ނ. ވެލިދޫގައި މިހާރު ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް” ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ބައްދަލުކުރީ ވެލިދޫ އެސް.ސީ އާއި ހެނބަދޫ ވީ.ޓީ އެވެ. ދެ ޓީމުގެ ފަރާތުންވެސް ނުހަނު ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ވެލިދޫ އެސް.ސީ އެވެ.

ފަސް ސެޓަށް ދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން ގެންގޮސް ކުރިހޯދީ ވެލިދޫ އެސް.ސީ އެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި ހެނބަދޫ ވީ.ޓީ އިން ކުޅުން ރަނގަޅުކޮށް 5 ޕޮއިންޓުގެ ފަރަގަކުން، އެއީ 25-20 އިން ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ތިންވަނަ ސެޓު 25-22 އިން ވެލިދޫ އެސް.ސީ ކާމިޔާބުކޮށްފައި ވަނިކޮށް، ހެނބަދޫ އިން ވަނީ ހަތަރުވަނަ ސެޓު 25-18 އިން ގެންގޮސް އަލުން މެޗުގެ ތެރެއަށް ވަދެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ވެލިދޫ އެސް.ސީ އިން ވަނީ ތަފާތު ދައްކައި 15-8 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ވެލިދޫ އެސް.ސީގެ ޖާރޒީ ނަންބަރު 18 މުހައްމަދު ލަތްފާން އަލީ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 8 މޭ 2026 ވާ ހުކުރު ދުވަހުއެވެ. ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ މަގޫދޫ ވީ.ޓީ އާއި ހެނބަދޫ ވީ.ޓީ އެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލިދޫ އެސް.ސީ އާއި މާޅެންދޫ ވީ.ޓީ އެވެ. މި މެޗުތަކަކީ މުބާރާތުގެ ފައިނަލަށް ދިއުމަށް ދެވޭ އެންމެ ފަހު ފުރުސަތަށް ވުމުން، ވަރަށް ފޯރިގަދަ ކުޅުމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

Leave a Reply