ޔާނާ 5

ޔާނާގެ ހަޔާތަކީ ބޭރުފުށުން އުޖާލާ، އެހެނަސް އެތެރެއިން ރިހުމުން ފުރިގެންވާ ހިތްދަތި ދަތުރެކެވެ. ކޮންމެ ރެއަކުވެސް ޒައިން ނިދުމުން، ޔާނާގެ ކެތްތެރިކަން ކޮޅުންލައެވެ. އެކަނިވެރިކަމާއި ހިތްދަތިކަން އޭނާ ވަށާލައެވެ. އެ ދެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަން ފަށައެވެ. ތުނި ކޯތާފަތް މައްޗަށް ފައިބައިގެންދާ އެ ކަރުނަތަކަކީ ބޭރުފުށުން އޭނާ ދައްކާ ހިމޭންކަމުގެ ފަހަތުގައިވާ ރިހުމެވެ. މިއީ ޒަކުވާން އާއި ޔާނާގެ ދިރިއުޅުން މިންވަރުކުރެއްވި ހިތްދަތި ގޮތެވެ. އެކަކު އަނެކަކަށްޓަކައި ހިތް ތެޅުނަސް، މިއަދު އެއީ ދެމަގަކަށް ކޮޅުބެދިފައިވާ ދެ ދިރިއުޅުމެވެ.

ޔާނާގެ ހިތުގެ ކޮންމެ ތަޅުމެއްގައި ވަނީ ޒަކުވާންގެ ހަނދާންތަކެވެ. އޭނާ އަބަދުވެސް ދުޢާކުރަނީ ޒަކުވާންއާއެކު އައު ދިރިއުޅުމެއް ފެށުމަށެވެ. އަދި އޭނާގެ މައިންބަފައިން އެކަމާ ރުހޭނެ ދުވަހަކަށެވެ.

ލަންޑަނަށް ފަތިސް ވަގުތެވެ. އޭރު ގަޑިން ފަތިހު 4:30 ވެއްޖެއެވެ. ބޭރުން އިވެނީ ފިނި ވަޔާއެކު ގަސްތަކުގެ ފަތްތައް ހޫރޭ އަޑެވެ.

“އަދިވެސް ނުނިދަނީތަ؟” ކުއްލިއަކަށް ޒައިންގެ އަޑު އިވުމުން ޔާނާ ސިހުނެވެ. ޒައިންގެ އަޑުގައި ވަނީ ނިދީގެ ކަންފުޅެކެވެ.

“މާ ފިނިގަދަވެގެން ނުނިދިފާ،” ލޮލުން އަންނަ ކަރުނަ އަވަސް އަވަހަށް ފުހެލުމަށްފަހު ޔާނާ ޖަވާބު ދިނެވެ. ޒައިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޭނާ ހީކުރަނީ ޔާނާއާއެކު އޭނާގެ ދިރިއުޅުން ފުރިހަމަވެފައިވާ ކަމަށެވެ. ނަމަވެސް ޔާނާގެ ހިތް އަދިވެސް ކިޔަނީ ޒަކުވާންގެ ނަމެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ލަންޑަނުގެ މަގުތަކަކީ ކާރުތަކުން ފުރިފައިވާ ކާރޫބާރޫ ބޮޑު މަގުތަކެކެވެ. ހިނގާބިނގާވެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. ޒައިން އާއި ޔާނާ ލަންޑަނުގެ ރީތި ތަންތަން ބަލާލުމަށް ގެއިން ނިކުތެވެ. އެމީހުން ދިޔައީ ކައިރީގައި އޮތް ހިތްގައިމު ޕާކަކަށެވެ.

ޕާކުގެ ބެންޗެއްގައި އިށީނދެލައިގެން ތިއްބާ، ޒައިން ފުން ނޭވައެއް ދޫކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“ޔާނާ، ސޮރީ. އަސްލު ކުށްވެރިވާނީ މަ. މަންމަމެންނަށް މަޖުބޫރު ކުރުވީ މަ،” ޒައިންގެ އަޑު ހުރީ ކުރެހިފައެވެ. އޭނާގެ ބަސްތަކުން ޔާނާއަށް ލިބުނީ ބޮޑު ސިހުމެކެވެ.

ޒައިން ކޮން ކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟” ޔާނާއަށް ހައިރާންވެ ހުރެ އަހާލެވުނެވެ.

“އާނ ޔާނާ.. ކުށްވެރިވާނީ މަ. އަހަންނަށް އެނގޭ ޔާނާ ޒަކުވާން ދެކެ އިންތިހާއަށް ލޯބިވާކަން،” ޒައިން އިސްޖަހާލައިގެން ހުރެ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރިއެވެ. އޭނާގެ އަމިއްލަ އެދުމުގެ ސަބަބުން ޔާނާގެ އުފާތައް ފޭރިގަނެވުނު ކަމުގެ އިހުސާސް އޭނާއަށް މިއަދު ކުރެވެނީއެވެ.

އެ ވަގުތު ޔާނާގެ އަތްދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ޔާނާ ފޯނު ނަގާ ބަލާލިއިރު، ގުޅަނީ އޭނާގެ މަންމައެވެ.

“ހަލޯ… ކީއްކޭ މަންމާ؟” ޔާނާ ފޯނު ނަގައި ޖަވާބުދާރީވިއެވެ.

“ދަރިފުޅުގެ ހާލު ބަލާލަން. ކޮބާ ޒައިން؟” މަންމަ ސުވާލުކުރިއެވެ.

ޔާނާ ޒައިންއަށް ފޯނު ދިނެވެ. ޒައިން އާއި ޔާނާގެ މަންމަ ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. ވާހަކަ ނިންމާލުމަށްފަހު ޒައިން ޔާނާއަށް ފޯނު ދިނެވެ. އަދި ޔާނާގެ ލޮލަށް ބަލާލަމުން އުއްމީދުން ފުރިގެންވާ ބަސްތަކެއް ބުންޏެވެ.

“މަ މި ކޯސް ނިންމާފަ، ޔާނާ އެންމެ އުއްމީދު ކުރަމުން އަންނަ ކަންތައް ކޮށްދޭނަން. ބާކީ އެބައިން ދެ މަސް.”

ޒައިންގެ އެ ބަސްތަކުން ޔާނާގެ ހިތުގައި އައު އުއްމީދެއް އުފެދުނެވެ. ދެމަސް ދުވަހުގެ އިންތިޒާރަށްފަހު، އޭނާގެ ހަޔާތުގެ ބަނަކަން ފިލައި، ޒަކުވާންއާއެކު އައު ފެށުމެއް ފެށޭނެ ކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*