ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ޤައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނަށް، އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. މިއީ އިންޑިއާގައި މުބާރާތް ބްރޯޑްކާސްޓް ކުރުމުގެ ހުއްދައާ މެދު އުފެދިފައިވާ ދެބަސްވުންތަކާއި، ޗައިނާއިން މިކަމުގައި އަދި ރަސްމީ ނިންމުމެއް ނިންމާފައި ނުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެކެވެ.
ފީފާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މެޗުތައް ބެލި ވަގުތުގެ 49.8 އިންސައްތަ ހިއްސާކުރަނީ ޗައިނާއެވެ. ނަމަވެސް، ޗައިނާގެ އިތުރުން އިންޑިއާއިން ވެސް މިހާތަނަށް މި މުބާރާތް ދެއްކުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް އިޢުލާންކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ރޮއިޓާސް ނިއުސް އެޖެންސީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް ދުނިޔޭގެ މަދުވެގެން 175 ސަރަޙައްދެއްގެ ބްރޯޑްކާސްޓަރުންނާއެކު މުބާރާތް ދެއްކުމުގެ އެއްބަސްވުންތައް ވަނީ ގާއިމުކޮށްފައެވެ.
“2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މީޑިއާ ރައިޓްސް ވިއްކުމާ ގުޅޭގޮތުން ޗައިނާ އަދި އިންޑިއާއާއެކު ކުރިއަށްދާ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި މަރުޙަލާގައި އެ މަޝްވަރާތަކުގެ ތަފްސީލުތައް ހާމަނުކޮށް ސިއްރުކުރަން ޖެހެއެވެ،” ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މުބާރާތް ފެށެން މިހާ ކައިރިވެފައިވާއިރު، އިންޑިއާ ނުވަތަ ޗައިނާ ފަދަ ބޮޑު މާކެޓްތަކަކާއެކު ބްރޯޑްކާސްޓިންގ އެއްބަސްވުމަކަށް ނާދެވި އޮތުމަކީ އާދަޔާ ހިލާފު ކަމެކެވެ. މީގެ ކުރިން ބޭއްވުނު 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްތަކުގައި، ޗައިނާގެ ދައުލަތުގެ މީޑިއާ ކަމަށްވާ ސީ.ސީ.ޓީ.ވީ އިން ވަނީ މުބާރާތް ފެށުމުގެ މާ ކުރިން ހުއްދަ ހޯދައި، މުބާރާތް އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ފަށާފައެވެ.
2026 ވަނަ އަހަރުގެ މުބާރާތް ޖޫން މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތާވަލުކުރެވިފައިވާއިރު، އެއްބަސްވުންތައް ފައިނަލް ކުރުމަށާއި، ބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ފަންނީ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން އިޝްތިހާރުތައް ވިއްކުމަށް މިހާރު ބާކީ އޮތީ އެންމެ ފަސް ވަރަކަށް ހަފުތާއެވެ.

Leave a Reply