ސޮނީން ވަނީ ސިނެމާކޯންގައި “ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ” ގެ އައު މަންޒަރުތަކެއް ދައްކާލައި، މި ފިލްމުގެ ހާއްސަ ކްލިޕެއް އެތަނަށް ހާޒިރުވި މީހުންނަށް ދައްކާލާފައެވެ.
މި ކްލިޕުން ފެންނަނީ، އެކުވެރިންގެ ހަނދާނުން ފޮހެވިފައިވާ ޕީޓަރ ޕާކަރ، އޭނާގެ ކުރީގެ އެކުވެރިޔާ ނެޑް (ޖޭކޮބް ބަޓަލޯން) މަގުމަތިން ފެނިގެން އޭނާގެ ފަހަތުން ޕާޓީއަކަށް ވަންނަ މަންޒަރެވެ. އެތަނުން އޭނާއަށް ނެޑްއާ ދިމާވާއިރު، ނެޑް ދަނީ އޭނާ ތައްޔާރުކޮށްފައިވާ “ސްޕައިޑަރ-މޭން ބޯޑު” ޕީޓަރއަށް ދައްކަމުންނެވެ. ނަމަވެސް އެހުރީ ހުދު ސްޕައިޑަރ-މޭންކަމެއް ނެޑްއަކަށް ނޭނގެއެވެ. ހައިސްކޫލް ދުވަސްވަރު ސްޕައިޑަރ-މޭން އޭނާއާއި އޭނާގެ އެކުވެރިންގެ ފުރާނަ އެތައް ފަހަރަކު ސަލާމަތްކޮށްދީފައިވާކަން ފާހަގަކޮށް، ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުކޮށް ޝުކުރު އަދާކުރަން ބޭނުންވާކަމަށް ނެޑް ބުނެއެވެ.
2021 ވަނަ އަހަރު ދުނިޔޭގެ ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ހޯދި “ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް” އަށްފަހު އަންނަ “ބްރޭންޑް ނިއު ޑޭ” ގެ ވާހަކަ ފެށެނީ އޭގެ ހަތަރު އަހަރު ފަހުންނެވެ. އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ ޕީޓަރ ޕާކަރ (ޓޮމް ހޮލަންޑް) މިހާރު ފެންނާނީ ފުލްޓައިމް ސްޕައިޑަރ-މޭންއެއްގެ ގޮތުގައެވެ. ނަމަވެސް ކުރިމަތިވާ ބޮޑެތި ފިއްތުންތަކުގެ ސަބަބުން ނުރައްކާތެރި ބަދަލުތަކެއް އައިސް، ބާރުގަދަ އައު ދުޝްމަނަކާ ކުރިމަތިލާން ޖެހެއެވެ. މި ފިލްމުގެ ހާދިސާތައް ބިނާވެފައިވަނީ “ނޯ ވޭ ހޯމް” ގައި ހިނގި މަލްޓިވާސް ހާދިސާއަށްފަހު، މުޅި ދުނިޔޭގެ ހަނދާނުން ޕީޓަރ ޕާކަރަކީ ކާކުކަން ފޮހެވިގެންދިޔަ ދިއުމުގެ މައްޗަށެވެ.
ސިނެމާކޯންގައި ވާހަކަދައްކަވަމުން ސޮނީގެ ޓޮމް ރޮތްމަން ވިދާޅުވީ، މިއީ މިހާތަނަށް އެ ކުންފުނިން އުފެއްދި އެންމެ ބޮޑު އެއް ފިލްމު ކަމަށާއި، ނަމަވެސް މިއީ މުޅިން ތަފާތު އިހުސާސެއް ކުރެވޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ ޓޮމް ހޮލަންޑްގެ އެންމެ ފުރިހަމަ އެކްޓިން ފެނިގެންދާނެ ފިލްމުކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ވާޗުއަލްކޮށް (ސްކްރީން މެދުވެރިކޮށް) ޓޮމް ހޮލަންޑް ބައިވެރިވެ، ރޮތްމަންއާ ވާހަކަދެއްކިއެވެ.ހޮލަންޑް ބުނިގޮތުގައި މި ފިލްމަކީ “ބޮޑު، މަޖާ އަދި ވަރަށް ސަޅި” ފިލްމެކެވެ. އަދި މިއީ މިހާތަނަށް ފެންނާނެ އެންމެ އަސަރުގަދަ އަދި އެންމެ ބޮޑުމީހެއްގެ ސިފަތައް ފެނިގެންދާނެ ސްޕައިޑަރ-މޭން ފިލްމުކަން އޭނާ ފާހަގަކުރިއެވެ.
މި ފިލްމުގައި ފްރޭންކް ކާސްލް (ދަ ޕަނިޝަރ) ގެ ރޯލުން ޖޯން ބާންތަލް ފެނިގެންދާއިރު، މައިކަލް މަންޑޯ (ސްކޯޕިއަން) އަދި މާކް ރަފަލޯ (ހަލްކް) ވެސް އެނބުރި އަންނާނެއެވެ. މީގެ އިތުރުން ޖޭކޮބް ބަޓަލޯން (ނެޑް) އަދި ޒެންޑޭއާ (އެމް.ޖޭ) ވެސް ކުރީގެ ރޯލުތަކުން ފެންނާނެއެވެ. އައު ކާސްޓުންގެ ތެރޭގައި ޓްރެމަލް ޓިލްމަން އަދި ސޭޑީ ސިންކް ހިމެނޭއިރު، ސޭޑީ ކުޅެނީ ކޮން ރޯލެއްކަން އަދި ސާފެއް ނުވެއެވެ.
ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ކްރިސް މެކޭނާ އަދި އެރިކް ސޮމާސްއެވެ. ޕްރޮޑިއުސަރުންނަކީ ކެވިން ފައިގީ، އެމީ ޕާސްކަލް، އަވީ އަރަދު އަދި ރޭޗަލް އޯކޯނަރ އެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 31 ގައެވެ.

Leave a Reply