަމުން ޔާނާއަށް އިހުސާސްވީ އޭނާގެ މުސްތަގުބަލު ވަނީ ބަންދުވެފައިވާ ކަމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*