އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ ބެއިޖިންގްގައި ބައްދަލުކުރައްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ ބެއިޖިންގްގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއެކު އޮތް މަޝްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހު އަރާގްޗީ ކުރެއްވި މި ދަތުރުފުޅަކީ، މި މަހުގެ 14 އަދި 15 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ސަމިޓުގެ ހަފްތާއެއް ކުރިން ކުރެއްވި ދަތުރުފުޅެކެވެ. ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ “ޝިންހުއާ” އިން ބުނި ގޮތުގައި، ދެ ވަޒީރުންގެ މެދުގައި ބޭއްވޭ ބައްދަލުވުން މިހާރު ވަނީ ފެށިފައެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، އީރާނުގެ ގާތް އެކުވެރިއެއް ކަމަށްވާ ޗައިނާއަށް އަރާގްޗީ ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ މިއީއެވެ.

މީގެ ކުރިން ވޮޝިންގްޓަންގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އީރާނަށް ބާރުއެޅުމަށް ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ތެލާއި ގަހުގެ އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އޭޕްރީލް މަހު އިޢުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ސުލްހައިގެ ވާހަކަތަކުގައި އެމެރިކާގެ ޝަރުތުތަކަށް އީރާނު އެއްބަސްކުރުވުމުގެ މަގްސަދުގައި، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ވޮޝިންގްޓަނާއި ބެއިޖިންގްގެ ގުޅުމަށް ވެސް ވަނީ ބުރޫއަރާފައެވެ. އީރާނުން ބިލިއަނުން ޑޮލަރުގެ ތެޔޮ ގަންނަ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ ޗައިނާގެ ބައެއް ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް ޗައިނާގެ ކޮމާސް މިނިސްޓްރީން ވަނީ އެ ގައުމުގެ ކުންފުނިތަކުން އެ ފިޔަވަޅުތަކަށް އަމަލުނުކުރުމަށް އަންގާފައެވެ.

ހަނގުރާމަ ހުއްޓާލުމާއި ހޮރްމޫޒް ކަނޑުއޮޅި

އަލްޖަޒީރާގެ ރިޕޯޓަރު ކެޓްރީނާ ޔޫ ބެއިޖިންގްއިން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު އަސާސަކީ ހަނގުރާމަ ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމެވެ. ޗައިނާއިން އެމެރިކާގެ ކަނޑުގެ ބްލޮކޭޑަށް ފާޑުކިޔާއިރު، އީރާނުން ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާ މެދު ވެސް ޗައިނާގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އދ. ފަދަ މަޖިލިސްތަކުގައި އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅެއް އެޅިޔަނުދީ ހިފެހެއްޓުމަށް ޗައިނާގެ އެހީތެރިކަން އީރާނަށް ބޭނުންވެއެވެ. އަދި ޓްރަމްޕާއި ޝީ ބައްދަލުކުރައްވާއިރު، އީރާނަށް ގެއްލުންވެދާ ފަދަ އެއްވެސް ނިންމުމެއް ޗައިނާއިން ނިންމާފާނެތޯ އީރާނުގެ ޚާރިޖީ ވަޒީރު އޮޅުންފިލުއްވަން ބޭނުންފުޅުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ބަދަލެއްގެ ގޮތުން، އެމެރިކާގެ ރައީސާއެކު ބޭއްވޭ މުހިންމު ބައްދަލުވުމުގެ ކުރިން، މަޝްރަހު އިތުރަށް ގޯސްވާނެ ފަދަ އެއްވެސް އަމަލެއް އީރާނުން ނުހިންގާނެ ކަމުގެ ޔަގީންކަން ޗައިނާއިން ބޭނުންވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*