“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް” : މާޅެންދޫ ވީ.ޓީ ބަލިކޮށް ވެލިދޫ އެސް.ސީ ފައިނަލް ކަށަވަރުކޮށްފި

ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް

ނ. ވެލިދޫގައި ކުރިއަށްދާ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ބޯލް ޓޯނަމަންޓް 2026” ގެ ފައިނަލުގެ ދެވަނަ ޖާގަ ވެލިދޫ އެސް.ސީ އިން ކަށަވަރުކޮށްފިއެވެ. ވެލިދޫ އެސް.ސީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާޅެންދޫ ވީ.ޓީއާ ބައްދަލުކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ބައްދަލުކުރި މާޅެންދޫ ވީ.ޓީ އަކީ 2025 ވަނަ އަހަރުގެ މި މުބާރާތުގެ ރަނަރަޕް ޓީމެވެ. މެޗުގެ ތެރެއިން މާޅެންދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފައިނަލަށް ދިއުމަށްޓަކައި އެ ޓީމުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ވެލިދޫ އެސް.ސީ އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ސެޓަށް ބަލާއިރު، ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މި ސެޓު 25-20 އިން ވެލިދޫ އެސް.ސީ ކާމިޔާބުކުރީ 5 ޕޮއިންޓުގެ ތަފާތަކުންނެވެ. މެޗުގެ އަނެއް ދެ ސެޓުވެސް ވެލިދޫ އެސް.ސީ އިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ސެޓު 25-12 އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ. މި މެޗް ގެ މެއިން އޮފް ދަ މެޗް އަށް ގޮސްފައި ވަނީ ވެލިދޫ އެސް.ސީ ޖާރޒީ ނަމްބަރ  12 ސޮފްއަތް މުހައްމަދުފުޅު .

މި ކާމިޔާބީއާއެކު މުބާރާތުގެ ފައިނަލް މެޗުގައި ވެލިދޫ އެސް.ސީ ބައްދަލުކުރަން ޖެހޭނީ ހެނބަދޫ ވީ.ޓީ އާއެވެ. ހެނބަދޫ ވީ.ޓީ އަކީ 2025 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2025 ވަނަ އަހަރުގެ ފައިނަލްގައި ހެނބަދޫ ވީ.ޓީ ބައްދަލުކޮށްފައިވަނީ މާޅެންދޫ ވީ.ޓީ އާއެވެ.

“ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯލް ޓޯނަމަންޓް 2026” ގެ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ 10 މޭ 2026 ވާ އާދިއްތަ ދުވަހުއެވެ. މި މެޗުން މިއަހަރުގެ ތަށި އުފުލާލާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހެނބަދޫތޯ ނުވަތަ އަމިއްލަ ރަށުގައި ކުޅޭ ވެލިދޫ އެސް.ސީތޯ ބެލުމަށް ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*