ޒައިންއާ ކައިވެނިކުރުމަށް ކުރަންޖެހޭ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށް ދިޔައެވެ. ގޭގެ ކޮންމެ ދިމާލަކުން ފެންނަނީ އާ ފޭރާމާއި، ޒީނަތްތެރިކުރުމުގެ ސާމާނުތަކެވެ. ގޭތެރޭގައި އޮތީ އުފާވެރިކަމުގެ މާހައުލެކެވެ. އާއިލާގެ އެންމެންގެ މޫނުމަތިން ފެންނަނީ އުޖާލާ ހިނިތުންވުމެކެވެ. ނަމަވެސް އެއީ ޔާނާ ފިޔަވައި އެހެން އެންމެންނަށެވެ.
ކޮންމެ ހިނދުކޮޅަކު އޭނާގެ ހިތް ގޮވަމުން ދިޔައީ މި ނުބައި ހުވަފެނުން އޭނާ ހޭލައްވާލާނެ ފަރާތަކަށެވެ. އެކަމަކު، މަޖުބޫރު ކައިވެނީގެ އަނދިރި ހިޔަނި އޭނާގެ މުޅި ހަޔާތް ވަށާލާފައިވުމުން، ސަލާމަތްވާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. އޭނާގެ ހިތުގެ ކެކުޅުންތަކާއި، ލޮލުން އޮހޭ ކަރުނަތަކަކީ އެ ގޭގެ ފާރުތަކުގެ ތެރޭގައި ބަންދުވެފައިވާ ސިއްރަކަށް ވެގެން ދިޔައީއެވެ. އޭނާގެ އިހުސާސްތައް އަޑުއަހާނެ ނުވަތަ އެ ހިތާމައިގައި ބައިވެރިވާނެ ހަމަ އެކަކުވެސް ނެތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއް ޔާނާއަކަށް ނޭނގުނެވެ. ވަގުތުގެ ފުރޮޅުން އޭނާއަށް އިހުސާސް ކުރެވެނީ ހިތްދަތިކަމާ އެކުގައެވެ. ހޭލާ ހުންނަ ކޮންމެ ސިކުންތަކީ އޭނާގެ ނަފްސަށް ލިބޭ ބޮޑު އަޒާބަކަށް ވެއްޖެއެވެ. ޔާނާގެ ކައިވެނި ކުރާ ދުވަސް ކައިރިވެ، އެންމެ ފަހުން އެ ތާރީޚާ ބައްދަލުކޮށްފިއެވެ.
ކައިވެނި ހަފްލާގެ ތެރޭގައި މުޅި މާލަން ވަނީ އުޖާލާވެފައެވެ. އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ނުހަނު އުފާވެރިކަމެވެ. މަރުހަބާގެ ބަސްތަކާއި ހިނިތުންވުންތަކުން މުޅި ތަން ވަނީ ފުރިފައެވެ. ނަމަވެސް ޔާނާއަށް އެކަން ވީ ނުހަނު އުނދަގޫ ކަމަކަށެވެ. އެތައް ބައެއްގެ މެދުގައި އިން އިރުވެސް، އޭނާގެ ހިތް ވަނީ އެކަނިވެރިވެފައެވެ. އެއްވެސް އުފާވެރިކަމެއް ޔާނާއަށް ލިބެން ނެތް ކަހަލައެވެ. އޭނާގެ މުޅި ދުނިޔެ ވަނީ ހުއްޓިފައެވެ.
ދިރިއުޅުމަކީ ވަރަށް ވެސް ތަފާތު އެއްޗެކެވެ. ބައެއް ފަހަރު އަހަރެމެން އެންމެ ބޭނުންވާ ކަންތައްތަކާ ދުރަށް، މިންވަރު ކުރެއްވި ކަންތައްތަކަށް ބޯލަނބައިގެން ކުރިއަށް ދާން ޖެހެއެވެ. “ޔާނާ…” އޯގާތެރިކަމާއެކު ޒައިން ގޮވާލިއެވެ. ޒައިންގެ އަޑުގައި ވަނީ ލޯތްބާއި އޯގާތެރިކަމެވެ. ނަމަވެސް ޔާނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފާޅެއް ނުވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. ޔާނާގެ ދިރިއުޅުމަށް ވަނީ ކަޅުކަމާއި ބަނަކަން ވެރިވެފައެވެ. ކުރިމަތިން ފެންނަން އޮތް މުސްތަގުބަލުގައި އޭނާއަށް ފެންނަނީ ހަމައެކަނި އަނދިރިކަމެވެ. އުއްމީދުގެ ކުޑަވެސް މިންވަރެއް އެ ހިތަކު ނެތެވެ.

Leave a Reply