އެމެރިކާގައި ފުޓްބޯޅަ މިހާރު ވަނީ ވަރުގަދަ އަސާސެއްގެ މައްޗަށް ބިނާވެފައެވެ. 1994 ވަނަ އަހަރާ ޚިލާފަށް، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވާ ވޯލްޑް ކަޕް ބޭއްވުމަށް އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރަށެވެ. އެމެރިކާގައި އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވިއިރު، އެ ގައުމުގައި ޕްރޮފެޝަނަލް ލީގެއް ނެތެވެ. އަދި ގައުމީ ޓީމު އެކުލަވާލާފައިވަނީ ކޮލެޖް ނިންމާފައިވާ ކުޅުންތެރިންނާއި، އާދައިގެ ފެންވަރުގެ ކުޅުންތެރިންގެ އިތުރުން ސެމީ-ޕްރޮފެޝަނަލް ކުޅުންތެރިން ހިމަނައިގެންނެވެ.
1994 ވަނަ އަހަރުގެ މުބާރާތާ ކުރިމަތިލިއިރު، ޓިކެޓް ވިކޭނެތޯ އޮތީ ބޮޑު ސުވާލެއް އުފެދިފައި،” އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ސުނިލް ގުލާޓީ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. “އޯގަނައިޒިން ކޮމިޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރިހާ ޓިކެޓެއް ވިކި ހުސްވާނެތޯ އޮތް ބިރު.”
އެހެންނަމަވެސް، 1994 ވަނަ އަހަރުގެ މުބާރާތް ނިމިގެންދިޔައީ ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. ރެކޯޑް އަދަދެއް ކަމަށްވާ 3.5 މިލިއަން މީހުން (މެޗަކަށް އެވްރެޖްކޮށް 68,991 މީހުން) މެޗުތައް ބަލަން ދިޔައެވެ. އަދި 1930 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާ ގްރޫޕް ސްޓޭޖް ފަހަނައަޅައި، ގަދަ 16 ގައި އެ ފަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުން 1-0 އިން ބަލިވިއެވެ. އެންމެ މުހިންމު ކަމަކީ، މި މުބާރާތުގެ ސަބަބުން އެމެރިކާގެ ޕްރޮފެޝަނަލް ލީގު، މޭޖަރ ލީގު ސޮކާ (އެމް.އެލް.އެސް) ވުޖޫދަށް އައުމަށް މަގުފަހިވުމެވެ.
އޭގެ ފަހުން އެމެރިކާގައި ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، މުޖުތަމައުގެ މައިގަނޑު އެއް ހަރަކާތަށް ވަނީ ވެފައެވެ.މިއަދު އެމް.އެލް.އެސް އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. އެމެރިކާގެ ގައުމީ ޓީމު މިހާރު އޮތީ ފީފާ ރޭންކިންގެ 16 ވަނައިގައެވެ. އަދި މިއަހަރު ވޯލްޑް ކަޕް އެނބުރި އަންނައިރު، ޓިކެޓްގެ ޑިމާންޑް އޮތީ އަތްނުފޯރާ ފަށުގައެވެ.
“1994 ގައި މީހަކު ކައިރީގައި އެމް.އެލް.އެސް އަކީ 30 ޓީމު ހިމެނޭ، 22 ޚާއްސަ ފުޓްބޯޅަ ސްޓޭޑިއަމް ހުންނަ، އަދި މެޗަކަށް އެވްރެޖްކޮށް 20,000 މީހުން ވަންނަ ލީގަކަށް ވާނެއޭ ބުނިނަމަ އެއީ ހުވަފެނެއްގައިވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،” ގުލާޓީ ވިދާޅުވިއެވެ.
“މިހާރު މުޅި މަންޒަރު ވަނީ ބަދަލުވެފައި. އެންމެ ބޮޑު ކުރިއެރުމަކީ ޕްރޮފެޝަނަލް ލީގުތައް ކަމަށްވާ އެމް.އެލް.އެސް އާއި އަންހެން ލީގު (އެން.ޑަބްލިޔު.އެސް.އެލް) ތަރައްގީވުން. ކުރިން ފުރަތަމަ ޑިވިޝަނެއް ނެތް ނަމަވެސް، މިހާރު ޔޫ.އެސް.އެލް ގެ ދެވަނަ އަދި ތިންވަނަ ޑިވިޝަން ވެސް އެބައޮތް. ޓީމުތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައި.”
ގުލާޓީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ އަގުބޮޑު 50 ޓީމުގެ ތެރޭގައި އެމް.އެލް.އެސް ގެ 18 ޓީމެއް ހިމެނެއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ކޮލަމްބަސްގެ އަންހެން ޓީމު ދާދިފަހުން 205 މިލިއަން ޑޮލަރަށް ވިއްކާލާފައިވާއިރު، ފުޓްބޯޅައަށް އޮތް ވިޔަފާރީގެ ޝައުގުވެރިކަން މިހާރު ވަނީ އެންމެ މަތީ ދަރަޖައަށް ގޮސްފައެވެ.
މި ކުރިއެރުމުގެ އަސްލަކީ ފީފާގެ ކުރީގެ ރައީސް ޔާއޯ ހެވެލާންޖްގެ ދުރުވިސްނުމެވެ. އޭނާ ބޭނުންފުޅުވީ 1994 ގެ ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުމުގެ އިތުރުން، އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް ގާއިމުކުރުމަށެވެ.
ނަމަވެސް މިއީ ފަސޭހަ ކަމެއް ނޫނެވެ. އެމެރިކާގައި 19 ވަނަ ގަރުނުން ފެށިގެން ފުޓްބޯޅަ ކުޅެމުން އައި ނަމަވެސް، އެކި ފަހަރުމަތިން އުފެއްދި ޕްރޮފެޝަނަލް ލީގުތައް ވަނީ ބަނގުރޫޓުވެފައެވެ. 1984 ގައި ނޯތު އެމެރިކަން ސޮކާ ލީގު (އެން.އޭ.އެސް.އެލް) އުވާލުމުން، އެމެރިކާގައި ފުޓްބޯޅައިގެ މުސްތަގުބަލެއް އޮތް ކަމަކަށް ނުފެނުނެވެ. އެހެންނަމަވެސް ފީފާއިން މިކަން ބަދަލުކުރިއެވެ.
ފީފާއަށް މާކުރިންވެސް އެނގޭ ބައިނަލްއަގުވާމީ ފެންވަރުގައި ފުޓްބޯޅަ ކުރިއަރާނީ އެމެރިކާގައި އެ ކުޅިވަރު ކާމިޔާބުވެގެންކަން،” އެން.އޭ.އެސް.އެލް ގައި ކުރިން ކުޅުނު ފާރޫގް ގުރައިޝީ ވިދާޅުވިއެވެ.
މާޒީއަށް ބަލާއިރު، މުޅި ގައުމަށް އަމާޒުކުރެވިފައިވާ ޕްރޮފެޝަނަލް ލީގެއް ނެތި އެމެރިކާއިން ވޯލްޑް ކަޕްގައި ވާދަކޮށް، މުބާރާތެއް ހޯސްޓްކުރުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. ގިނަ އަހަރުތަކެއް ވަންދެން އެމެރިކާގެ ފުޓްބޯޅަ ބިނާވެފައި އޮތީ އަމިއްލަ ޖަމިއްޔާތަކާއި ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. 1990 ގެ ކުރީކޮޅު ގާތްގަނޑަކަށް 18 މިލިއަން މީހުން ފުޓްބޯޅަ ކުޅެމުން ދިޔަ ނަމަވެސް، އެންމެ މަތީ ފެންވަރުގެ ލީގެއް ނެތުމުން ކުޅުންތެރިންނަށް ކުރިއަށް ދާނެ މަގެއް ނެތެވެ.
1994 ގެ ވޯލްޑް ކަޕަށްފަހު، 1996 ވަނަ އަހަރު އެމް.އެލް.އެސް ގެ ފުރަތަމަ މެޗު ކުޅެވުނެވެ. ސެން ހޯޒޭ ކްލޭޝް އާއި ޑީ.ސީ ޔުނައިޓެޑް ބައްދަލުކުރި އެ މެޗު 1-0 އިން ކާމިޔާބުކުރީ ސެން ހޯޒޭ އެވެ.1999 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައަށް ޚާއްސަ ސްޓޭޑިއަމްތައް ބިނާކުރަން ފެށުނެވެ. ކޮލަމްބަސް ކުރޫ ސްޓޭޑިއަމަކީ 1922 ވަނަ އަހަރަށްފަހު ފުޓްބޯޅައަށް އެކަނި ޚާއްސަކޮށްގެން އެމެރިކާގައި ބިނާކުރި ފުރަތަމަ ބޮޑު ސްޓޭޑިއަމެވެ. މިއަދު އެމް.އެލް.އެސް ގެ 22 ޓީމެއް އަމިއްލަ ސްޓޭޑިއަމްތަކުގައި މެޗުތައް ކުޅެމުންދާއިރު، މިއީ އެމެރިކާގެ ފުޓްބޯޅައަށް އައިސްފައިވާ އާދަޔާޚިލާފު ކުރިއެރުމެކެވެ.

Leave a Reply