ފަލަސްތީނުގެ ބައިނަލްއަގުވާމީ 10 ވަނަ މެރެތަން، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމްގައި ބާއްވާފައިވާއިރު، އިޒްރޭލުގެ އުދުވާނާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މި މެރެތަންއާ އެކުލެވޭ ގޮތަށް ގާޒާގައިވެސް ވަނީ ދުވުމެއް ބާއްވާފައެވެ.
ހުކުރު ދުވަހުގެ ހެނދުނު ފެށި މި 42 ކިލޯމީޓަރުގެ ދުވުމުގައި، ފަލަސްތީނުގެ ރައްޔިތުންނާއި ބޭރުގެ އެކި ގައުމުތަކުގެ އެތައް ހާސް ދުވުންތެރިންނެއް ވަނީ ބައިވެރިވެފައެވެ. މި ދުވުން ފަށާފައިވަނީ ބެތުލެހެމްގެ ތާރީޚީ “ޗާޗް އޮފް ދަ ނެޓިވިޓީ” ސަރަހައްދުންނެވެ.
މެރެތަން ކޯޑިނޭޓަރު އިޢުތިދާލް އަބްދުލްޣަނީ ވިދާޅުވި ގޮތުގައި، މިއަހަރުގެ ދުވުމުގެ މައިގަނޑު މެސެޖަކީ “ވަތަނުގެ އެއްބައިވަންތަކަން” ހާމަކުރުމެވެ. އިޒްރޭލުގެ ހުރަސްތަކާއި ވަކިކުރުމުގެ ސިޔާސަތުތަކާއެކުވެސް، ފަލަސްތީނުގެ ދެ ސަރަހައްދުގައި އެއްވަގުތެއްގައި މި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގާޒާގެ މެދުތެރޭގައި 5 ކިލޯމީޓަރުގެ ވަކި ދުވުމެއް ބޭއްވުނުއިރު، އެ ދުވުން ކުރިއަށްދިޔައީ ވާދީ ގާޒާ ފާލަމުން ފެށިގެން އުތުރަށެވެ.
މީގެ އިތުރުން، އޭޕްރިލް 17 އިން 21 އަށް އެކި ގައުމުތަކުގައި ވަނީ “ވާޗުއަލް” މެރެތަންއެއްވެސް ބާއްވާފައެވެ. މި ހަރަކާތުގައި 88 ގައުމަކުން 5,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. ޖުމްލަ ގޮތެއްގައި މި ހަރަކާތުގައި 13,000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި ގާޒާގެ 2,523 މީހުންނާއި 75 ގައުމަކުން އައި 1,000 އެއްހާ ބޭރުގެ ދުވުންތެރިން ހިމެނެއެވެ.
މި މެރެތަންގައި ފުލް މެރެތަން، 21 ކިލޯމީޓަރުގެ ހާފް މެރެތަން، 10 ކިލޯމީޓަރުގެ ދުވުން އަދި އާއިލާތަކަށް ޚާއްސަ 5 ކިލޯމީޓަރުގެ ދުވުން ހިމެނެއެވެ. މިއީ ފަލަސްތީނުގެ ހަޔަރ ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސް، ފަލަސްތީން އޮލިމްޕިކް ކޮމިޓީ އަދި ބެތުލެހެމް މުނިސިޕަލިޓީ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މިއަހަރުގެ މެރެތަން ބާއްވާފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައިވެސް އިޒްރޭލުން ގާޒާއަށް ދެމުންދާ ރަހުމުކުޑަ ހަމަލާތަކާއި، 2023 އޮކްޓޯބަރުން ފެށިގެން ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައެވެ. ފަލަސްތީނުގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، އިޒްރޭލުގެ މި އުދުވާނުގައި މިހާތަނަށް ހުޅަނގު އައްސޭރިން 1,155 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ގާޒާއިން 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
ބެތުލެހެމްގެ މަގުތަކާއި އިޒްރޭލުން ޖަހާފައިވާ ފާރުތަކުގެ ކައިރިން ދުވުންތެރިން ދަތުރުކުރިއިރު ގިނަ ބަޔަކު ތިބީ ފަލަސްތީނުގެ ދިދަ ހިފައިގެންނާއި ފަލަސްތީނުގެ ސަގާފީ “ކެފިއާ” އަޅައިގެންނެވެ. މި މެރެތަންއަކީ ހަމައެކަނި ކުޅިވަރު ހަރަކާތެއްގެ އިތުރުން، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ސުލްހަވެރި އިހުތިޖާޖެއްގެ ގޮތުގައާއި، ގާޒާގެ ރައްޔިތުންނާއެކު ފަލަސްތީނާއި ބައިނަލްއަގުވާމީ މުޖުތަމައު ސާބިތުކަމާއެކު ތިބިކަން ހާމަކޮށްދިން މުހިންމު ހަރަކާތެކެވެ.

Leave a Reply