ޔާނާގެ ހަޔާތުގެ އައު ބާބެއް މިއަދު މިވަނީ ފެށިފައެވެ. އެތަކެއް އަހަރެއްގެ އުއްމީދަކަށްފަހު، އޭނާގެ ހިތުގައި އުފެދިފައިވާ ހަލަބޮލިކަމަށް މިއަދު ވަނީ ނިމުމެއް އައިސްފައެވެ.
“ޔާނާ.. ޔާނާ އެންމެ ހިތް އެދުނު ގޮތަށް މިއަދު އަހަރެން މި ނިންމީ. އަހަރެން އުއްމީދުކުރަން ޔާނާ އަހަރެން މި ކޮށްދިން ކަންކަމަށް ޝުކުރުވެރިވާނެ ކަމަށް އަދި އުފާވެރި ދިރިއުޅުމެއްގައި އުޅޭނެ ކަމަށް،” ފެމެލީ ކޯޓުން ނުކުމެ، ސައިކަލަށް އަރަމުން ޒަކުވާން ބުނެލިއެވެ. އެ ބަސްތަކާއެކު އޭނާ ސައިކަލު ދުއްވާލީ ޔާނާގެ ދިރިއުޅުމުން ތާއަބަދަށް ވަކިވަމުންނެވެ.
މިއަދު ޔާނާއާއި ޒަކުވާންގެ ކައިވެނީގެ ގުޅުން ނިމުމަކަށް އައީއެވެ. ޒަކުވާން އެ ދިޔައީ ޔާނާގެ ހިތް އެދޭ ފަދައިން އޭނާ ވަރިކޮށް، ޒައިންއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދިފައެވެ. ޔާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއީ ހިތަށް ލިބުނު ލުޔެއްގެ ނޭވާއެކެވެ. ކޮނޑުގައި އޮތް އަތްދަބަހުގެ ޒިޕް ކަހާލުމަށްފަހު، ފޯނު ނަގައި އޭނާ ޒައިންއަށް މެސެޖެއް ކޮށްލިއެވެ.
“އަހަރެން ބަލާ އާދެވޭނެތަ؟ މިހުރީ ފެމެލީ ކޯޓު ކައިރީގައި.”
މާގިނަ އިރެއް ނުވެ ޒައިންގެ ޖަވާބު އައެވެ. “އޯކޭ، މިދަނީ.”
ގާތްގަނޑަކަށް ފަނަރަ މިނެޓު ފަހުން ޒައިން ސައިކަލުގައި އައިސް ޔާނާ ހުރި ތަނަށް މަޑުކޮށްލިއެވެ. ޒައިންގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އޭނާ ޔާނާ ގޮވައިގެން ދިޔައީ ފުޑް ކޯޓަށެވެ. އެތަނަށް ވަދެ ދެމީހުން ސައިބޯން އިށީނެވެ.
“ކީއްވެ ތި ވަރިވީ؟ ކާކު ބުނި ބުނުމަކަށް ތި ވަރިވީ؟” ޒައިން ނުރުހުމުގެ ރާގަކަށް ސުވާލުކޮށްލިއެވެ.
ޔާނާ އިސްޖަހާލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ. “ސޮރީ ޒައިން.. އަސްލު އަހަރެމެން ދެމީހުންނަށް (ޒަކުވާންއާއި އަހަރެންނަށް) އެކުގައި އުޅެވެން ނެތީ.”
ޔާނާގެ ހިތުގައި އަބަދުވެސް އޮންނަނީ ޒަކުވާން ހިޔާލެވެ. ޒައިން އޭނާއަށްޓަކައި ވީ ގުރުބާނީއާއި، ބެހެއްޓި ގާތްކަމެވެ. ސައިބޯ ނިމުމުން ވެއިޓަރު ބިލް ގެނައުމާއެކު ޒައިން ބިލް ދެއްކިއެވެ. އެއަށްފަހު ދެމީހުން ސައިކަލުގައި މިސްރާބު ޖެހީ ގެޔާ ދިމާ އަށެވެ.

Leave a Reply