ޔާނާ 04

ދިރިއުޅުމަކީ ވަރަށް ވެސް ތަފާތު އެއްޗެކެވެ. ބައެއް ފަހަރު އަހަރެމެން އެންމެ ބޭނުންވާ ކަންތައްތަކާ ދުރަށް، މިންވަރު ކުރެއްވި ކަންތައްތަކަށް ބޯލަނބައިގެން ކުރިއަށް ދާން ޖެހެއެވެ. ތަގުދީރުގެ ނިންމުންތަކަކީ އަބަދުވެސް އިންސާނާ ހައިރާންކޮށްލާ ފަދަ ކަންތައްތަކެކެވެ.

“ޔާނާ…” އޯގާތެރިކަމާއެކު ޒައިން ގޮވާލިއެވެ. ޒައިންގެ އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ. ނަމަވެސް ޔާނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފާޅެއް ނުވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ މުޅިން އެހެން ވާހަކައެކެވެ. ޔާނާގެ މުޅި ދިރިއުޅުމަށް ވަނީ ކަޅުކަމާއި ބަނަކަން ވެރިވެފައެވެ. ކުރިމަތިން ފެންނަން އޮތް މުސްތަގުބަލުގައި އޭނާއަށް ފެންނަނީ ހަމައެކަނި އަނދިރިކަމެވެ. އުއްމީދުގެ ކުޑަވެސް މިންވަރެއް އެ ހިތަކު މިއަދަކު ނެތެވެ.

“ކަމެއް ގޯސްވީތަ؟” ޒައިން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ޔާނާގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ. އޭނާ އިނީ ދުރު ބަލާށެވެ. ޔާނާއަށް އިހުސާސް ކުރެވެން ފެށީ އޭނާގެ ދުނިޔެ ބަދަލުވެއްޖެ ކަމެވެ. އޭނާ އެންމެ ލޯބިވާ މީހާ ގެއްލިއްޖެ ކަމާއި، އެ އިންސާނާ ދުވަހަކުވެސް ދެން އޭނާއަށް ނުލިބޭނެ ކަމުގެ ހިތްދަތި އިހުސާސުން މުޅި މީހާ ވަނީ ބަލިކަށިވެފައެވެ.

ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. ޔާނާ އާއި ޒައިންގެ ދިރިއުޅުން ބަދަލުވީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އެއީ ފިނިގަދަ މޫސުމެކެވެ. ޖައްވު ވަނީ ހުދު ކުލައިގެ ސްނޯއިން ފުރިފައެވެ. ބޭރުން ފެންނަ ހިތްގައިމު މަންޒަރުތަކަކީ އެހެން މީހުންނަށް އުފާވެރި މަންޒަރުތަކަކަށް ވިޔަސް، ޔާނާގެ ދިރިއުޅުން ވަނީ މުޅިން އަނދިރިވެފައެވެ. އޭނާއަށް ޖެހުނީ މި ހިތްދަތިކަމަށް ކެތްކުރާށެވެ.

ޔާނާގެ ހިތުގެ ކޮންމެ ވިންދަކާ ގުޅިފައިވަނީ ޒަކުވާންގެ ހަނދާންތަކެވެ. އޭނާ ޒަކުވާން ދެކެ އިންތިހާއަށް ލޯބިވިއެވެ. ނަމަވެސް މިއަދު ޒަކުވާން އަކީ އޭނާއަށް ނުލިބުނު ނަސީބެކެވެ. އެ ހަނދާންތަކާ ދުރަށް ދާން އޭނާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އެ ހަނދާންތައް އޭނާގެ ހިޔަނި ފަދައިން ފަހަތުން އާދެއެވެ.

ކޮންމެ ރެއަކު ވެސް ޒައިން ނިދުމުން، ޔާނާގެ ކެތްތެރިކަން ކޮޅުންލައެވެ. އެކަނިވެރިކަމާއި ހިތްދަތިކަން އޭނާ ވަށާލައެވެ. އެ ދެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަން ފަށައެވެ. ތުނި ކޯތާފަތް މައްޗަށް ފައިބައިގެންދާ އެ ކަރުނަތަކަކީ ބޭރުފުށުން އޭނާ ދައްކާ ހިމޭންކަމުގެ ފަހަތުގައިވާ ރިހުމެވެ. މިއީ ޒަކުވާން އާއި ޔާނާގެ ދިރިއުޅުން މިންވަރުކުރެއްވި ހިތްދަތި ގޮތެވެ. އެކަކު އަނެކަކަށްޓަކައި ހިތް ތެޅުނަސް، މިއަދު އެއީ ދެމަގަކަށް ކޮޅުބެދިފައިވާ ދެ ދިރިއުޅުމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*