ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ހުށަހެޅުންތައް ދިރާސާކުރަމުންދާކަމަށް އީރާނުން ހާމަކޮށްފިއެވެ. މަސްދަރުތަކުން ބުނާގޮތުގައި މި ހުށަހެޅުމުގެ ސަބަބުން ރަސްމީކޮށް ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއިން ކުރާ މައިގަނޑު ޑިމާންޑްތަކަށް އަދިވެސް ވަނީ ވަކި ގޮތެއް ނުނިމިފައެވެ.
އީރާނުގެ “އައި.އެސް.އެން.އޭ” (ISNA) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާގެ ހުށަހެޅުމަށް ދޭނެ ޖަވާބު ތެހެރާނުން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. “އެމީހުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވަރަށް އުންމީދީ މަޝްވަރާތަކެއް ކުރެވިއްޖެ، އަދި އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް ގާތް ކަމެއް،” ބުދަ ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އެއް ދުވަސް ކުރިން، ސުލްހައިގެ ވާހަކަތަކުގައި ކުރިއެރުން ލިބެމުންދާކަން ފާހަގަކުރައްވައި، ބަންދުކޮށްފައިވާ ކަނޑުއޮޅި ހުޅުވުމަށް ކުރިއަށްގެންދާ “ޕްރޮޖެކްޓް ފްރީޑަމް” ޓްރަމްޕް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މި ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަށް އީރާނުން ދަނީ ބާރުއަޅަމުންނެވެ.
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ކަންތައްތަކާއި، މާހިރުންގެ ނަޒަރުގައި އީރާނުން މިކަމަށް ދޭނެ ޖަވާބާ ބެހޭ އިތުރު ތަފްސީލް ތިރީގައި އެވަނީއެވެ.
އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅީ ކޮން ކަންތައްތަކެއް؟
އެމެރިކާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ “އެކްސިއޯސް” އިން ރިޕޯޓްކުރާ ގޮތުގައި، 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމަކާ ހަމައަށް ދެ ފަރާތުން މިހާރު ވަނީ ވަރަށް ބޮޑަށް ގާތްވެފައެވެ. މި އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ ހަތިޔާރު އުފެއްދުމުން ދުރުހެލިވުމަށާއި، މަދުވެގެން 12 އަހަރުގެ މުއްދަތަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށް އީރާނުން އެއްބަސްވާންޖެހެއެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. 2015 ވަނަ އަހަރު ސޮއިކުރެވުނު ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވީ ނަމަވެސް، ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެކުލަވާލި އެ ތާރީޚީ އެއްބަސްވުމުން ރައީސް ޓްރަމްޕް ވަކިވެވަޑައިގަތުމާ ގުޅިގެން އެ ނިންމުން ވަނީ ބާތިލްކޮށްފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރުގެ ބޭންކުތަކުގައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ މުދަލާއި ފައިސާ އަދިވެސް ހުރީ ފްރީޒްކޮށްފައެވެ.
މިހާރު ހުށަހެޅިފައިވާ މި އެއްބަސްވުމާއި، މިދިޔަ ހަފުތާގައި އީރާނުން ހުށަހެޅި 14 ނުކުތާގެ ޕްލޭނާ ހުރި ތަފާތެއް އަދި ސާފެއް ނުވެއެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި އޭނާގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރެވެ. ދެ ފަރާތުން މި ފަށާ އެއްބަސްވުމަށް ރުހުން ދީފިނަމަ، ފުރިހަމަ އެއްބަސްވުމަކަށް އައުމަށްޓަކައި 30 ދުވަހުގެ ތަފްސީލީ މަޝްވަރާތަކުގެ މުއްދަތެއް ފެށޭނެއެވެ.
ފުރިހަމަ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ހޯރްމޫޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާނުން ކުރިއަށްގެންދާ ބްލޮކޭޑްތައް ނިމުމަކަށް އައިސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލެވި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކުރެވޭނެއެވެ. މީގެ އިތުރުން، އދ. ގެ ނިއުކްލިއާ ވޮޗްޑޮގުން ހުއްދަދީފައިވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ވަކި ހުދޫދުތަކެއް ކަނޑައެޅުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ހުށަހެޅުމަށް އީރާނުން އެއްބަސްވެދާނެބާ؟
އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ އިސް ލީޑަރުން ދަނީ މިކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.
އީރާނުގެ މަޖިލީހުގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު، އިބްރާހިމް ރެޒާއީ ސިފަކުރެއްވި ގޮތުގައި، މި ހުށަހެޅުމަކީ “ހަގީގަތަކަށްވުރެ ބޮޑަށް، އެމެރިކާގެ އަމިއްލަ އެދުންތަކެއް ހިމެނޭ ލިސްޓެއް” ފަދަ އެއްޗެކެވެ.

Leave a Reply