އެއީ ފަނޑު ހަނދުވަރުގެ ރީތި ރެއެކެވެ. އުޑުމަތީގައި ބަބުޅަމުންދިޔަ ސާދަ ފަނަރައިގެ ފުރިހަމަ ހަނދުގެ ރީތިކަން މުޅި މާހައުލަށް ފެތުރިފައިވެއެވެ. ނަމަވެސް ގޭގައި އެކަނި އިނުމުން ފޫހިވާތީ، ޒަކުވާން ނިންމީ އެކަނި ސައިކަލު ބުރުޖަހާލަން ދިއުމަށެވެ. އޭނާ ސައިކަލަށް އަރައި މަޑުމަޑުން ދުއްވާލިއެވެ.
މަގުތަކުގެ ބައްތިތަކުގެ ފަނޑުއަލީގެ ތެރެއިން އޭނާ ދަތުރުކުރަމުން ދިޔައިރު، ރަށުތެރެއިން ކުރިން އިވުނު ކާޅާއި ކޮވެލީގެ އަޑުތައް މިހާރު ވަނީ މުޅިން ކެނޑިފައެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. މަގުތައް ވަނީ އާދަޔާ ހިލާފަށް ހަމަހިމޭންކޮށެވެ. އެއްވެސް މީހެއްގެ ހިލަމެއް، ފެންނަ ހިސާބަކު ނެތެވެ. މަގުބައްތީގެ ފަނޑު އަލިކަން ފިޔަވައި އިތުރު އަލިކަމެއް ފެންނާކަށް ނެތެވެ.
އަހަރެން ސައިކަލު ދުއްވާލަން ނިކުތީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ނަމަވެސް، ޒަކުވާންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަންނަން ފެށީ އެވަގުތެވެ. އެ ހިސާބުގައި ސައިކަލުގެ އިންޖީނުގެ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް ބަޑެއް ނެތެވެ. ގަސްތަކުގެ ފަތްތައް ހަލާލާ އަޑުވެސް އިވޭހާ އެ ތަން ވަނީ ހިމޭންވެފައެވެ.
އޭނާއަށް ނޭނގުނު ކަމަކީ، މިރޭގެ މި ދަތުރަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދަތުރެއް ކަމެވެ. ކުރިއަށް ދިޔަ ވަރަކަށް، މަގުގެ އަރިމަތީގައި ހުރި ބޮޑު ނިކަގަހުގެ ހިޔަނިތަކުގެ ތެރެއިން، އާދަޔާ ހިލާފު ކަޅު ހިޔަންޏެއް އޭނާގެ ފަހަތުން ދަތުރުކުރާހެން ހީވާން ފެށިއެވެ. ޒަކުވާން ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. ނަމަވެސް އެ ކަޅު ހިޔަނި އޭނާއާ ދުރެއް ނުވިއެވެ. ހީވަނީ އޭނާގެ ހަށިގަނޑާ ތަތްވެފައިވާ ފަދަ އެއްޗެއް ހެންނެވެ. ހަނދުވަރުގެ އަލީގައި ފެންނަ އެ ބިރުވެރި ހިޔަނިން ޒަކުވާންގެ ލޯތްބާއި އުއްމީދުތައް ބިރުވެރިކަމަށް ބަދަލުކޮށްލައިފިއެވެ. އެއީ އޭނާ ދުވަހަކުވެސް ތަޖުރިބާކުރި އެންމެ ނާމާން ދަތުރެވެ.
ޒަކުވާން ސައިކަލުގެ ދުވެލި ބާރުކުރަމުން ދިޔަ ވަރަކަށް، އެ ބޮޑު ބިޔަ ކަޅު ހިޔަނިވެސް އޭނާއާ އެއްވަރަށް ދުވަމުން އަންނަ ކަހަލައެވެ. ފަހަތް ބަލާލަން ނުކެރުނަސް، އޭގެ ނާމާން އިހުސާސް ޒަކުވާންގެ މުޅި ހަށިގަނޑަށް ކުރެވެމުން ދިޔައެވެ. ބިރުން ގޮސް މޭގަނޑު އަނގައަށް އަންނަ ވަރު ވިއެވެ. ހިތް އިންތިހާއަށް ތަޅެމުން ދިޔައިރު، އޭނާ ދިޔައީ ހަނދާނަށް އައިހާ ހެޔޮ އެއްޗެއް ކިޔައި މާތްﷲގެ ރަޙުމަތަށް އެދެމުންނެވެ.
ގޭގެ ގޭޓާ ހަމައަށް ފޯރުނުއިރު، ޒަކުވާން ހުރީ ބިރުން ގޮސް މުޅިން ހަފުސްވެފައެވެ. ސައިކަލުން ފޭބިއިރު އޭނާގެ ދެފައި ތަޅަނީއެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ގެއަށް ވަދެ ދޮރު ތަޅުލުމަށްފަހު، އެނދުމައްޗަށް އޭނާ އުކާލެވުނެވެ. އެވަގުތު އޭނާގެ ހަށިގަނޑު ހީވަނީ އަލިފާންގަނޑެއް ހެންނެވެ. ބިރުގަތްވަރުންނާއި ކުރެވުނު ނާމާން ތަޖުރިބާގެ ސަބަބުން އޭނާ ހުރީ ގަދަޔަށް ހުން އައިސްފައެވެ. އެ ނާމާން ކަޅު ހިޔަނި އޭނާގެ ލޮލަށް ފެނުނު ހިސާބުން ފެށިގެން، އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ރެއެއް ނޫނެވެ.

Leave a Reply