އިންސާނާގެ ހަށިގަނޑުގައި ހިނގާ ލެޔަކީ ދިރުމުގެ އަސްލެވެ. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަންފަތަށް އިވޭ އެއް އަޑަކީ، ކޮންމެވެސް މީހަކަށް ނުވަތަ ކޮންމެވެސް ފަރާތަކަށް ލޭ ބޭނުންވެގެން ކުރާ އިއުލާނުތަކުގެ އަޑެވެ. މިއީ ހަމައެކަނި ތެލެސީމިއާ ކުދިންނަށް ބޭނުންވާ އެއްޗެއް ނޫނެވެ. ކުއްލި ހާދިސާތަކާއި، ބޮޑެތި އޮޕަރޭޝަންތަކާއި، އަދި އެކި ބަލިބަލީގައި އުޅޭ މީހުންނަށް ލެޔަކީ ފުރާނަ ސަލާމަތްކޮށްދޭ އެންމެ މުހިންމު ވަސީލަތެވެ.
ކޮންމެ ލޭ ތިއްކަކީ އެތަކެއް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިގެންދާ މާތް މަގުސަދެކެވެ. އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަކީ މުޅި އިންސާނީ އުއްމަތް ސަލާމަތް ކުރުން ފަދަ މަތިވެރި ކަމެކެވެ. އަޅުގަނޑުމެން ހަދިޔާކުރާ ކުޑަ ލޭ ފޮދަކުން މީހެއްގެ މުޅި ދިރިއުޅުން އުޖާލާވެ، އާއިލާއަކަށް އުފާވެރިކަން ލިބިގެންދެއެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭނެ އެންމެ އަގުހުރި އެއް މަސައްކަތެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ދުޅަހެޔޮ ކޮންމެ މީހަކަށް ކޮންމެ ތިން މަހަކުން އެއްފަހަރު ލޭ ހަދިޔާ ކުރެވިދާނެއެވެ. ލޭގެ އެކި ގްރޫޕްތައް ހުރެއެވެ. އޭގެ ތެރޭގައި އޭ ޕޮޒިޓިވް (A+)، ބީ ޕޮޒިޓިވް (B+)، އޭ ނެގެޓިވް (A-)، އޯ ނެގެޓިވް (O-)، ބީ ނެގެޓިވް (B-)، އޭބީ ޕޮޒިޓިވް (AB+) އަދި އޭބީ ނެގެޓިވް (AB-) ހިމެނެއެވެ. މީގެ ތެރެއިން ބައެއް ގްރޫޕްތަކަކީ ލިބުން ވަރަށް ދަތި ގްރޫޕްތަކެއް ކަމުން، އެފަދަ ލޭ ހުންނަ ފަރާތްތަކުން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހިތާމަޔަކީ އަޅުގަނޑުމެންގެ މި މުޖުތަމައުގައި ލޭ ވިއްކައިގެން މާލީ މަންފާ ހޯދަން އުޅޭ މަދު ބަޔަކު އުޅޭ ކަމެވެ. ލޭ ވިއްކުމަކީ އިސްލާމީ ރީތި އުސޫލުތަކާ ޚިލާފު، އަދި އިންސާނިއްޔަތުކަމުގެ ގޮތުން ބެލިޔަސް މުޅިން ގޯސް ކަމެކެވެ. ލެޔަކީ ވިޔަފާރި މުދަލެއް ނޫނެވެ. އެއީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ އަމާނާތެކެވެ. އެ އަމާނާތުގެ ބޭނުން ހިފަންވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މާތް ނިޔަތުގައެވެ.
އެހެންކަމުން، ލޭ ލިބެނީ ކާކަށްތޯ ބެލުމެއް ނެތި، ކޮންމެ ފަރުދަކުވެސް ލޭ ހަދިޔާ ކުރުމަށް ގަސްތުކުރަން ޖެހެއެވެ. އެއީ ތިމާގެ ގާތް މީހަކަށް ނުވިޔަސް، އިންސާނަކަށް ވީތީ އެހީތެރިވުމަކީ މަތިވެރި އަޚުލާގީ ސިފައެކެވެ. ލޭ ހަދިޔާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައު ދިރުވައި އާލާކުރުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. ކޮންމެ ލޭ ތިއްކަކީ ހަމަ ހަގީގަތުގައިވެސް މާތް ސަދަގާތެކެވެ. އެއީ އުއްމަތެއް ސަލާމަތް ކުރުން ފަދަ މަތިވެރި އަމަލެކެވެ

Leave a Reply